ނިމިދިޔަ ކުއާޓަރުގައި ކުންފުނިތަކުން 120 މިލއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވެ އެވެ. މި ސިނާއަތަކީ 2.3 ބިލިއަން ރުފިޔާގެ ބޮޑު ސިނާއަތެކެވެ.
ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ނިމިދިޔަ ކުއާޓަރުގައި ވަރުގަދަ ކަމަށް ދެއްކި ނަމަވެސް އެ މުއްދަތުގައި ބަދަލު ދިން މިންވަރު ބޮޑު ތަނުން ދަށް ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މި އަހަރު ތިންވަނަ ކުއާޓަރުގެ އިންޝުއަރެންސް މައުލޫމާތު ތަކުގައިވާ އެ ސިނާއަތުގެ ޖުމްލަ އަގު ވަނީ 2.3 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ ހަ ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ.
އިންޝުއަރެންސް ސިނާއަތް ވަރުގަދަވި ނަމަވެސް ތިންވަނަ ކުއާޓަރުގައި ބަދަލުދިން ވަރު ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ބަދަލުގެ ގޮތުގައި 140 މިލިއަން ރުފިޔާ ދެއްކި ނަމަވެސް މި އަހަރު މި އަދަދު އުޅެނީ 120 މިލިއަން ރުފިޔާގަ އެވެ. މި މުއްދަތުގައި އިންޝުއަރެންސް ކުންފުނި ތަކުން ބަދަލު ދިނުމުގައި އެންމެ ބޮޑު އަދަދެއް ހޭދަ ކޮށްފައި ވަނީ ސިއްހީ އިންޝުއަރެންސުގެ ބަޔަކަށެވެ.
މި ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ވިއްކާ އިންޝުއަރެންސް ތަކުގެ ތެރޭން އެންމެ ގިނަ މީހުން އެންމެ ބޮޑު އިންޝުއަރެންސް ޕްރިމިއަމްއެއް ނުވަތަ އިންޝުއަރެންސް ނަގަން ބޮޑު އަގެއް ދައްކަނީ އަލިފާނުގެ ހާދިސާ ތަކުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ފަޔާ އިންޝުއަރެންސަށެވެ. ޕްރިމިއަމްއަށް ބިލިއަނެއްހާ ރުފިޔާ ހުރިހާ އިންޝުއަރެންސްތަކަށް ދައްކާފައިވެ އެވެ.
މި އަހަރުގެ ސެޕްމްބަރު މަހާ ހަމަށް ބަލާނަމަ އިންޝުއަރެންސް ނަގަން ޕްރިމިއަމް ދެއްކި އަދަދު އެއް ބިލިއަން ރުފިޔާ އަށް އަރަ އެވެ. ޕްރިމިއަން ދެއްކި އަދަދު ވަނީ މި މުއްދަތުގައި މިދިޔަ އަހަރާ އަޅާބަލާނަމަ 25 ޕަސެންޓު އިތުރުވެފަ އެވެ.