އެކުދީންނަށް ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ވަކިވެ ދިޔަ މަންމަގެ ހަނދާންތަކާ އެކުދީންނަށް ދުރުވެވޭނެ ހެއްޔެވެ؟ ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އާވެ އެ ކުދީންނަށް ރޮވޭނެ އެވެ. ހާއްސަކޮށް ބޮޑު ދެބެންގެ އެކަން ބޮޑުވެފައި ވެއެވެ.
ހދ. ނޮޅިވަރަމް ހިތަށްފިނިވާގެ، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރުވެފައި / މަރާލާފައި އޮއްވާ ފެނުނެވެ؛ އެއީ މި މަހުގެ 10 ވަނަ ދު ވަހެވެ. އެ ރޭ ހދ. ހަނިމާދޫއަށް ގޮސް އެ ރަށުގައި މަޑު ކުރުމަަށް ފަހު އާދީއްތަ ދުވަހުގެ ވަރަށް ހެނދުނު ޑިންގީއެއްގައި ނޮޅިވަަރަމަށް އާދެވުނެވެ. މި ރަށަށް އެރުމުން ކައުންސިލްގެ މެންބަރަކާއި ނާއިބު ރައީސާއެކު އެރަށު ހިތަށްފިނިވާގެއަށް ދިޔައިމެވެ.
މި ރަށުގައި ހުންނަންޖެހޭ ގެއާ ހިތަށް ފިނިވާގެއާ މާ ދުރެއް ނޫނެވެ. ތަންކޮޅަކަށް ހިނގާލުމާއެކު ހިތަށްފިނިވާގެ ފެނިި، ދެވިއްޖެ އެވެ. އޭރު އެގޭގެ ކައިރީގައި ކުޑަ ހަތަރުފަސް ކުއްޖަކު ފުޓްބޯޅަ ކުޅެން ތިއްބެވެ. ކުޅެން ތިބި ކުދީންގެ ތެރެއިން އެއްކުއްޖަކު ދައްކާލުމަށް ފަހު އެއީ ނިޝާމާގެ ދޮށީ ފިރިހެން ދަރިފުޅު ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ. އުމުރުން ހަތް އަހަރުގެ އެ ކުއްޖާގެ ކަންކަން އޭގެ ކުރީ ދުވަހު ހުރި ގޮތް ވެސް ކައުންސިލަރު ވިދާޅުވެ ދެއްވި އެވެ.
"އިއްޔެ އެ ހާދިސާ ހިނގީއްސުރެ އޭނާ ރުއީ. ވަރަށް ވަރަށް ރުއި. މީހަކު ހިތްފަޅައިގެންދާނެ އޭނާ ރުއިވަަރު ފެނުނު ނަމަ. މިވަގުތު އެ ހުރީ ކުޅިވަރުގައި ޖެހި އެ ހަނދާންތަަކާ ވަގުތު ކޮޅަކަށް ނަމަވެސް ދުރަށް ދެވިފައި. އެކަމަކު ނިޝާމާގެ ހަނދާންތަކާއި އޭނާއަށް ވަކި ވެވޭނީ ކިހިނެތް. އެ ހިތާމަތަކާއި ދުރުވެވޭނެތަ؟" ކައުންސިލަރަކު ވިދާޅުވި އެވެ.
އެ ވާހަކަތަކާއެކު ކުއްލިއަކަށް މަޑުޖެހިލެވޭ ގޮތްވި އެވެ. އެ ކުޑަ ކުއްޖާއާ ދޭތެރޭ އެކި ގޮތްގޮތަށް ވިސްނޭން ފެށުނެވެ. އޭނާގެ މަންމަ ކުއްލިއަކަށް މަރުވީ / މަރާލީ އެވެ. ބައްޕަ ކުއްލިއަކަށް "ގެއްލުނީ" އެވެ. އަދި ބައްޕަ މިހާރު އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. އޭނާގެ ހަގަށް ތިބި ދެބެއިންނާއެކު ކުޑަކުޑަ ތިން ބެއިން ޔަތީމުވެ ބިކަވީ އެވެ.
އާއިލާގެ މީހުނާއި މި ރަށުގެ މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ނިޝާމާ އާއި ފިރިމީހާ ފައިސަލް އަބޫބަކުރު އެ ކުދީން ގިނަ ވަގުތު ގެންގުޅުނީ ކޮޓަރީގަ އެވެ. ނިޝާމާއަކީ ވެސް ވަރަށް މަދުން ނޫނީ ބޭރަށް ނުކުމެ އުޅޭ މީހެއް ނޫނެވެ. ކޮޓަރީގައި ހޭދަ ކުރާ ވަގުތުތަކަކީ ވެސް އާއިލާއާ ވަކީން މުޅީން އެކަހެރިކޮށް އުޅޭ ވަގުތުތަކެވެ. ކޮޓަރިއަށް ވަނުމާއެކު އެތެރެއިން ތަންޑެއް / މަކުޑިއެއް އަޅުވަ އެވެ. ބޮޑު ދެބެން ވެސް އެގޮތަށް ފަރިތަ ކޮށްފައި ވުމުން އެ ދެބެން ވެސް ކޮޓަރިއަށް ވަދެ ގޮނޑިއެއްގެ މައްޗަށް އަރައިގެން މަކުޑި އަޅުވަނީ އެވެ.
ނިޝާމާ މަރާލި ދުވަހު ވެސް ކަން ހިނގީ ވެސް އެހެންނެވެ؛ ނިޝާމާގެ މަރަށް ފަހު ކޮޓަރީން ނުކުމެގެން ދަމުން ހަތް އަހަރުުގެ ފިރިހެން ދަރިފުޅަށް ފައިސަލް އެންގީ ވެސް ކޮޓަރިއަށް ވަދެ އޭނާ އަންނަން ދެން ތަޅުލައިގެން ހުރުމަށެވެ. ދަނީ ފިހާރައަކަށެވެ. ބުނީ ލަހެއް ނުވެ އަންނާނެ ކަމަށެވެ.
އެ އަމުރަށް ކޮޓަރިއަށް ވަދެ ގޮނޑިއެއް މައްޗަށް އަރާ މަކުޑި އެޅުވީ އެވެ. ހެނދުނު އޮތް ކުޅިވަރުގެ ހަރަކާތެއްގައި ބައިވެރިވެ ވަރުބަލިވެފައި ހުރުމާއި އެހާ އަވަހަށް ހޭލުމުން ނިދީގެ އަސަރު ހުރުމާއެކު ދެން ނިދުނީ އެވެ. އެ ވާހަކަތައް އޭނާ ވަނީ އާއިލާއަށް ކިޔައި ދީފަ އެވެ.
މަންމަ ގެއްލިގެން ދިއުމުގެ ހިތްދަތިކަން އެ ކުއްޖާއަށް ކޮށްފައި ވަނީ ވަރަށް ބޮޑަށެވެ. ހިތަށްފިނިވާގެއާ އަރާ ހަމަވިތަނާ އޭނާ ގޭތެރެއަށް ވަދެއްޖެ އެވެ. ކުޅިވަރުގައި ހޭދަވި އުފާވެރި ހިނދުކޮޅު އެހިސާބުން އެ ނިމުނީ އެވެ. އަނެއްކާ ވެސް މަންމަގެ ހަނދާން އާވެ ރޯން ފަށައިފި އެވެ.
ނިޝާމާގެ ދެން ތިބީ އުމުުރުން އެއަށް ވުރެ ހަގު ދެ އަންހެން ކުދީންނެވެ. އެ ކުދީންނަށް އަދި ހަމަ އެކައްޗެއް ވެސް ވިސްނޭ ވަރެއް ނޫނެވެ. އެއް ކުއްޖެއްގެ އުމުރުން ހަތަރު އަހަރު ފުރެނީ އެވެ. ދެން ހުރީ ދެ އަހަރުގެ ކުއްޖެކެވެ. އެ ކުދީންނަށް ކަމެއް އެނގޭވަރު ނުވި ނަމަވެސް މަންމަ ހޯދާން ވަރަށް ރޮއި ހަދަ އެވެ. އެ ދެ ކުދީން ކިހިލީގައި ޖަހައިގެން ގޭ ތެރެއިން ދެ އަންހެނަކު ނުކުމެ އެ ދެބެއިން މަސަލަސް ކުރެވޭތޯ އުޅެ އެވެ. ބަލާން އިނދެވުނު ހުރިހާ ވަގުތެއްގައިހެން ފެނުނީ އެތަނެވެ. އަދި ފަހުން ވެސް ފެނުނީ އެތަނެވެ. އެކަންވީ ވަރަށް ހިތްދަތި މަންޒަރަކަށެވެ.
އެ ކުދީންނަށް ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ވަކިވެ ދިޔަ މަންމަގެ ހަނދާންތަކާ އެ ކުދީންނަށް ދުރުވެވޭނެ ހެއްޔެވެ؟ ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އާވެ އެ ކުދީންނަށް ރޮވޭނެ އެވެ. ހާއްސަކޮށް ބޮޑު ދެބެންގެ އެކަން ބޮޑުވެފައި ވެއެވެ.
ފެނުނު މި މަންޒަރުތަކުން ހިތަށް ކުރީ ވަރަށް ފުން އަސަރެކެވެ. އެެދުމަކީ އަދި ދުއާއަކީ އެ ކުދީންނަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ. މި ލިބުނު ބޮޑު ހިތާމައިން ސަލާމަތް ވެވޭނެ އަވަސް ގޮތެއް މެދުވެރި ކުރެއްވުމެވެ. މިފަދަ ހާލަތެއްގައި އެެހެން އެއްވެސް ބަޔަކު / ކުއްޖަކު ނުލެއްވުމެވެ.