ފައިޒު އާއި ބަންގަލަދޭޝްގެ ނަށާ ގްރޫޕަކާއި ބަންގާޅު ލަވަކިޔުންތެރިޔަކު ވެސް ޕާޓީގައި ޕާފޯމް ކުރާނެ އެވެ. އުއްޗުގެ ކުރެއްދޫ ރިސޯޓްގައި އޭނާގެ އުފަންދުވަސް ޕާޓީ މި ފަހަރު ކުރިޔަށް ގެންދާނީ އެ ރިސޯޓްގެ ސްޓާފް ނައިޓާ އެކުއެވެ.
ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު، ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރަން އިންޑިއާގެ ޒުވާން ލަވަކިތުންތެރިޔާ މުހައްމަދު ފައިޒް އާއި ބަންގާޅުގެ ނަށާ ގްރޫޕެއް ރާއްޖެ ގެންނަން ހަމަޖެހިއްޖެ އެވެ.
އާންމުކޮށް އުއްޗުގެ އާއިލާއާ ގުޅުން އޮންނަ ނ. ހެނބަދޫގައި އުފަންދުވަސް ފާހަގަ ކުރައްވާ އުއްޗު ފަހަކަށް އައިސް އޭނާގެ އުފަން ދުވަސް ފާހަގަ ކުރުން ތަފާތު ކުރައްވަމުން ގެންދަވަ އެވެ. މި އަހަރު އޭނާގެ 76 ވަނަ އުފަން ދުވަސް ފާހަގަ ކުރައްވަން ވެސް ވަނީ ބަދަލެއް ގެންނަވާފަ އެވެ.
މިއަހަރު އުފަން ދުވަހާ ގުޅުވައި ބާއްވާ ޝޯއާއި ހަރަކާތްތަކަށް އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ ފައިޒު 15، ރާއްޖެއަށް އަންނާނެ އެވެ. އޭނާ އަކީ ސޮނީ ޓީވީން ގެނެސްދިން "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ކާމިޔާބުކުރި ފަންނާނެއް އަދި ސްޓާރެކެވެ. ފައިޒް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ލޯބީގެ ލަވަތައް ކިޔުމުގަ އެވެ.
ޒުވާން އުމުރުފުޅުގައި އިންޑިއާގައި ހޭދަ ކުރެއްވި އުއްޗުއަކީ ހިންދީ ލޯބީގެ ލަވަތަކަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ހިންދީ ބަހުން ލޯބީގެ ޅެމާއި ލަވަ ހައްދަވާ ބޭފުޅެކެވެ. ޒުވާން ފައިޒް އުފަން ރާޖަސްތާނުގެ ޖޯދުޕޫރަކީ ރޭލުގައި އުއްޗު ވަރަށް ގިނައިން ގިނިކަންޏާ ވަޑައިގެންނެވި ސަރަހައްދެކެވެ.
އުއްޗުގެ އުފަން ދުވަހަށް ފައިޒް އަންނަނީ އުއްޗު ދެއްވި ހާއްސަ ދައުވަތަކަށެވެ. އެކަން ފައިޒް ވެސް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ބުނެފަ އެވެ. ފައިޒް ބުނެފައިވާ ގޮތުގައި އުފަން ދުވަސް ފާހަގަ ކުރަން ބާއްވާ ހަފުލާގައި ޕާފޯމް ކޮށްލަން އޭނާއަށް އުއްޗު ދައުވަތު ދެއްވީތީ ވަރަށް އުފާވެ އެވެ. އުއްޗުގެ ޕާޓީ މިފަހަރު އޮންނާނީ ޅ. ކުރެއްދީ ރިސޯޓްގަ އެވެ. އުއްޗުގެ އުފަން ދުވަހަކީ ޑިސެމްބަރު 25 ވަނަ ދުވަހެވެ. ނަމަވެސް ޕާޓީ ހިމެނޭ ޝޯ އޮންނާނީ ޑިސެމްބަރު 26 ގަ އެވެ.
ފައިޒު އަންނަ ބަންގަލަދޭޝްގެ ނަށާ ގްރޫޕަކާއި ބަންގާޅުގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިޔަކު ވެސް އެ ޕާޓީގައި ޕާފޯމް ކުރާނެ އެވެ. އުއްޗުގެ ކުރެއްދޫ ރިސޯޓްގައި އޭނާގެ އުފަންދުވަސް ޕާޓީ މި ފަހަރު ކުރިޔަށް ގެންދާނީ އެ ރިސޯޓްގެ ސްޓާފް ނައިޓާ އެކުއެކީގަ އެވެ.