މުރާޖައާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފްރާންސްގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ވަނީ 0.2 އިންސައްތަ ދަށަށް ގޮސްފައެވެ.

ވިދިވިދިގެން ދެ ކުއާޓަރުގައި އިގްތިސާދީ ދުވެލި ދަށަށް ދިއުމާ ގުޅިގެން، ފްރާންސް ރަސްމީކޮށް އިގްތިސާދީ ހީނަރުކަމެއް ނުވަތަ 'ޓެކްނިކަލް ރިސެޝަން' އެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ގައުމީ ތަފާސްހިސާބާ ބެހޭ އިދާރާ (އިންސީ) އިން ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މުރާޖައާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފްރާންސްގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ވަނީ 0.2 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ ކުރިން ލަފާކޮށްފައި އޮތީ އެ ކުއާޓަރުގައި ޖީޑީޕީ ދަށަށް ދާނީ 0.1 އިންސައްތަ ކަމަށެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރުގައި އިގްތިސާދީ ކުރިއެރުން 0.0 އިންސައްތައިގައި ހިފެހެއްޓިފައިވާ ކަމަށް ކުރިން ރިޕޯޓްކޮށްފައިވީ ނަމަވެސް، އަދަދުތައް ވަކިވަކިން ބެލުމުން އެ ކުއާޓަރުގައި ވެސް އިގްތިސާދު ވަނީ ކުޑަ މިންވަރަކަށް ދަށަށް ގޮސްފައެވެ.
އާންމު އުސޫލުން އިގްތިސާދީ ހީނަރުކަމެއް ނުވަތަ ރިސެޝަނެއް ކަމަށް ބަލަނީ ވިދިވިދިގެން ދެ ކުއާޓަރުގައި ގައުމުގެ އުފެއްދުންތެރިކަން ދަށަށް ދިއުމުންނެވެ.
"ދެވަނަ ކުއާޓަރުގައި ޖީޑީޕީ ކުޑަ މިންވަރަކަށް ދަށަށް ގޮސްފައިވާކަން މިހާރު މިވަނީ ފާހަގަކުރެވިފައި. އޭގެ މާނައަކީ އަޅުގަނޑުމެން މިތިބީ ރިސެޝަނެއްގެ ތެރޭގައި،" އިންސީގެ ނޭޝަނަލް އެކައުންޓްސް ޑިޕާޓްމަންޓްގެ ވެރިޔާ މާރީ ލެކްލެއާ ވިދާޅުވިއެވެ.
އިންސީން ފާހަގަކުރި ގޮތުގައި 2025 ވަނަ އަހަރު ނިމުނު ފަހުން ކޮންމެ ކުއާޓަރެއްގައި ވެސް ފްރާންސްގެ އަސްލު ޖީޑީޕީގެ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި ޖީޑީޕީ ހުރީ ގާތްގަނޑަކަށް 662.6 ބިލިއަން ޔޫރޯގައެވެ. ދެވަނަ ކުއާޓަރުގައި މި އަދަދު ހުރީ 664.2 ބިލިއަން ޔޫރޯގައެވެ.
އިގްތިސާދު ދަށަށް ދާން މެދުވެރިވި ސަބަބުތައް
އިގްތިސާދީ މި ހީނަރުކަން ކުރިމަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ އިންވެސްޓްމަންޓްތަކާއި އެކްސްޕޯޓް ދަށްވުމެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން:
ދެވަނަ ކުއާޓަރުގައި 0.5 އިންސައްތަ ދަށްވި ފިކްސްޑް އިންވެސްޓްމަންޓް، ތިންވަނަ ކުއާޓަރުގައި ވަނީ 0.9 އިންސައްތަ ދަށަށް ގޮސްފައެވެ.
ކުރީ ކުއާޓަރުގައި 2.9 އިންސައްތަ ކުރިއެރި އެކްސްޕޯޓް، ތިންވަނަ ކުއާޓަރުގައި ވަނީ 1.6 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ގޭބިސީތަކުގެ ޚަރަދުތައް (ހައުސްހޯލްޑް ކޮންސަމްޕްޝަން) ވަނީ 0.3 އިންސައްތަ އިތުރުވެ، އިގްތިސާދަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
އިގްތިސާދީ ދުވެލި މަޑުޖެހުމާ ގުޅިގެން، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މުޅި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ 0.5 އިންސައްތައިގެ އިގްތިސާދީ ކުރިއެރުން ހާސިލުކުރުމަށްޓަކައި، އަހަރުގެ ފަހު ކުއާޓަރުގައި އިގްތިސާދު 1.4 އިންސައްތަ ކުރިއަރަން ޖެހޭނެއެވެ. ނަމަވެސް އިގްތިސާދީ މާހިރުން ދެކޭގޮތުގައި އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
"ފަހު ކުއާޓަރުގައި އެތެރޭގެ ޑިމާންޑް އެހާ ބޮޑަށް ރަނގަޅުވެ، މި ނަތީޖާ ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި،" އައިއެންޖީގެ އެނަލިސްޓެއް ކަމަށްވާ ޝާލޮޓް ޑި މޮންޓްޕެލިއާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާ މިންވަރު ދަށްވުމާ ގުޅިގެން، ފްރާންސްގެ ބަޖެޓް ޑެފިސިޓް ވެސް ވަނީ ޖީޑީޕީގެ 5.3 އިންސައްތައިން 5.6 އިންސައްތައަށް އުފުލިފައެވެ. މިއީ މުޅި އަހަރަށް ސަރުކާރުން އަމާޒުހިފާފައިވާ 5.4 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ.