"ރާއްޖޭގައި އެޗްއައިވީ ފެތުރިގަތުމުގެ ފުރުސަތު ބޮޑު"

އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 37 މީހަކަށް އެއިޑްސް ބަލި ޖެހިފައިވެ އެވެ. އެއީ 31 ފިރިހެނުންނާއި ހަ އަންހެނުންނެވެ.

މިނިސްޓަރު އަހުމަދު ނަސީމް އެޗްއައިވީ އަދި އެއިޑްސްއާ ގުޅޭ ގޮތުން ވާހަކަދައްކަވަނީ -- ހެލްތު

އެޗްއައިވީ / އެއިޑްސް ބަލީ ރާއްޖޭގައި ފެތުރިގަތުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގއ. ވިލިނގިލީގައި ބޭއްވި ހަފްލާއެއްގަ އެވެ. މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ރާއްޖޭގައި މަދެވެ. ނަމަވެސް، ބަލި ގިނަ ބަޔަކަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް މިހާތަނަށް ކުރި ދިރާސާތަކުން ދައްކަ އެވެ.

އެޗްއައިވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައް ރާއްޖެއިން ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެއިޑްސް އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ވިލިނގިލީގައި ބޭއްވި ހަފްލާގައި މިނިސްޓަރު ނަސީމް ބައިވެރިވެވަޑައިގަންނަވަނީ -- ހެލްތު މިނިސްޓްރީ

"ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި. އެޗްއައިވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

  •  މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 37 މީހަކަށް އެއިޑްސް ބަލި ޖެހިފައިވޭ
  •  އެއީ 31 ފިރިހެނުންނާއި ހަ އަންހެނުން
  •  22 މީހަކަށް މިދިޔަ އަހަރުގެ ނިޔަލަށް އޭއާރްވީ ފަރުވާ ދެމުންދިޔަ
  •  15 މީހަކު މަރުވެފައިވޭ
  •  އެޗްއައިވީއަށް ޕޮޒިޓިވް 450 ބިދޭސީއަކު ރާއްޖެއިން ފާހަގަވެފައިވޭ

ނަސީމް ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް އެޗްއައިވީ އާއި ހެޕަޓައިޓިސް ފަދަ އެހެނިހެން ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ހިމެނޭގޮތަށް ކޮމްބައިންޑް ނޭޝަނަލް ސްޓްރެޖިކް ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށެވެ. މިއީ މިފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ރާއްޖޭގައި ވެސް ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރެވޭނީ މި ތިން ބަލި ހިމެނޭގޮތަށް ބަލިން ރައްކާތެރި ކުރުމާއި، ބަލި ދެނެގަތުމާއި ބަލި ޖެހޭ ފަރާތަތަކަށް ފަރުވާގެ ކަންކަން ހަޖެއްސުމަށް،“ ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.