ޓޫރިސްޓުންގެ ޓާގެޓަށް ވާސިލްވާން ސަރުކާރާއި އިންޑަސްޓްރީ ގުޅުނެވެ. ރައީސް ސޯލިހު 1.6 މިލިއަންގެ ޓާގެޓް އިއުލާނު ކުރައްވާ ގާތުން އެކަން ބެއްލެވި އެވެ. އިންޑަސްޓްރީން ބިރު ކަނޑާލައި ދުނިޔޭގެ ތެރެއަށް ރަނގަޅަށް ފެތުރި ގަތެވެ. މިއަދު ރަނގަޅެވެ.
ކޮވިޑް ބަލި ރާއްޖެ އައިސް ފުރަތަމަ ލޮކްޑައުންއަކަށް ދާން ޖެހުނު ދުވަސް މިހާރު ހަނދާންހުރި މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ. އެކަމަކު އެ ދުވަހަކީ ދިވެހިން މި ފަސްގަނޑުގައި އުޅެން ފެށުނީއްސުރެން ފެށިގެން ކުރިމަތިވި އެންމެ ތަފާތު ދުވަހެވެ. އެނެމެ ބިރުވެރި ދުވަހެވެ. އެންމެ ނުތަނަވަސްވި ދުވަހެވެ. އެންމެ ކަންބޮޑުވި ދުވަހެވެ. ދުނިޔެއާ ރާއްޖެ ބަންދުކޮށް ހުޅުވޭނެ ދުވަހެއް ނޭނގި އެއް ފަރާތްވާން ޖެހުނު ދުވަހެވެ. ޓޫރިސްޓުން އަންނަ މައި އެއާޕޯޓް ބަންދު ކުރުމާއެކު އިގްތިސޯދުގެ ހަމައެކަނި ނާރު ޓޫރިޒަމް ހުއްޓިގެންދިޔަ އެވެ. ގައުމެއްގެ ރައީސަކު ރައްޔިތުން ކުރިމަތީގައި ކީރިތި ކުރައްވާތަން ފެންނާނީ މަދުފަހަރެއްގަ އެވެ. އެ ދުވަހު ގައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަމެއްމަދު ސޯލިހަށް ކީރިތި ކުރެއްވުނީ ކަމުގެ ބޮޑުކަމާއި އެ ބަލިން ރާއްޖެއަށް ކުރާނެ އަސަރުގެ ބޮޑު ކަމާއި އެހުރިހާ ޒިންމާއެއް ނަންގަވަން ހުންނެވި ވެރިޔާގެ ގޮތުންނެވެ. ރައްޔިތުން ގޭ ބަންދުގައި ތިއްބަސް ކޮންމެ ދުވަހަކު ދުނިޔެއާ ވާހަކަ ދައްކައި އެހީހޯދަން ޖެހި ވަޑައިގަނަންވާ ބޭފުޅަކީ އެއީ އެވެ.
އެ ހާލަތުން އަރައިގަނެ މިހާރު ދިވެހިން މިތިބީ ކޮވިޑް "ހަނދާން ނައްތާލައިގެން" ނޭ ނުންޏަސް އެންމެ ރަނގަޅެވެ. އެ ދުވަހު އެންމެ ޓޫރިސްޓަކު ރާއްޖެ ނައި ނަމަވެސް މިހާރު ތަފާތެވެ. މި މަހުގެ މެދުތެރޭގައި މަރުހަބާ މި މިޔަނީ 1.6 މިލިއަން ވަނަ ޓޫރިސްޓަށެވެ.
"އަޅުގަނޑު ހަނދާން ހުރޭ ބޯޑަރު ހުޅުވަން ފުރަހަމަ ބައްދަލުވުން ބާއްވަން ވެގެން ސްޓެލްކޯގެ މާލަމަށް [ޓޫރިޒަމް] އިންޑަސްޓްރީ މީހުން ގެންދިޔަ ދުވަސް. ގައި ދުރުކޮށް ދުރުދުރުގައި އިންޑަސްޓްރީގެ ބޭފުޅުން ތިބިއިރު ސިފަވީ ގޮސް އެ ތިބީ ޖަނާޒާ އަކަށޭ. އެހާވެސް ކަންބޮޑުވެފަ ތިއްބެވީ،" ކޮވިޑަށްފަހު ރާއްޖެ ހުޅުވަން ކުރި މަސައްކަތުގެ ހަނދާން އާ ކުރައްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރީ 15، މާޗް 2020 ގަ އެވެ. މައި އެއާޕޯޓް ވީއައިއޭގެ އޮޕަރޭޝަން އެއްކޮށް ހުއްޓާލައި ވައިގެ ސަރަހައްދު އެއްކޮށް ބަންދު ކުރަން ޖެހުނު ދުވަހު މުޅި އިންޑަސްޓްރީގެ ވެސް އުންމީދަކަށްވީ ސަރުކާރެވެ. ރާއްޖެއަށް ވުރެ ބޭރު ގައުމުތަކުގެ ހާލަތު އޮތީ މާ ގޯސްކޮށެވެ. ދިވެހިރާއްޖެ އުފެދިފައި އޮތްގޮތުން "ރަށްރަށުގެ ގައިދުރުކަން" އޮތް ނަމަވެސް ބޭރު އޮތީ މަސް ހުރިކޮށެވެ. ނަތީޖާއަކަށްވީ ކޮވިޑުގެ ނުފެންނަ ވައިރަސް މުޅި ދުނިޔެ ބައްދާލައި އެއްކޮށް ފޮރުވާލުމެވެ. ކޮވިޑު ލައްވާލި 2020 ގެ ކުރީގައި 2019 ގައި އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާގެ ވުހާން އިން އުފަންވި މި ވައިރަހާއެކު ޗައިނާ ވެސް ބަންދު ވެގެން ދިއުންވީ އެއް މާކެޓަކަށް ބަރޯސާ ވެގެން ދިބި ރާއްޖެއަށް ކުރިމަތިވި ބޮޑު ތަދަކަށެވެ. ރާއްޖެއަށް ކޮވިޑު ވައިރަސް ވަދެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިޓަލީގެ ޓޫރިސްޓަކަށް މިބަލި ޖެހި އެޑްމިޓް ކުރަން ޖެހުމާއެކު އޭރު މި ބަލީގެ ހާލަތު އެންމެ ގޯސް އިޓަލީގެ މާކެޓު ވެސް ގެއްލިގެން ދިޔަ އެވެ.
ހަނދާން ހުރޭ ބޯޑަރު ހުޅުވަން ފުރަހަމަ ބައްދަލުވުން ބާއްވާން ސްޓެލޯއަށް ދިޔަ ދުވަސް. ގައި ދުރުކޮށް ދުރުދުރުގައި އިންޑަސްޓްރީގެ ބޭފުޅުން ތިބިއިރު ސިފަވީ އައިސް އެ ތިބީ ޖަނާޒާއަކަށޭ
ތޮއްޔިބު މުހައްމަދު | އެމްއެމްޕީއާރުސީގެ އެމްޑީ
ސަރުކާރުގެ މާކެޓިން ކުންފުނީގެ އެމްޑީ ތޮއްޔިބު ވިދާޅުވި ގޮތުގައި މުޅި ދުނިޔެ ބަންދުވީ ނަމަވެސް މި ބައްޔަށް ފަހު ކަންކަން ގެންދާނެ ގޮތް ކިޔައި ދެއްވުމަށް ސަރުކާރުން ޓާސްކްފޯހެއް އުފައްދައި މަސައްކަތް ފެށި ހިސާބުން ހިތްވަރު އާވި އެވެ. ރައީސް ސޯލިހު ޗެއާކަން ކުރެއްވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްކޮށް މަސައްކަތް ކުރެއްވި އެ ޓާސްކްފޯސް ކޮންމެ ދުވަހަކު ބައްދަލުކޮށް އެންމެ ކުދި ކަންކަން ކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާ ކުރި އެވެ. މި ޓާސްކް ފޯސްގެ މާލިމީއަކަށް ހުންނެވީ ސީދާ ރައީސެވެ.
"އެންމެ ބޮޑަށް ފާހަގަ ކުރަން ޖެހެނީ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތް. މިއަދު 1.6 މިލިއަން ހަމަވުމާ ހަމައަށް ދާއިރު އެ ބޭފުޅުންވީ ގުރުބާނީ ވަަރަށް ބޮޑު. ހުރިހާ މީހުން ގުޅިގެން ކުރި މަސައްކަތުން މިހާރުގެ ކާމިޔާބު މި ފެންނަނީ،" ތޮއްޔިބު ވިދާޅުވި އެވެ
ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓެއް އިއުލާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. އެ ދުވަހުން ފެށިގެން މުޅި އިންޑަސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ފެށީ އެ ޓާގެޓަށް ދިއުމަށެވެ. މި ކަމުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުން އިސްތިހާރު ކުރާނެ ކިރިޔާ ވެސް ތަންފުކެއް ހު ރިތޯ ބަލަމުން ދިޔައީ އެމްއެމްޕީއާރުސީގެ ޒުވާން ޓީމެވެ.
އާއްމުކޮށް މާލޭގައި ހުރި ބޯހިޔާވަހިކަމުގެ ދަތިކަމާއެކު ވެސް ގޭގައި ތިބެގެން ކޮވިޑު ތެރޭގައި "ވާޗުއަލް" ކޮށް ދުނިޔެ ހާވަމުން ދިޔައީ އެ ޓީމެވެ. އެ ޓީމުން އެ ދުވަހު ކުރި ބުރަ މަސައްކަތަކީ މިހާރުގެ ޓޫރިޒަމް ޓާގެޓް ހާސިލްވާން ލިބުނު އެއް ބާރެވެ. އެ ދުވަހު ޓޫރިސްޓުން އަންނާނެހެން ހީވާ ގައުމުތައް ކަރުދާހަށް ލައި ދުނިޔެ އަށް ވައިރަލް ކުރި ޕޯސްޓްތަކުގެ އަސަރު މިއަދު ވަނީ ފެންނާން ފަށާފަ އެވެ.
އެ ދުވަހު ދުނިޔެއަށް ދޫކޮށްލި ޕޯސްޓްތަކުގައި ސީދާ ރާއްޖެ އަންނާކަށް ނުބުނެ އެވެ. އެކަމަކު އޭގައި ހުރީ "ސަން ވިލް ޝައިން އެގެއިން" އާއި "ވީ މިސްޔޫ" އަދި "ސީޔޫ ލޭޓާ" ފަދަ ޝޯޓް އެންޑް ސުވީޓް ލަފުޒު ތަކެވެ. އަދި އަތް ދޮވެ ގައިދުރުކަން ބެހެއްޓުމަށް އެދި ދީފައިވާ މެސެޖު ތަކެވެ. އެކަމަކު މީގެ ކޮންމެ މެސެޖަކާއެކުގައި ވެސް ރާއްޖޭގެ ރީތި މަންޒަރުތައް ދުނިޔޭގައި ގޭބަންދު ވެފައި ތިބި މީހުންގެ ފޯނުތަކާ ހަމައަށް ފޯރުކޮށް ދިނެވެ. ނަތީޖާއަކަށްވީ ބޯޑަރު ހުޅުވައި ދުނިޔެ ހަމައަކަށް އެޅެން ފެށިއިރު އެ މީހުންގެ ސިކުނޑީގައި އެ ހަދާނދަތައް ބިންވަޅު ނެގިފައި ހުރުމެވެ.
އޭގެފަހުން މުޅި އިންޑަސްޓްރީއާ ގުޅިގެން މާކެޓުން ކެމްޕޭންތައް ފެށި އެވެ. ހާއްސަކޮށް ޗައިނާ ބަންދުވެފައި ވުމުން އާ މާކެޓުތައް "އެކްސްޕްލޯ" ކުރަން ގިނަ މަސައްކަތް ތަކެއް ކުރި އެވެ. މި މަސައްކަތުގައި ރިސްކް ނައިގެން ދިވެހިން ފެއާ ތަކަށް ދިޔަ އެވެ. ހާއްސަކޮށް ރަޝިއަން ރީޖަން އަށް ރާއްޖެ ހުޅުވާލަން ރިސޯޓް ލައިފް ކުންފުނި ފަދަ ކުންފުނިތަކުން ކުރި ބުރަ މަސައްކަތަކީ މިއަދު 1.6 މިލިއަން ހަމަވުމަށް ތިބުނު ބާރެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވެސް ވަނީ މިކަން ފާހަގަ ކުރައްވާފަ އެވެ. އާ މާކެޓެއްގެ ގޮތުގައި ޔޫކްރޭން ފުޅާވެ ރަޝިއަން ރީޖަން އިން އަންނަ މީހުންގެ އަދަދު އިތުރުވެގެން ދިޔަ އެއް ސަބަބަކީ މިއެވެ.
މީގެ ފަހުން ރާއްޖެ އަށް އެވޯޑުތައް ހޯދައިދޭން ވެސް ގިނަ މަސައްކަތަކެއް ކުރި އެވެ. މި އެވޯޑުތައްވީ ރާއްޖޭގެ ބްރޭންޑް ވަރުގަދަ ވެގެން ދިޔަ ކަމަށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ މަންޒިލްގެ އެވޯޑު ތިން އަހަރު ލިބުންވީ ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބީ އަކަށެވެ. ބްރޭންޑުގެ ވެލިއު އުފުލުނު ކަމަށެވެ.
މިހާރު 1.6 މިލިއަން ޓޫރިސްޓުން ހަމަވުމާ ގާތްވެފައިވާއިރު މި ޓާކެޓަށް ދާން ސަރުކާރުން ގިނަ އެހީ ތަކެއް ދިނެވެ. ބޮޑެތި ވިޔަފާރިތައް ހާއްސަކޮށް ރިސޯޓުތައް ހުޅުވަން ބާރު އަޅަން ކުލި ކުޑަކޮށް ދިނެވެ. ޓޫރިޒަމްގެ ވިޔަފާރިތައް ހިމެނޭ ގޮތަށް ބޮޑު 419 ވިޔަފާރިއަކަށް 585 މިލިއަން ރުފިޔާ އާއި އަށް މިލިއަން ޑޮލަރުގެ ލޯނު ދިނެވެ. ގެސްޓްހައުސްތައް ހިމެނޭ ހެން މެދުފަންތީގެ 2,114 ވިޔަފާރިއަކަށް 361.3 މިލިއަން ރުފިޔާގެ ލޯނު ދިނެވެ. އިންކަމް ސްޕޯޓުގެ ގޮތުގައި ޓޫރިޒަމް ސެކްޓާގެ ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭ ގޮތަށް 22,946 މީހަކަށް 421 މިލިއަން ރުފިޔާގެ އެލަވަންސް ބެހި އެވެ.
އާ މާކެޓު ތަކެއް ހޯދަމުން ދިޔައިރު ދުނިޔެ ދިޔައީ ހުޅުވުމުގެ ވާހަކަ ދައްކަމުންނެވެ. ހަމައެވަގުތު ދިވެހިންގެ އަތުގައި ނަސީބު ހިފީ ރާއްޖެއާ
އެންމެ ގާތުގައި އޮތް އިންޑިއާއާ ދެމެދު ހެދި "ޓްރެވަލް ބަބަލް" އެވެ. އިންޑިއާ ކިތަންމެ ބޮޑަސް ރާއްޖެއާ ނުލާ އެ މީހުންނަށް ވެސް އޮތީ ގެއްލުމެވެ. އަދި ރާއްޖެ އަށް ވެސް އޮތީ ހަމަ އެ ހާލަތު އޮތެވެ. ދުނިޔެ ހުޅުވަމުންދިޔަ ވަގުތު އިންޑިއާ މަސައްކަތު މީހުން މެދުއިރު މައްޗަށް ފޮނުވައިގެން ނޫން ގޮތަކަށް އެ މީހުންނަށް އަރައި ގަނެވޭކަން ނެވެ އިންޑިއާގެ މުޅި "އެކްސްޕެޓްރިއޭޓް" އާބާދީ ތިބީ ގޭބަންދުގަ އެވެ. އަހަރު އެތަށް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބޭ މި އާބާދީ ގައުމުން ނެރެވެން އޮތީ އެހެން ތަނެއްގައި ކަރަންޓީންވާން ފުރުސަތު ދީގެންނެވެ. އެހެންވެ މި ފުރުސަތު ވެސްވީ ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިއޮތް ވޭން ކުޑަކޮށްދިން ކަމަށެވެ. ކުއްލިއަކަށް ރާއްޖެ އަށް އަންނަން ފެށި "ކަރަންޓީ ޓޫރިސްޓުން" އާއެކު ގެސްޓްހައުސް އިންސްޓްރީ އަށް ކޮވިޑުން ލިބުނު ތަދު ކުޑަކޮށްދިނެވެ. ދިވެހި ވިޔަފާރިތަކުން ހެދި ޕެކޭޖުތަކާއެކު މިހާލަތު ސްމާޓްކޮށް ކުޅުނު ވިޔަފާރިވެރިން ހަމައަކަށް އެޅުމެވެ. މި ކަރަންޓީން މީހުންނާއެކު މާލެ އަތޮޅުގެ މެދުފަންތީގެ ރިސޯޓްތައް ފުރި މުޅިރާއްޖެ އެއްކޮށް ފުރުންވީ ގެސްޓްހައުސް އިންޑަސްޓްރީއަށް ފުން ނޭވާއެއްލާން ލިބުނު ފުރުސަތަކަށެވެ.
ކޮވިޑަށް ދުނިޔެ ބަލިކޮށްލެވުނަސް މި ބަލީގައި ދިވެހިން ދެއްކީ ހިތްވަރެވެ. ސަރުކާރުގެ ގައިޑެންސްއާއެކު ހިޔާލު ތަފާތުވުން ހުއްޓަސް ދުނިޔެ އަށް ދެއްކީ ޕްރޮފެޝަނަލިޒަމް އެވެ. މުޅި ދުނިޔޭގެ މާކެޓިން ބޯޑު ތަކުން މާކެޓު ކުރުން ހުއްޓާލި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ބޯޑުގެ ޒުވާނުން ނުކުތުމެވެ. ދުރުން ކިރިޔާ ލޮލުކޮޅަށް ފެންނަމުން ދިޔަ އުންމީދާއެކު އެ ދުވަހު ދިވެހިން ނުކުމެ ކުރި މަސައްކަތްކުރީ ޓާގެޓެއް ހާސިލް ކުރާށެވެ. އެކަމަކު އެޓާގެޓަށް މި ދެވެނީ ވަރަށް ހިތްވަރުންނެވެ. އަދި އެހާމެ ބޮޑު އެހީތެރިކަމާއެކުގަ އެވެ.