އެމްޑީޕީ މެންބަރަކަށް ވެވުމުން މޫސަގެ ވެދުން!

އެމްޑީޕީގެ ދަފްތަރުގައި ހިމެނުމާއި ގުޅިގެން މޫސަ ވަނީ އޭނާ އެ ޕާޓީން ކުރީން ވަކި ކުރި ކުރުން ހަނދާން އައު ކުރައްވާފައެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު

ގާނޫނީ ގޮތުން އެމްޑީޕީގެ މެންބަރަކަށް ވެފައިވާ ކަަމަށް ވިދާޅުވެ ކުރީން އޭނާ އެ ޕާޓީން ވަކިކުރި ބޭފުޅުންނަށް ރީކޯ މޫސާ މަނިކު މެސެޖެއް ދެއްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. މޫސަ މިއަދު ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އެމްޑީޕީގެ މެންބަރަކަށް އިއްޔެ އޭނާ ވެއްޖެ އެވެ. މޫސަ އެ އިޝާރާތް ކުރައްވަނީ އިލެކްޝަންސް ކޮމިޝަންގައި އޮތް އެމްޑީޕީގެ ދަފްތަރުގައި އޭނާގެ ނަން ހިމެނުނު ހިމެނުމަށެވެ.

އެމްޑީޕީގެ ދަފްތަރުގައި ހިމެނުމާއި ގުޅިގެން މޫސަ ވަނީ އެ ޕާޓީން ކުރީން އޭނާ ވަކި ކުރި ކުރުމުގެ ހަނދާންތައް އާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އޭނާ ވަކިކުރީ ވަރަށް ބޮޑަށް ރާވައި ބަޔަކު އަޑީގައި ތިބެގެނެވެ.

"ރޭވުންތެރިކަމާއެކު އަޅުގަނޑު ޕާޓީއިން ވަކިކޮށް ބޭރުކޮށްލި ބޭފުޅުންނަށް ވަރަށް ވެދުން،"

އޭރު ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ މޫސަ ވަނީ "ދުނިޔެ ދައްކާ އިބްރަތަކީ ދިލަ ހޫނުގެ މެންދުރުގެ އިހާއި ފަހުގައި ހިތްގައިމު ރަންރީނދޫ ފަތިހަކާ ހަވީރެއް ވާކަމުގެ ޔަގީން ކަން" ކަަމަށް ވިދާޅުވެ މެސެޖެއް ވެސް ދެއްވި އެވެ.

މޫސަގެ މި މެސެޖް އަމާޒު ކުރައްވާފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެ ވެއެވެ.

މޫސަ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ރައީސް ސޯލިހްގެ އަރިސް ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު އަރިހުގައި އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. އޭނާއަކީ 2018 ގައި ހުރިހާ ޕާޓީތައް ގުޅިގެން ރައީސް ސޯލިހް އިންތިހާބު ކުރުމަށް މަސައްކަތް ކުރިއިރު، ރައީސް އަބްދުﷲ ޔާމީނަށް ދެވަނަ ދައުރެެއް ހޯއްދަވައި ދެއްވުމަށް ވަރަށް ބޮޑަށް ކެމްޕޭން ކުރެއްވި ބޭފުޅެކެވެ. އޭރު ހުންނެވީ ޕީޕީއެމަށް ސޮއި ވެސް ކުރައްވައިގެނެވެ. ނަމަވެސް އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާއެކު ވަގުތުން ފެއަށް ޖެހިވަޑައިގަތެވެ. އޭގެ ފަހުން ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެއެވެ.

ދެން ކުއްލިއަކަށް ފެނުނީ ރައީސް ސޯލިހްގެ ސިޔާސަތުތަަކަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަން ފެއްޓެވި ތަނެވެ. ރައީސްގެ އަރިހުން ހާއްސަ މަގާމެއް ހޯއްދެވީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ގޯސްވި ދަނޑިވަޅުގައި ރައީސް ސޯލިހްގެ ކޮޅު ނަންގަވާ ރައީސް ނަޝީދަށް ބަހުގެ ހަމަލާ ދެއްވަން ފެއްޓެވި ހިސާބުންނެވެ.

މޫސައަކީ ސިޔާސީ މައިދާނުގައި ކާމިޔާބު ފަސޭހަ ދުލެއްގެ ވެރި ކުޅަދާނަ ވާހަކަ ދެއްކުންތެރި އެކެވެ. އެއީ މިއަދު ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ. އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދީ ފިލްމު ކުޅުއްވި ދުވަސްވަރު ދެއްކި ހުނަރުންނެވެ. އެއީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އުފެދުނު އެންމެ ކުޅަދާނަ އެއް އެކްޓަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.