މި ކާމިޔާބީއާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި އިންތިހާބުގެ ނަތީޖާއާއެކު ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯދައި ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންވާ "ބޮޑު ބަދަލު" ޓީމު ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި އެވެ.
މި ކާމިޔާބީއާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި އިންތިހާބުގެ ނަތީޖާއާއެކު ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ އެމްޑީޕީ އެކުގައި ނުކުމެ އަޅުގަނޑުމެން މި ގައުމަށް އަނެއްކާވެސް ހެޔޮ ބޮޑުބަދަލެއް ގެންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
"އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ކުރެއްވި މަސައްކަތަށް ސާބަސް ދަންނަވަން. މަރުހަބާ ސެކްރެޓޭރިއަޓް އަދި މުޅި އެމްޑީޕީ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިންތިހާބުގައި ބޮޑު ބަދަލުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިދެއްވީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެެވެ.