ދެ ރައީސުންވެސް ވަނީ ކެމްޕެއިންގެ މަސައްކަތް ނުރަސްމީކޮށް ފައްޓަވާފައެވެ. އަދި ކެމްޕެއިން ފެށުމަށް އެންމެ ވަފާތެރި މެންބަރުންނާއެކު ބައްދަލްވުންތައް ބާއްވަވަންވެސް ވަނީ ފައްޓަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ހަނިވާ ގޮތަށް ކަންކަން ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތު މެދު ހެންވޭރު ދާއިރާގެ މެންބަރު / އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ކުރައްވައިފި އެވެ.
އެމްޑީޕީން މިއަދު ވަނީ ފަސް ކޮށްފައިވާ އެ ޕާޓީގެ ޕްރައިމަރީއާ ގުޅޭ ޓައިމްލައިން އާންމު ކޮށްފަ އެވެ. ޕްރައިމަރީގައި ވާދަ ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ލިބިފައި ވަނީ ހަ ދުވަހުގެ މުއްދަތަކެވެ.
އެކަމަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުން ކަމަށެވެ. ނަމަވެސް ޕްރައިމަރީއަށް ހުޅުވާލާ އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދީ އިއުލާނު ކުރީ އެމަނިކުފާނު ރަށުގައި ވެސް ނޫޅުއްވާ ދުވަސްކޮޅަކަށް ބެލުމަށް ފަހު ކަމަށެވެ. އާޒިމް ވަނީ އެ ގޮތަށް އަމަލު ކުރުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ކޮންމެ ކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅެއް ނުވާނެ،" ރައީސް ނަޝީދާއެކު ހުންނެވި އާޒިމް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދެ ރައީސުންވެސް ވަނީ ކެމްޕެއިންގެ މަސައްކަތް ނުރަސްމީކޮށް ފައްޓަވާފަ އެވެ. ރައީސް ނަޝީދުގެ ކެމްޕެެއިން މެނޭޖަރަކަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން ޝާހިދު ހަމަޖައްސަވާފައިވާއިރު ރައީސް ސޯލިހްގެ ކެމްޕެއިން މެނޭޖަަރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސަވާފައިވާ ކަަމަށް އަޑުފެތުރިފައި ވެއެވެ.
ދެ ރައީސުން ވެސް ވަނީ ކެމްޕެއިން ފެށުމަށް އެންމެ ވަފާތެރި މެންބަރުންނާއެކު ބައްދަލްވުންތައް ބާއްވަވަން ފައްޓަވާފަ އެވެ.