ނިޝާމާގެ މަރަށް ހަފުތާއެއް؛ ޕޯސްޓްމޯޓަމް ހެދޭނެ ދުވަހެއް ނޭނގޭ

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަށް ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ގެންދިއުމުގެ ކަންކަން އަދިވެސް ހަމަނުޖެހެއެވެ. ބޭރަށް ފޮނުވުން ލަސްވަނީ އެހެން ވެގެނެވެ. އެހާ އަވަހަށް ފޮނުވޭނެ ކަމަކަށްވެސް ނުބެލެވެއެވެ.

ނޮޅިވަރަމްގައި މާރާލި ނިޝާމާ މުހައްމަދު: މަރުވިތާ ހަފްތާއެއް މާދަމާއަށް ވާނެ

ހދ. ނޮޅިވަރަމުގައި މިދިއަ ހޮނިހިރު ދުވަހު މެންދުރު މާރާލާފައި އޮއްވާ ފެނުނު އެ ރަށު ނިޝާމާ މުހައްމަދު 28، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. ނިޝާމާ މަރުވި ފަހުން މިއަދަށް އެއް ހަފުތާ ހަމަވީ އެވެ.

ޕޯސްޓްމޯޓަމަށް ހަށިގަނޑު ފޮނުވުމާއި ގުޅޭގޮތުން ފުލުހާ ސުވާލު ކުރުމުން ބުނީ ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށް ޔަގީން ތާރީހެއް ނުބުނެ އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަށް ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ގެންދަން ކުރަންޖެހޭ ކަންކަން އަދިވެސް ހަމައެއް ނުޖެހެ އެވެ. ބޭރަށް ފޮނުވުން ލަސްވަނީ އެހެން ވެގެނެވެ. އެހައި އަވަހަށް ފޮނުވޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ތަހުގީގަށް ބޭނުންވާ ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު ފޮނުވާލެވެން ދެން އޭނާގެ ހަށިގަނޑު ބާއްވާފައިވަނީޫ ގަލޮޅުގައި ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ފިނިކޮށާރު، މޯޗަރީގަ އެވެ.

ޕޯސްޓަމްްގެ ކިޔޫއެއް އެބައޮތް

  •  ޝިއާއު މުހައްމަދު ސައީދު - ޕޯސްޓްމޯޓަށް ފޮނުވުނީ ފަސް ދުވަސް ފަހުން
  •  މުހައްމަދު އަޒްހާން - ޕޯސްޓްމޯޓަށް ފޮނުވުނީ ހަ ދުވަސް ފަހުން
  •  އަބްދުﷲ ރަޝީދު - ޕޯސްޓްމޯޓަށް ފޮނުވުނީ ހަ ދުވަސް ފަހުން

މި ފަހުން ހިނގައިދިޔަ މަރުތަކުގެ ގިނަ ހާދިސާތަކުގައި ޕޯސްޓްމޯޓަމް ހަދާފައި ވެއެވެ. އެ ގޮތުން ހ. ޝީރީންވިލާގައި މަރާލި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދާއި ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެ ކުނިވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑާއި ހޯޑެއްދޫ އިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އެ ރަށު އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު ވެސް ބޭރަށް ފޮނުވާ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. އެއިން ކޮންމެ ފަހަރަކުވެސް ޕޯސްޓްމޯޓަށް ބޭރަށް ފޮނުވާލަން ދުވަސްތަކެއް ހޭދަވި އެވެ. އަދި މި ތިން މީހުންގެ އޮޓޮޕްސީ ރިޕޯޓްގައި އޮތް އެއްވެއް ވާހަކެއް ހާމަ ކޮށްފައެއް ނެތެވެ،

ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ތާރީހު

ރާއްޖެއިން ޕޯސްޓްމޯޓަމެއް ފުރަތަމަ ހެދީ މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ އޭޕްރީލް 15، 2007 ގެ ހެނދުނު ފެނުނު ސ. ހިތަދޫ ނާޒުކީގެ ހުސައިން ސޮލާހު 27، ގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން މަރުގެ ސަބަބު ހޯދަން މިނިވަން ޕޯސްޓްމޯޓަމެއް ހަދަން ހުއްޓާ ނުލައި އެދިގެނެވެ. އޭރު އެކަން ކުރީ އެ ފުރުސަތު އާއިލާއަށް ނުދީ، އޭނާގެ ހަށިގަނޑު ސްރީލަންކާއަށް ފޮނުވައިގެނެވެ.

ފުލުސް ހައްޔަރުން ދޫކޮށްލިތާ ދެ ދުވަސް ފަހުން މަރާލި ކަމުގެ ތުހުމަތުތައް ފުލުހުންގެ ބޮލުގައި އެޅިފައިވާ ސޮލާހުގެ ޕޯސްޓްމޯޓަމް ލަންކާގައި ހެދީ އޭނާގެ ލަންކާއަށް އެތެރެ ކުރަން ލަންކާ ސަރުކާރުން ހުއްދައެއް ނުދީގެން އެތައް ގަޑިތަކަކަށް ބޯޓްގައި ސަންދޯ ބަހައްޓައިގެން ތިބުމަށް ފަހު އެވެ.

ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި މަރުގެ އެކި ހާދިސާތަކާ ގުޅިގެން ތަހުގީގަށް އޮޓަޕްސީ ރިޕޯޓް ހޯދަން 10 މީހެއްގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށް ފުލުސް ހިސާބުން ދައްކަ އެވެ. ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގާބިލު ކަމެއް ނެތެވެ. އެކަމަކު ޕޯސްޓުމޯޓަމް ހެދުމުގެ އިހުތިޔާރެއް ގާނޫނުން 2020 ގައި ފުލުހަށް ދީފައި ވެއެވެ.

މިދިއަ ނު އަހަރު ތެރޭ ރާއްޖެއިން މަރުގެ ހާދިސާ ތަކާ ގުޅިގެން 10 މީހެއްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ޖެހުނު -- މި އިންފޯގްރެފިކްސް

މިދިއަ ނުވަ އަހަރު ދުވަހުގެ ތެރޭ ޕޯސްޓްމޯޓަމް ހަދަން ސަރުކާރުން އިންޑިއާއަށް ބައިވަރު ފައިސާ ހަރައްދު ކޮށްފައިވާއިރު 10 ޕޯސްޓްމޯޓަމެއް ހަދައި އޮޓަޕްސީ ރިޕޯޓް ހޯދަން ޖުމްލަ 521،334.36 ރ. ހަރަދު ކޮށްފައި ވެއެވެ. އެއީ ކޮންމެ ޕޯސްޓްމޯޓަމަކަށް 52،133.44 ރ. އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް / ފުލުސް އިދާރާއިން "މި" ނޫހަށް ދިން ފެކްޓް ޝީޓެއްގައި ބުނެފައިވާ ގޮތުން މިދިއަ ނުވަ އަހަރުގެ މުއްދަތުގެ ތެރޭގައި 10 މަރެއްގެ ހަގީގަތަށް ވަސީލުވާން 10 ޕޯސްޓްމޯޓަމް ހެދި އިރު އެ ހުރިހާ ޕޯސްޓްމޯޓަމެއް ވެސް ހަދާފައި ވަނީ އިންޑިއާއިންނެވެ. ޕޯސްޓްމޯޓް ހަދަން އެކި ފަހަރު އެކި ވަރަށް ހަރަދު ކުރަން ޖެހެ އެވެ، ނަމަވެސް އިންޑިއާގައި އެކަން ކުރާ ސަބަބެއް ނުބުނެ އެވެ.

ނޮޅިވަރަމް ނިޝާމާގެ މަރު

ނިޝާމާ މަރުގެ ތުހުމަތު އޮތީ އޭނާގެ ފިރިމީހާ އދ. ފެންފުށީ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް 32، އެވެ. އޭނާ ނިޝާމާ މަރުވުމުން / މަރާލުމަށް ފަހު ފުރައިގެން ދިޔައީ ސިޓީ، ކުޅުދުއްފުއްޓަށެވެ. އެ ސިޓީގެ ޕޮލިހަށް އޭނާ ހާޒިރުވީ އަމިއްލައަށެވެ. ހައްޔަރުކޮށް ކުޅުދުއްފުށީ ޑިޓެންްޝަން ސެންޓަރުގައި ބަަހައްޓާފައި ހުއްޓާ އޭނާ ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފައެވެ.

ދަން ޖެހިފައި ހުއްޓާ ފުލުހުންނަށް ފެނުނުއިރު އޭނާގެ ހާލު ވަނީ ވަރަށް ގޯސްވެފަ އެވެ. އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުގައި އޮންނަތާވެސް ތިން ދުވަސް ވަނީ އެވެ. ޑޮކްޓަރުން ވަނީ އޭނާ ގަދަވާނެ ކަމުގެ އުންމީދު ދޫކޮށްލާފަ އެވެ.

ނިޝާމާ މަރާލި ކަމަށް ބުނާ ގޮތާއި މެދު ވެސް ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ އެބައޮތެވެ. އޮބާބާއްވައި އަނިޔާކޮށް މަރާލީ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. މޫނުމަތީ ބާލީހެއް އަޅާ ނޭވާ ހާސް ކޮށްލައިގެން މަރާލީ ކަަމަށް ވެސް ރަށުން ބަޔަކު ބުނެ އެވެ.

ނިޝާމާގެ ކަރުގައި ކޮންމެވެސް ވަރެއްގެ ޒަހަމެއް ހުރި ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ. އޭނާގެ ހަށިގަނޑު ފެނުނު މީހަކު ވެސް އެކަން ޔަގީން ކޮށްދިނެވެ. އެހެން ނަމަވެސް މި ރަށުގައި އޮތް އޭނާގެ އާއިލާއާ ސުވާލު ކުރުމުން އެކަން ޔަގީން ކުރެވެނީ ފުލުހުންގެ ބެލުންތަކަށް ފަހު ގައި ކަމަށް ބުނުން ފިޔަވާ އިތުރު ވާހަކައެއް އާއިލާއަކުން މިހާރަކު ނުބުނެ އެވެ.

ފުލުހުން މި މައްސަލަ ބަލަމުން ގެންދެ އެވެ. އެކަމަކު އެފަދަ އެއްވެސް ސުވާލަކަށް ފުލުހުންގެ އިދާރާއަކުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.