ތަށި އާޖެންޓީނާއަށް، މެސީގެ ހުވަފެން ހަގީގަތަކަށް

މިއީ އާޖެންޓީނާއިން ވޯލްޑްކަޕް ފައިނަލް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން މި ތަށި އުފުލާލީ 1986 ވަނަ އަހަރު އެވެ. މިއީ މެރެޑޯނާއައަށް ފަހު އެ ގައުމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ވޯލްޑްކަޕެވެ.

ފީފާ ވޯލްޑްކަޕް 2022 ގެ ފައިނަލު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ކުރި ހޯދައި އާޖެންޓީނާއިން ތަށި އުފުއްލައިލައިފި އެވެ. މެޗުގެ ކުޅުން ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި އާޖެންޓީނާއިން މި މެޗު ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ކުޅެމުންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ގިނަ ހަމަލާތަކެއް އުފެއްދީ އާޖެންޓީނާއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާގެ އިތުބާރު ފޯވާޑް ޑިމާރިއާއަށް ތަނަވަސް ފުރުސަތެއް އޭރިއާ ތެރެއިން ލިބުނެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

އޭގެ އިރުކޮޅެއް ފަހުން ފްރާންސްގެ މިޑްފީލްޑަރު ރެބިއޮޓްއަށް އާޖެންޓީނާގެ ޑިފެންޑަރުން ކުރި ފައުލަކާ ގުޅިގެން އޭރިއާގެ އަރިމަތިން ހިލޭ ޖެހުމެއް ފްރާންސަށް ލިބުނެވެ. ގްރީޒްމަން ނަގައިދިން އެ ހިލޭޖެހުން ޖިރޫޑް ބޮލުން ޖެހި ނަމަވެސް ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޑިމާރިއާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން ފަހުން ފްރާންސްގެ ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ގޯލު ތެރެއަށް ފޮނުވައިލައި އާޖެންޓީނާއަށް ލީޑް ނަގައި ދިނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ މި ވޯލްޑްކަޕްގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދައިފައިވާ މެސީގެ ހަ ވަނަ ގޯލެވެ.

އެ ގޯލާއެކު މެސީ ވަނީ ވޯލްޑްކަޕްގެ އާ ރެެކޯޑެއް ހަދައިފަ އެވެ. އެއީ ވޯލްޑްކަޕްގެ ގަދަ 16 އިގެ ބުރާއި ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލުގައި ގޯލް ޖެހި ހަމަ އެކަނި ކުޅުންތެރިޔާއަށް ވުމެވެ.

އާޖެންޓީނާގެ ފުރަތަމަ ގޯލަށްފަހު މާ ގިނައިރުތަކެއް ނުވެ އެ ޓީމުން އަނެއްކާވެސް ގޯލެއް ޖަހައި ލީޑު ފުޅާކުރި އެވެ. މެދު ރޮނގާ ހިސާބުން މެސީއަށް ލިބުނު ބޯޅައެއް އޭނާ މެކް އެލިސްޓާއަށް ޖައްސައިލުމުން އޭނާ ނަގައިދިން ހުރަހަކުން އެ ގޯލް ކާމިޔާބު ކޮށްދިނީ ޑިމާރިއާ އެވެ.

ޑިމާރިއާގެ ގޯލާއެކު ވެސް ވޯލްޑްކަޕްގެ އާ ރެކޯޑެއް ވަނީ ހެދިފަ އެވެ. އޭނާގެ ގޯލަކީ މި އަހަރުގެ ވޯލްޑްކަޕްގެ ނޮކްއައުޓް ސްޓޭޖްގައި ޖެހި 48 ވަނަ ލަނޑެެވެ. ވޯލްޑްކަޕް ނޮކްއައުޓް ސްޓޭޖުގައި އޭގެ ކުރިން އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި އާޖެންޓީނާގެ ޑި ޕައުލްއަށް އޭރިއަަ ބޭރުން ލަނޑުޖަހާނެ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރީ ކީޕަރު ލޮރިސް އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ފުރަތަމަ ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ އާޖެންޓީނާއިންނެވެ. އަލްވަރޭޒްއަށް 60 ވަނަ މިނެޓުގައި ލިބުނު ބޯޅައެއް ފްރާންސް ގޯލުގެ ހަނިކަނަށް ފޮނުވާލި ނަމަވެސް އެ ބާރު ހަމަލާ ދިފާއު ކުރީ ލޮރިސް އެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގައި އެމްބާޕޭއަަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗުގެ 79 ވަނަ މިނެޓުގައި ކޯލޯ މުއާނީއަށް އޮޓަމެންޑީ ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ފްރާންސްއަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭ އެވެ.

އޭގެ އިރުކޮޅެއް ފަހުން، މެޗުގައި ފްރާންސަށް ނަތީޖާ ހަމަހަމަކޮަށް ދިނީ ވެސް އެމްބާޕޭ އެވެ. އޭނާގެ އެ ލަނޑާއެކު ވޯލްޑްކަޕެއްގައި 10 ލަނޑު ހަމަކުރި އެންމެ ހަގު ކުޅުންތެރިޔާއަށް އޭނާ ވީއެވެ. އަދި މިއީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހުނެވެ.

ފްރާންސް ބަލި ކުރި މެޗަށް ފަހު މެސީ އުފާ ފާޅު ކުރަނީ

މެޗުގެ އިތުރު ވަގުތުގައި މެޗުގެ 108 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ އާޖެންޓީނާއިންނެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އެ ގޯލު ޖަހައިދިނީ މެސީ އެވެ. އެ ބޯޅަ ފްރާންސްގެ ޑިފެންޑަރުންނަށް ދިފާއު ކުރެވުނީ ގޯލު ތެރެއަށް ވަން ފަހުންނެވެ.

އޭގެ ފަހުން މެޗު ނިމެން ކުޑަތަންކޮޅަކަށް ވެފައި ވަނިކޮށް ފްރާންސަށް 117 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދީ ފްރާންސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭ އެވެ. އެ ލަނޑާއެކު މި މެޗުގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗުގެ ކުޅުން ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޓަކައި ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ފްރާންސްގެ ދެ ޕެނަލްޓީއެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް އާޖެންޓީނާއިން ވަނީ އެ ޓީމުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކޮށްފަ އެވެ.

މި މޮޅާއެކު އެންމެ ބޮޑު އުފަލެއް ލިބޭނެ ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. މި ޓްރޮފީއާއެކު އޭނާއަށް ކެރިއަރުގައި ނުހޯދޭ ތައްޓެއް ނެތެވެ.

މިއީ އާޖެންޓީނާއިން ވާލްޑްކަޕް ފައިނަލް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން މި ތަށި އުފުލާލީ 1986 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.