ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ކަރެކްޝަންގެ މީޑިއާ އޮފިސަރަކު "މި" ނޫހަށް ދެންމެ ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒު ކުރުމަށް ރައީސް ޔާމީން އެ ސާވިސްއާ ހަވާލު ކުރުމުން ދެންމެ ޖަލަަށް ގެންގޮސްފައިވާ ކަމަށެވެ. އެމަނިކުފާނު ގެންދެވީ މާފުށީ ޖަލަށް ކަމަަށް ވެސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ޕްރިޒަންސް ލޯންޗުގައި ލައިފްޖެކެޓް އަޅުއްވައިގެން އެ މަނިކުފާނުގެ ޖަލު ދަތުރު ފައްޓަވަމުން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ -- ޒައިން | މި

އެގާރަ އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާފުށީ ޖަލަށް ދެންމެ ގެންގޮސްފި އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިސަރު "މި" ނޫހަށް ދެންމެ ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ރައީސް ޔާމީން އެ ސާވިސްއާ ހަވާލު ކުރުމުން ދެންމެ ޖަލަަށް ގެންގޮސްފައިވާ ކަމަށެވެ. އެމަނިކުފާނު ގެންދިޔަީ މާފުށީ ޖަލަށް ކަމަަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށްފި އެވެ. ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގެ ތެރެއިން ރައީސް ޔާމީނަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ.

ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާ ގުޅިގެން ކަނޑައަޅާފައި ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މި ކުށުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި ކުށްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ކަމުން، ކުށުގެ ދަރަޖަ ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ޕްރިޒަންސް ލޯންޗުގައި ލައިފްޖެކެޓް އަޅުއްވައިގެން އެ މަނިކުފާނުގެ ޖަލު ދަތުރު ފައްޓަވަމުން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ -- ޒައިން | މި

ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަށް އިއްވީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެޔާއެކު ދެ ދައުވާއަށް ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ. ޖޫރިމަނާގެ އަދަބަކަށް ފަސް މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ އެމަނިކުފާނު ލޯންޑާކުރި އެއް މިލިއަން ޑޮލަރުގެ މިންވަރު ފަސް ގުނައަށް ބޮޑު ކުރުމަށްފަހު އެވެ.

މި މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ރިޝްވަތު ދިނުމުގެ ކުށުގެ އަސާސީ އަދަބެވެ. ކުށް ކޮށްފައިވާ ގޮތާއި މިއީ ދުރާލާ ރާވައިގެން، ރައީސުލްޖުމްހޫރިއްޔާ ޝާމިލްވާ ގޮތަށް ކޮށްފައިވާ ކުށެއް ކަމަށްވާތީ، ކުށުގެ ދަރަޖަ ކުޑަ ކޮށްދެވެން ނެތް ކަމަށް ވަނީ ކަނޑައަޅާފައި އެވެ.

މިއަދު އިއްވި ހުކުމުގައި ވަނީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެން މާލީ މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީ ބުނާއިރު ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތަށް ލިބުނު ފައިސާ ކަމަށް ބެލި ނަމަވެސް ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ ފެންނަން ނެތް ކަމަށާއި ސިޔާސީ ކަންކަމަށް ލިބޭ ފައިސާއަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާއެކު ރައީސް ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށާއި ރައީސް ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅެއް ނޫން ކަމަށްވާތީ ލޯންޑަރިންގެ ދައުވާގެ އުންސުރުތައް ވެސް ފުރިހަމަވެފައިވާ ކަމަށެވެ.

އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ރައީސް ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތު ކުރި އިރު، ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެނގޭނެ ކަމަށް ވެސް ހުކުމް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.