ދިރާގު ޓީވީ ދެން ބަދަލުވާނީ އެސްއެސް ނެޓް ޓީވީ އަށެވެ. ހިދުމަތް ދޭނީ ދިރާގު ކޭބަލަކުންނެވެ. އެ ކޮލިޓީގައި، ހިދުމަތް ހޯދަން ކަސްޓަމަރުންނަށް ފުރުސަތު އެބަ އޮތެވެ. މި ކުންފުނި އުފައްދާފައި ވަނީ މި އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ.
"ދިރާގު ޓީވީ" ނިއްވާލަން ދާ ތަނުގައި އެ ހިދުމަތް ގަނެލި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް) ގެ އެސްއެސް ނެޓްވޯކް ކުންފުނީގެ "އެސްއެސް ނެޓުން"، ދިރާގު ޓީވީ ބަލަން ތިބި މީހުންނަށް ދޭ ޔަގީން ކަމެކެވެ. ހާސްވާނެ ކަމެއް ނެތެވެ. ގޯހެއް ނުވާނެ އެވެ. ވަންޏާ ވާނީ ރަނގަޅެކެވެ. ކޮލިޓީ ވެސް ރަނގަޅުވާނެ އެވެ. ހިދުމަތް ވެސް ރަނގަޅުވެފައި މޮޅުވާނެ އެވެ. އަގުތައް ވެސް ރީޒަނަބަލް ވާނެ އެވެ. ޔަގީންކަން ދެވޭނީ މިވަރަށެވެ.
"އަޅުގަނޑުމެން ދޭނެ ޔަގީން ކަމަކީ ހިދުމަތް ނުކެނޑި ކުރިއަށްދާނެކަން. އެހެންވީމަ މިހާރު އެ ހިދުމަތް [ދިރާގު ޓީވީ] ބޭނުން ކުރާ ކަސްޓަމަރުންނަށް މިހާރަށް ވުރެ ވެސް މޮޅު ކޮލިޓީގައި އަގު ހެޔޮކޮށް ހިދުމަތް ހޯދަން ފުރުސަތު ފަހި ވާނެ،" ދިރާގު ޓީވީ ގަނެ ހިދުމަތް ފަށަން ތައްޔާރު ވެފައިވާ، އެސްއެސް ނެޓުގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވި އެވެ.
"މި" ނޫހާ ވާހަކަ ދައްކަވަމުން ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މޮންދު ވިދާޅުވީ އެސްއެސް ނެޓުން ހިދުމަތް ފަށާއިރު އޮތް އެންމެ ބޮޑު ޔަގީން ކަމަކީ މުޅި ރާއްޖެ ކަވަރުކުރާ ކޭބަލެއް މެދުވެރިކޮށް ހިދުމަތް ދޭން ފުރުސަތު ލިބުމެވެ.
އޭނާ އަދި ވިދާޅުވި ގޮތުގައި އެއާއެކު ހިދުމަތް ދޭނެ އަގުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.
"އަޅުގަނޑުމެން ހިދުމަތް މި ދެނީ [ދިރާގު] ގެ ކޭބަލުން. ދިރާގުން އަންނަ މަހުގެ 29 ގައި ހިދުމަތް ހުއްޓާލުމާއެކު އަޅުގަނޑުމެންގެ ހިދުމަތުގެ ސުވިޗް އޮން ކޮށްލާނެ،" މޮންދު ވިދާޅުވި އެވެ.
އަޅުގަނޑުމެން ހިދުމަތް ދޭނީ ދިރާގުގެ ކޭބަލް މެދުވެރިކޮށް، ދިރާގު ޓީވީ ހުއްޓާލުމާއެކު އަޅުގަނޑުމެންގެ ހިދުމަތުގެ ސުވިޗް އޮން ކޮށްލާނަން،
މުހައްމަދު އާސިފް | އެސްއެސް ނެޓުގެ ސީއީއޯ
އެސްއެސް ނެޓުން ވަނީ މި ހިދުމަތް މެދުކެނޑުމެއް ނެތި ދިނުމަށްޓަކައި ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކަސްޓަމަރުން ހޯދަން ފަށަން ވެސް ނިންމާފަ އެވެ. ސަބަބަކީ ގާނޫނު ހަދާފައި އޮތް ގޮތުން ދިރާގު ކަސްޓަމަރުން އެސްއެސް ނެޓަށް "ހިޖުރަކޮށްލަން ވެސް / ނަގުލުވާން ހިރިލެވޭނެ ބާރުވެސް ނެތުމެވެ. އެހެންވެ ކަސްޓަމަރުންގެ އަމިއްލަ އިހުތިޔާރުގައި ޖެހެނީ އެސްއެސް ނެޓުގެ ކޭބަލް ޓީވީ ނަގާށެވެ.
ކުރިން ޓީވީއެމާއި ވީޓީވީ ހިންގެވުމުގައި އިސްކޮށް އުޅުއްވި އަދި މިހާރު ސަން މީޑިއާގެ އިސް މަގާމެއް ފުރުއްވަނުން ގެންދަވާ މޮންދު ވިދާޅުވި ގޮތުގައި އަލަށް އެ ހިދުމަތް ފަށާއިރު މިހާރު ދޭ ހިދުމަތަށްވުރެ ވެސް ފުރިހަމަ ކުރަން މަސައްކަތް ކުރައްވާނެ އެވެ.
"މިހާރު ދިރާގުން ދޭ ދިރާގު ޕްލޭ ވެސް އެސްއެސް ޕްލޭގެ ނަމުގައި ދޭނެ. ދިވެހި އުފެއްދުންތެރިންނަށް ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ވެސް އަޅުގަނޑުމެން ދޭނަން. ކަސްޓަމަރުން ބޭނުން ވާނީ ފެންވަރު ރަނގަޅު ހިދުމަތެއް. އެކަން އަޅުގަނޑުމެން ކޮށްދޭނަން،" މޮންދު ވިދާޅުވި އެވެ.
އަދި މި ހިދުމަތް މިހާރު ދެމުން ގެންދާ ދިރާގުގެ ގައި ލެނގިލައިގެން އަލަށް ކޭބަލް ޓީވީގެ ހިދުމަތަށް ނުކުތް އެސްއެސް އާއި ދިރާގާ ދެމެދު އުފެއްދު ވިޔަފާރީގެ ގުޅުމުގެ އަގަކީ ކިހާ ވަރެއްތޯ އެއީ އަދި މާބޮޑު ސުވާލެކެވެ.
އެސްއެސް ނެޓުން ދިރާގު ޓީވީ ގަތް އަގު ހާމައެއް ނުކުރެ އެވެ. ނަމަވެސް މޮންދު ވިދާޅުވީ ގަތީ "ހަމަ ރަނގަޅު އަގެއްގަ" އެވެ. އަދި ދިރާގާއި އެސްއެސް ނެޓާ ދެމެދު އުފެދުނު "ވިޔަފާރީގެ މި ގުޅުމު" ގައި ދިރާގުގެ ދައުރަކީ ޓެކްނިކަލް ސަޕޯޓް ދިނުނެވެ. އެސްއެސް ނެޓުގެ ޒިންމާއަކީ ހިދުމަތް ދިނުމެވެ.
"ދިރާގަށް ލިބޭނެ ފައިދާއަކީ އެ ބޭފުޅުންގެ ނެޓްވޯކް ކޭބަލް އަޅުގަނޑުމެންނަށް ލީޒް [ކުއްޔަށް] ދިނުން. އަޅުގަނޑުމެންގެ މަސައްކަތަކީ ހިދުމަތް ދިނުން،" މޮންދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ3 ނެތް ބަޔަކާ ވާދަ ކުރުމުގެ މަގުސަދެއް. ބޭނުންވަނީ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން، އޭރުން އަޅުގަނޑުމެނަށް މާކެޓް ޝެއާ ލިބޭނެ."