އުމުރުން 80 އަހަރުގެ ޖަމީލުގެ ދިގު ހަޔާތުގެ ދިރިއުޅުމާއި އާއިލާ އާއި އަންހެނުންގެ ހުރިހާ ކަމެއް ރީތިކޮށް ބަލަހައްޓައި ދިނެވެ. އޭނާގެ އެ ވަކިވުމަކީ ރީތި ހަޔާތެއް ލިޔުނު ފަހަރުވެރިއެއްގެ ފަހު ސޮފުހާ ލިޔެ ނިމުމެވެ.
އުމުރަށް ވެސް އޭނާ އަކީ ފަހުރުވެރި ކަމާއެކު އާދައިގެ، ތާހިރު ދިރިއުޅުމެއް އުޅޭން ބޭނުންވި މީހެކެވެ. އެފަދައިން އާދައިގެ ދިރިއުޅުމެއްގައި އުޅެމުން އައިވެސް މީހެކެވެ. އެ ދިރިއުޅުމުގައި އަންހެނުން ބަލިވެ ތަންމަތިވި ހިސާބުން ދިރިއުޅުމުގެ ސޮފުހާ ލިޔަމުން ގެންދިޔައީ މުޅީން އަމިއްލައަށް އެހައި ރީއްޗަށެވެ. އަބަދުމެ ހުރީ އަނބިމީހާގެ ހިދުމަތުގަ އެވެ. ކުއްލި އަކަށް އޭނާ ދުނިޔެއާ ވަކިވެ އަލްވަދާކީ އަލިފާނެއްގައި ޖެހި ފިހިގެނެވެ، އެއީ ގދ. ގައްދޫގައި ގަދަ އަދި ގަދަރު އޮތް ފަހުރުވެރިއެއްގެ ހިތާމަވެރި ވަކިވުމެކެވެ. ގައްދޫގައި ރޯވި އަލިފާނެއްގެ ފިހި، ނިޔާވީ އެރަށު މުހައްމަދު ޖަމީލު (ޖަމީލުބެ) އެވެ.
މީގެ ދެތިން ހަތަރު ދުވަހެއްގެ ކުރީގެ މިވާހަކަ އެންމެނަށް އެނގޭނެ ވެސް މެއެވެ؛ އެކަމަކު އުމުރުން 80 އަހަރުގެ ޖަމީލުބެގެ ސްޓޯރީ "މި" ނޫހުގައި އާ ކޮށްލަނީ ރިކޯޑަށްޓަކަ އެވެ. ޖަމީލުބެ ފިހުނު އަލިފާނަށް ފަހު އޭނާ ނިޔާވީ އެ އަތޮޅު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެ ވަކި ވަކިވުމަކީ ވަރަށް ބޮޑު ހިތާމައަކަށް ވިއެވެ.
ތެލި އުދައި ހޫނު ކޮށްލާން ޖައްސާފައި ޖަމީލުބެއަށް ޖެހުނީ ފާހާނާއަކަށް ދާށެވެ. އެހެންވެ ދިޔައީ އުނދުން ނިވާ ލާފަ އެވެ. އެނބުރި އައިސް އެ ބަދިގެއަށް ވަނެވެ. އޭރު ކުޑަކުޑަ އެ ބަދިގެ ތެރެއަށް ވަނީ ގޭސް ލީކުވެފަ އެވެ. އެކަން ޖަމީލުބެއަކަށް ނޭނގެ އެވެ. އަނެއްކާވެސް އުނދުން ރޯ ކުރީ އެވެ. ދެން މުޅި ބަދިގެ "ބޮމެއްހެން" ގޮވައި ޖަމީލްބެއާއެކު އަލިފާން ހުޅެއް ރޯވީ އެވެ. ރޯވި އެ ބަދިގެ އަކީ ހަ ފޫޓު އަށްފޫޓުގެ ކުޑަ ބަދިގެއެކެވެ.
"ޖަމީލުބެ އެތަނަށް ވަންއިރު ހުރީ ގޭސް ލީކުވެފައި. އެކަމަކު ޖަމީލުބެއަކަށް އިހުސާސް ނުވީ... އަދި ގަރުދިޔަ ތެލި ހޫނުވެފައި ނެތުމުން އަލުން އުނދުން ޖެއްސި ވަގުތު ޖަމީލުބެއޭ އެކީ ރޯވީ،" ގައްދޫ އަލިފާނުގެ ވާހަކަ ދެނެހުރި އެރަށު މީހަކު ބުންޏެވެ.
ހުޅެއް ރޯވެ، އެ އަލިފާނުގެ ތެރޭ ފިހެމުން ދިޔައި ޖަމީލުބެ ވަރަށް ހާލުން ނުކުމެވުނު ގޮތަކަށް ބޭރަށް ދެމިގަތެވެ. ދެން ވަރަށް ދަތި އުނދަގުލުން ހިނގައިގަތީ އަތު ޖެހުނު އެއްޗަކުން ހަށިގަނޑު ނިވާކޮށްލައިގެނެވެ. އެ ހާލުގައި ހުއްޓާ ޖަމީލުބެ ފުރަތަމަ ދުށް މީހުންގެ ތެރެއިން އެކަކީ ގައްދޫ އަބްދުﷲ އިމާދެވެ. އަދި އެ އަލިފާނު ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައި ވަނިކޮށް ޖަމީލުބެއާ ފުރަތަމަ ބައްދަލުވެ އެހީވި މީހަކީ ވެސް އިމާދެވެ.
އިމާދު ވަނީ "މި" ނޫހާ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި އެ ރޭ ރަށުގެ މިސްކިތް ކައިރީ މީހަކާ ވާހަކަ ދައްކާލާން ހުއްޓާ ކުއްލިއަކަށް އޭނާއަށް ލޮލުގައި ޖަމީލުބެގެ ހަރަކާތްތައް އަޅައިގަތީ އެވެ.
"ފެނުމާއެކު އަޅުގަނޑު ބުނިން ޖަމީލުބެ އެ ބަ އާދެއޭ! ކަމަކާ ވަރަށް ހާސްވެފައޭ އެހުރީ! ވަރަށް ވަރުދެރަ ގޮތަކަށް އަދި ގައިފައި ޖަންބޯ ބޭގް ގޯންޏެއް އޮޅާލައިގެން ހުރީ،" އިމާދު ބުންޏެވެ. "ފުރަތަމަ ވެސް ޖަމީލްބޭ ބުނީ ... މި ހުރީ އަނދާފައޭ! އަޅުގަނޑު ވެސް ހާސްވެފައި ބުނެފިން ހިނގާށޭ އަވަހަށް ހޮސްޕިޓަލަށް ދާން... އަޅުގަނޑު ޖަމީލުބެއާ ގާތްވި އިރު ހަށިގަނޑުގެ ހަޑިގަނޑުގެ އެއްވެސްތާކު ހަމެއް ނެތް. ދެން އަޅުގަނޑުމެން ޖަމީލުބެ ހޮސްޕިޓަލަށް، ގެންދިޔައީ."
އޭނާ ބުނި ގޮތުގައި ހޮސްޕިޓަލުގައި ޖަމީލުބެގެ ފަރުވާ ފެށުމުން އޭނާ ދިޔައީ އަލިފާން ބަދިގެ ބަލައިލާށެވެ. ދިޔައިރުގައި މަގުމަތިން ޖަމީލުބެގެ މުންޑުން ބައެއް ވެސް ފެނުނެވެ. މުންޑުގެ ބޮޑު ބައެއް އޮތީ އަނދައިގެން ގޮސްފަ އެވެ. އެ ބަދިގޭން ބައެއް އަނދައިގެން ގޮސްފައިވާއިރު ގަރުދިޔަ ތެލި އުނދުން މަތީގައި ހުރި ގޮތަށް ހުއްޓެވެ. ބަަދިގޭގެ ދޮރު ފަޅަފަޅައިގެން ގޮސްފައި ވެއެވެ. އަދި ބޮޑު ބައެއް އަނދައި ދެއްޔަށް ވެފައި ވެއެވެ. ފައިވާން ވެސް އޮތެވެ. އަދި ޖަމީލުބެގެ ހަށީގަނޑު ފިހި ފޮޅިގެން ގޮސް ނެއްޓިފައިވާ ރޯ ހަންގަނޑުގަނޑު ވެސް ހުއްޓެވެ.
"އަޅުގަނޑު ބެލި އިރު ޖަމީލުބެ ހުރީ އަލިފާން ނިއްވަން ވެގެން މަސައްކަތްކޮށް ފެން ވެސް ޖަހައިފައި... ބޭބެގެ ސްކިންގެ [ހަންގަނޑުގެ] ބައިބައި ވެސް ހުރި އެ ތަނުގެ ތެރޭ ހަރުލާފައި،" އިމާދު ބުންޏެވެ. އޭނާ ބުނި ގޮތުގައި އަލިފާގަނޑު ތެރެއިން ނުކުމެ އެ ހާލުގައި އެހީތެރި ކަމަށް އެދި އަވަށްޓެރި ގެއަކަށް ޖަމީލުބެ ދިޔަކަން ފަހުން އެނގުނެވެ. އެ އަވަށްޓެރިޔާއަކީ ޖަމީލުބޭގެ އަންހެނުން ބަލައިދޭން އެހީވެ ދޭވެސް މީހާއެވެ. އޭރު ޖަމީލުބެ ހުރި އެކަށްހެން ފިހިފަ އެވެ. އަވަށްޓެރިޔާއާ ބައްދަލެއް ނުވި އެވެ.
ގައްދޫގެ މީހުން ބުނާ ގޮތުގައި ޖަމީލުބެއަކީ ވަރަށް ހިތްހެޔޮ މީހުނާ ގުޅޭ ރަނގަޅު މީހެކެވެ. ދޮށީ އުމުރުގައި ހުއްޓަސް އޭނާގެ އާދައިގެ މަތީން ދެ އަތް އުރާލައިގެން ނުހުރެ އުޅުނީ މަސައްކަތުގައި ގަދަކޮށެވެ. ޖަމީލުބެއަކީ ކިއްސަރު މާވަޑިއެކެވެ. ގައްދޫގައި އޭނާގެ ހާއްސަ ނަމަކީ ވެސް "މާވަޑި ޖަމީލެ" ވެ. ފަހުން ޖަމީލުބެ ހުރީ އެ ރަށު މިސްކިތު މުދިމަކަށެވެ. މުދިންކަން ދޫކޮށްލިތާ ވެސް އަހަރު ވަނީ އެވެ.
ޖަމީލުބެގެ ދަރިފުޅު ރަޝީދު ޖަމީލް ބުނި ގޮތުގައި ބައްޕައަކީ ހުނަރުވެރި އާއިލާއަކުން އައިސްފައިވާ މީހެކެވެ. ބައްޕަގެ މައިންބަފައިންނަކީ ވަޑާމުގެ މަސައްކަތާއި ކުނާވިއުމުގެ މަސައްކަތުގައި ހުވަދޫގައި ފާހަގަކޮށްލެވޭ ބައެކެވެ. އޭނާ ބައްޕައަކީ މޮޅު ވަޑިއެކެވެ. އަދި މުޖުތަމައަށް ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަންނުގެ މީހެކެވެ.
ޖަމީލުބޭގެ ތިން ކުދީން ތިބެ އެވެ؛ އެއީ މުޅީން ފިރިހެން ކުދިނެވެ. ޖަމީލުބެ އަލިފާނުގައި ފިހުނު އިރު އެ މީހުން ގައްދުއަކު ނެތެވެ. އަދި އެ ހާދިސާ މެދުވެރިވި އިރު އޭނާގެ އަންހެނުން ބަލި އެނދުގައި އޮންނަތާ 10 އަހަރު ވެއްޖެ އެވެ. ފިރިމީހާގެ މަރާއެކު އަންހެނުންނާއި ކުދީންނަށް ފުން އަސަރުތަކެއް ކުރިވި އިރު އަންހެނުންގެ ބަލި ހާލު ބޮޑުވެ ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރާން ވެސް ޖެހުނެވެ.
ރަޝީދު ބުނި ގޮތުގައި ބައްޕަގެ ދިގު ހަޔާތުގައި ދިރިއުޅުމާއި މަންމަގެ ހުރިހާ ކަމެއް ރީތިކޮށް ބަލަހައްޓައި ދިނެވެ. ބައްޕަގެ އެ ވަކިވުމަކީ ރީތި ހަޔާތެއް ލިޔުނު ފަހަރުވެރިއެއްގެ ފަހު ސޮފުހާ އެވެ.
"ބައްޕައަކީ މަންމައަށް އޯގާތެރި ހީވާގި ފިރިއެއް، ހިތްހެޔޮކަމުގެ މިސާލެއް،" ރަޝީދު ބުންޏެވެ. "މިގޮތަށް ބައްޕަ ވަކިވެގެން ދިއުމުން މަންމައަށް ވަރަށް ބޮޑެތި އަސަރުތަކެއް ވަނީކޮށްފައި،"