ޒުވާނުން ބިނާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރޭ: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މީހުން ބިނާކުރުމުގައި މަސައްކަތުގެ ހުނަރު ފޯރުކޮށްދިނުމުގައި މި ސަރުކާރުން ކުރާ މަސައްކަތްތަކަކީ ކުރީން މި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކަށް ވުރެ މުހިއްމު އަދި ގިނަ މަސައްކަތް ތަކެއް ކަމަށެވެ.

މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން

މި ސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ ކަމަށް މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީހުން ބިނާކުރުމުގައި މަސައްކަތުގެ ހުނަރު ފޯރުކޮށްދިނުމުގައި މި ސަރުކާރުން ކުރާ މަސައްކަތްތަކަކީ ކުރީން މި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކަށް ވުރެ މުހިއްމު އަދި ގިނަ މަސައްކަތް ތަކެއްކަމަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ގިނަ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި. ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި. ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި. ދަތި އުނދަގޫ ދުވަސްވަރުގައި ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިއައީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާގެ މަސައްކަތުގެ ތައުލީމާއި ހުނަރު އެއީ ރާއްޖެއަށް ބޭނުންވާ އެންމެ މުހިއްމު އެއް ދާއިރާކަން ފާހަގަކުރައްވާ މި މަސައްކަތުގެ ތައުލީމާއި ހުނަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރެވޭ އުމުރުފުރާގެ އެންމެނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވި އެވެ. ޕޮލިޓެކްނިކުން ކުރަނީ އެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގެ ތަފާތު ޕޮލިސީތައް ވެސް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަގުފަހިކޮށްދެވޭތޯ ކަމަށްވެސް ވިދާޅުވިއެވެ.

"ކޮވިޑުގެ އާލިމީ ވަބާއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ހާއްސަކޮށް ސްކިލްޑް މީހުންނާއި ސެމީ ސްކިލްޑް މީހުން ރާއްޖެ ދޫކޮށްލާފައި ދިއުމުން އަޅުގަނޑުމެން ތައާރަފްކުރި ސްކިލްސް ފޯ ރެޒިޑެންސް ވޯކް ފޯސްގެ ސްކީމުގެ ވާހަކަ. ދަރިވަރުންނަށް ހިލޭ ކިޔަވައިދިނުމުގެ އިތުރަށް ޕޮކެޓު މަނީއެއް ދީގެން ފަތުރުވެރިކަމާއި އައިސީޓީގެ ދާއިރާއިން އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން ކޯސްތަކަށް ދަރިވަރުން އެޓްރެކްޓު ކުރުވާ އެކުދިންނަށް މަސައްކަތުގެ ދާއިރާއަށް ނެރެދިނުމުގެ މާތް މަގުސަދު،" މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހުނަރުވެރި ދިވެހިން ތިބިކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެފަދަ ދިވެހީންނަށް ސަނަދެއް ނެތުމުން ގޮންޖެހުންތައް ކުރިން ކުރިމަތިވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ރަސްމީ ތައުލީމުގެ ދާއިރާއަށް ނުވަދެ ސަނަދެއް ހޯދުމުގެ ފުރުސަތު ފޯރުކޮށްދީފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި މަސައްކަތްތައް ބޭނުންވާ ދާއިރާތައް ދެނެގަންނަން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

އަަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫ އާއި ރ. އަލިފުއްޓާއި ނ. ކެނދިކުޅުދޫގެ އިތުުރުން ހއ. ދިއްދޫގެ މަސައްކަތްތައް ފެށިފައިވާއިރު އެރަށްރަށުގެ ރައްޔިތުންނަށް މިހާރު އެ މަސައްކަތްތައް ފެށިފައިވާ ކަމުގެ އިހުސާސް ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ބޮޑު މަންޒަރުގެ ތެރެއިން ކުޑަ ކުޑަ ތަންކޮޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.