މި އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 26، 27 އަދި 28 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގައި މި ކޯޕަރޭޝަންގެ ޖުމުލަ 5 ޑިޕާޓްމަންޓެއްގެ ސްޓޯލް ހުންނާނެ އެވެ.

ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، ފަންނީ ތަމުރީނު ދޭ މަރުކަޒުތައް އެއް ތަނަކަށް ގެނައުމުގެ މަގުސަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026"ގައި އެޗްޑީސީ އިން ބައިވެރިވެއްޖެ އެވެ.
މި އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 26، 27 އަދި 28 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯގައި މި ކޯޕަރޭޝަންގެ ޖުމުލަ 5 ޑިޕާޓްމަންޓެއްގެ ސްޓޯލް ހުންނާނެ އެވެ. މީގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ކެރިއަރ ފުރުސަތުތަކާއި، ފަންނީ އަދި ސަގާފީ ހުނަރުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ.
އެޗްޑީސީ އިން ބުނީ މި އެކްސްޕޯގައި މި ކޯޕަރޭޝަނުން ހުށަހަޅާ އެންމެ ޚާއްސަ ކަމަކީ ކިޔަވާ ކުދިންނަށް ޚާއްސަ "އެކުވެހި" ދައްކާލުމެވެ. މި ގޮތުން، މި ކޯޕަރޭޝަންގެ މާކެޓިން ސްޓޯލްގައި "އެކުވެހި"އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރުން ކުރިއަށްދާނެއެވެ. މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކުވެހި ބަލާލުމުގެ ފުރުސަތު ދިނުމާ އެކު، އެކުވެހީގެ ކަންކަމަށް އާއްމުންގެ ހިޔާލުހޯދުން މިސްޓޯލުން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން، ހިއުމަން ރިސޯސަސް ސްޓޯލްގައި އެޗްޑީސީގެ ކެރިއަރ މަގުތަކާއި، ބޭނުންވާ ހުނަރުތަކާއި، ކުރިއެރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ.
މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ އިންޓަރެކްޓިވް ވީލް، ޓްރީވިއާ، ކުއިޒް އަދި ލަކީ ޕްރައިޒް ފަދަ އާންމުންނަށް ބައިވެރިވެވޭ ހަރަކާތްތައް ހިންގާނެއެވެ. އަދި، ގްރީނިންގ ޑިޕާޓްމަންޓްގެ ސްޓޯލް މެދުވެރިކޮށް ހުޅުމާލޭގެ ލޭންޑްސްކޭޕިންގެ ފަހަތުގައިވާ އަމަލީ އަދި އިންޖީނިއަރިންގ ސަބަބުތަކާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުރުން ސެންޓްރަލް ޕާކް ސްލޮޓްގެ ތެރޭގައި ގަސް އިންދުމުގެ މަސައްކަތްތަކާއި، ލައިވް ހޯޓިކަލްޗަރ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ އެވެ.
މި ޕްރޮޖެކްޓް އިމްޕްލީމެންޓޭޝަން އެންޑް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ސްޓޯލްގައި ތާޒާ ފަން ބޭނުންކޮށްގެން އެއްޗެހި ލެންބުމާއި ކެފުމުގެ އުކުޅުތައް ދައްކާލުމާއި، ވިޔެގެން އެއްޗެހި އުފެއްދުމުގެ ސަގާފީ ހަރަކާތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އަދި، މި ހަރަކާތުގެ ތެރެއިން އުފައްދާ ތަކެތި ހަދިޔާއެއްގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. ކާޕެންޓްރީ އެންޑް ވެލްޑިންގ ޓީމުގެ ސްޓޯލްގައި މޯލްޑިވްސް އެކްސްޕޯގައި ބޭނުންކުރި ބޯޓާއި ޑްރެޖަރ ދައްކާލައި، ޓެކްނިކަލް އަދި ފަންނީ ހުނަރުތައް ދައްކާލަން ވަނީ ނިންމާފައެވެ.
.