އެޗްޑީސީގެ އެކުވެހި ކޯ-ލިވިން | ދަރިވަރުންނަށް އުންމީދެއް، އަންނަ މަހު ހުޅުވާލާނެ

އެޗްޑީސީ އިން ބުނީ "އެކުވެހި" ގައި ޖުމުލަ 178 ޓްވިން-ޝެއަރިންގ ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭނެ ޒަމާނީ ބިނާއެކެވެ.

އެޗްޑީސީއިން ތަރައްގީ ކުރި ރެސިޑެންސް "އެކުވެހި" -- އެޗްޑީސީ

ތައުލީމު ހާސިލުކުރުމަށް ދަރިވަރުން ކުރާ ދަތުރުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލަކުން ބޯހިޔާވަހިކަން ހޯދުމެވެ. 

މި ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މި ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް "އެކުވެހި"، "ވަރަ އެކްސްޕޯ 2026" ގެ ތެރެއިން އާންމުންނަށް ދައްކާލަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މި މަޝްރޫއަކީ ހަމައެކަނި ދިރިއުޅޭނެ ތަނެއްގެ ބަދަލުގައި، ދިވެހި ޒުވާނުންގެ ތައުލީމީ ކުރިމަގަށް އެޅޭ ވަރުގަދަ ގައުމީ ބިންގަލެކެވެ. "ވަރަ އެކްސްޕޯ 2026" ގެ ތެރެއިން "އެކުވެހި" އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެ ތަން ބަލައިލަން ޒިޔާރަތްކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އެޗްޑީސީ އިން ބުނީ "އެކުވެހި" ގައި ޖުމުލަ 178 ޓްވިން-ޝެއަރިންގ ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭނެ ޒަމާނީ ބިނާއެކެވެ. ކޮންމެ ދަރިވަރަކަށް މަހަކު ދައްކަންޖެހެނީ 3،500 ރުފިޔާއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރިއާއި، ކިޔަވާ މޭޒާއި ގޮނޑީގެ އިތުރުން ފާޚާނާ ހުންނާނެއެވެ. މީގެ އިތުރުން، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީ އަދި ލޯންޑްރީގެ ޚިދުމަތްތައް ވެސް ހަމަޖެހިފައި ހުންނާނެއެވެ.

އެޗްޑީސީއިން ތަރައްގީ ކުރި ރެސިޑެންސް "އެކުވެހި" -- އެޗްޑީސީ

އެޗްޑީސީއިން ބުނީ ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް އެއް ފުރާޅެއްގެ ދަށުން ފުއްދައިދިނުމަށްޓަކައި، ގްރޫޕް ސްޓަޑީއަށް ޚާއްސަ މީޓިން ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ-ވޯކިންގ ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ވެސް މި އިމާރާތުގައި ހިމެނޭނެ އެވެ.

" އިމާރާތުގެ ތިރީ ފްލޯތަކުގައި ބޭންކިން އަދި އޭޓީއެމްގެ ޚިދުމަތާއި، ކެފޭ، ޖިމް، ފިހާރަތައް އަދި ޕްރިންޓިންގ ސެންޓަރު ފަދަ ވިޔަފާރީގެ ޚިދުމަތްތައް ގާއިމުކުރާއިރު، ޖަމިއްޔާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް ވެސް ވަނީ ތަރައްގީކޮށްފައެވެ. މި ކޯޕަރޭޝަންގެ އުންމީދަކީ މިއީ ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމައުގެ ވިޔަފާރިތައް ގުޅުވައިދޭ ދިރުން ހުރި މާހައުލަކަށް ވުމެވެ،" އެ ކުންފުނިން ބުނެފައިވެ އެވެ. 

އެޗްޑީސީއިން ތަރައްގީ ކުރި ރެސިޑެންސް "އެކުވެހި" -- އެޗްޑީސީ

އެޗްޑީސީ އިން ބުނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "އެކުވެހި" ގައި 24 ގަޑިއިރުގެ ރިސެޕްޝަން ޚިދުމަތާއި މި ކޯޕަރޭޝަންގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމުކޮށްފައިވާނެ އެވެ. 

"ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ، ހުއްދަ އޮންނަ ފްލޯތަކަށް ނޫނީ ނޭރޭނެ އެވެ،" އެޗްޑީސީ އިން ބުނެފައިވެ އެވެ. 

ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް "އެކުވެހި" އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނ ދުވަހު އެޗްޑީސީގެ ޚާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެއެވެ. ކޮންމެ ސެމިސްޓަރއަކު ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުމަށް ފަހު އެއްބަސްވުން އާކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި ފުރުސަތަކީ، ދިވެހި ދަރިވަރުންނަށް ހުޅުވައިދެވޭ އާ ސަފުހާއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.