ދިގުރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުރަހީމް ރާއްޖެޓީވީގައި ވިދާޅުވީ ކެނޑިޑޭޓު އައިސް 8.15 އެހާއިރު ވޯޓްފޮށި ހިފައިގެން ރަށުން ފުރައިގެން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީއިން މިއަދު ކުރިއަށް ގެންދިޔަ އެތެރޭގެ އިންތިހާބުގައި ދިގުރަށުގައި ބެހެއްޓި ވޯޓްފޮށި ވަގަށް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ދިގުރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުރަހީމް ރާއްޖެޓީވީގައި ވިދާޅުވީ ކެނޑިޑޭޓު އައިސް 8.15 އެހާއިރު ވޯޓްފޮށި ހިފައިގެން ރަށުން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ފޮށި ގެންދިއުން ހުއްޓުވަން އެއްވެސް މީހަކު ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށާ ސަބަބަކީ ހަމަނުޖެހުން ހިނގުމުގެ ފުރުސަތު އޮތުމެވެ.
މިއަދު މެންދުރުފަހު 2:30 ހާއިރު ފެށި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރުންގެ ގޮތުގައި ދެމިތިބި 53,457 މީހުންނަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 359 މަޤާމަކަށް މެންބަރުން އިންތިޚާބުކުރާއިރު، ޕާޓީގެ އެހެނިހެން މަޤާމުތަކަށް 743 މެންބަރުން އިންތިޚާބުކުރާނެއެވެ. ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުންގެ ތެރޭގައި އަތޮޅު އަދި ސިޓީތަކުން ހޮވާ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުން ހޮވާ މެންބަރުން ހިމެނެއެވެ.
ރަށްރަށުން: ކޮންމެ ރަށަކުން 1 މެންބަރު - ޕާޓީގެ މެންބަރުންގެ އަދަދު 500 އަށްވުރެ އިތުރުނަމަ އިތުރު 1 މެންބަރެއް، އަދި 1,000 އަށްވުރެ އިތުރުނަމަ އިތުރު 1 މެންބަރެއް.
ސިޓީ ދާއިރާތަކުން - ކޮންމެ ސިޓީއެއްގެ އިންތިޚާބީ ދާއިރާއަކުން 2 މެންބަރުން. މެންބަރުންގެ އަދަދު 500 އަށްވުރެ އިތުރުނަމަ އިތުރު 1 މެންބަރެއް، އަދި 1,000 އަށްވުރެ އިތުރުވެއްޖެނަމަ އިތުރު 1 މެންބަރެއް.