އިމާރާތް ކުރުމުގެ ދާއިރާގެ ގޮންޖެހުންތައް ގިނަ އެކަމަކު މަސައްކަތް ހުއްޓައެއް ނުލާ

ޖަނާ ވިދާޅުވި ގޮތުގައި ބޭރުގައި ކޮންސްޓްރަކްޝަން މެޓީރިއަލްގެ އިންފްލޭޝަން %42 އުފުލި ކޮންޓެއިނާ އުފުލައިދޭ އަގު 400 ޕަސެންޓް ވަނީ އުފުލިފަ އެވެ. މިއީ ބޮޑު ގޮންޖެހުމެކެވެ.

ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ރޭ ވާހަކަ ދައްކަވަނީ

ދުނިޔޭގައި ތަކެތީގެ އަގު އުފުލާއެކު އިމާރާތް ކުރުމުގެ ދާއިރާގެ ގޮންޖެހުންތައް އިންތިހާއަށް ގިނަވެފައިވާ ކަމަށާ ނަމަވެސް ދިވެހި ކޮންޓްރެކްޓަރުން މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ކުރީގެ "މަސީ" އުފެދުނުތާ 25 އަހަރު ފުރުން ފާހަގަ ކުރަން ބާސެލާސް ނަސަންދުރަ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާ ވިދާޅުވި ގޮތުގައި ކޮންމެ ހާލަތެއް ކުރިމަތިވިނަމަވެސް އެންމެ ފުރަތަމަ އަސަރު ކުރާ އެއް އިންޑަސްޓްރީއަކީ އިމާރާތް ކުމުމުގެ ދާއިރާ އެވެ.

"ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމެއް އިންޑަސްޓްރީއަށް އަންނާނެ. ގޮންޖެހުންތަކުން އެންމެ ފުރަތަމަ އަސަރު ކުރަނީ ވެސް މި އިންޑަސްޓްރީ އަށް. ސަބަބަކީ މިއީ ފްރަންޓްލައިން އިންޑަސްްޓްރީއަކަށް ވުން،" ޖަނާ ވިދާޅުވި އެވެ.

ގޮންޖެހުންތަކުން އެންމެ ފުރަތަމަ އަސަރު ކުރަނީ ވެސް މި އިންޑަސްޓްރީ އަށް. ސަބަބަކީ މިއީ ފްރަންޓްލައިން އިންޑަސްްޓްރީއަކަށް ވުން

މުހައްމަދު އަލީ ޖަނާހު

ކުރިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ނަމުގައި ހިންގަމުން ދިޔަ ޖަމިއްޔާގެ ރައީސްކަން އެންމެ ދިގު މުއްދަތެއްގައި ކުރައްވަމުން ގެންދަވާ ޖަނާ ވިދާޅުވީ ކުރިން އިންޑަސްޓްރީ އަށް ކުރިމަތިވަމުން ދިޔަ ޒަމާންވީ މައްސަލަތަކަށްވުރެ މިހާރު ހުރި ގޮންޖެހުންތައް ގިނަވެފައިވާ ކަމަށެވެ.

"މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ސަބަބުން ތެލުގެ އަގު އުފުލިގެން ހިނގައްޖެ. ބޭރު ފައިސާގެ ލޮޅުންތަކާއެކު މުދާ އިމްޕޯޓް ކުރަން ޗެލެންޖުތައް އިތުރުވެއްޖެ، މި ހުރިހާ ގޮންޖެނުންތަކާއެކު ވެސް އިންޑަސްޓްރީގެ ފަރާތް ތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސެލިއުޓް ކުރަން،" ޖަނާ ވިދާޅުވި އެވެ.

ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާއަށް 25 އަހަރު ފާހަގަ ކުރަން ބޭއްވި ޖަލްސާ

ބޭރުގައި ތަކެތީގެ އަގު އުފުލުމުން ގޮންޖެހުން ގިނަ

ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކާ ގުޅިގެން ރާއްޖެ އަށް ފުރުސަތު ތަނަވަސްކޮށް ދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޖަނާ ވަނީ މިހާރު ދުނިޔޭގެ ބާޒާރާއި ދުނިޔޭގެ އިގްތިސޯދުގެ އޮތްގޮތުން ރާއްޖެ އަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ތަފުސީލްކޮށް އަލިއަޅުއްވާލައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު ދުނިޔޭގެ މާކެޓުަ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ އިންފްލޭޝަން ހުރީ %42 އުފުލިފަ އެވެ.

"މިކަމުގެ ސަބަބުން ކުރިން ހެދިފައި ހުރި ކޮންޓްރެކްޓްތަކުގެ އަގު ވަނީ 42 ޕަސެންޓް އުފުލިފަ، ޗައިނާ އިން މުދާ ގެންނަން ބަލާއިރު %400 ވަނީ އުފުލިފަ،" ޖަނާ ވިދާޅުވި އެވެ.

މެދުއިރުމަތީގެ ގިނަ އިންވެސްޓަރުންނާއެކު ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިޔާ ވިދާޅުވި ދުނިޔޭގެ މަޝްހޫރު މުދާ އުފުލާ މަގުތައް ކަމަށްވާ ސުވޭސް ކެނަލް އާއި ހުރުމޫޒް ކަނޑުއޮޅި ފަދަ މަގުތަކުން މުދާ ގެންނަން ހުރި ގޮންޖެހުންތައް އިންތިހާށް އިތުރުވެފައިވާ ކަމަށެވެ.

"ރާއްޖެ އަށް ޔޫރަޕް ނޫނީ އެމެރިކާ އިން މުދ ގެންނަ މުދާ މި ގެންނަން ޖެހެނީ މި ދެންނެވި ކަނޑުއޮޅިތަކުން. އަޅުގަނޑުމެން އެންމެ ބޮޑު ޓްރޭޑިން ޕާޓްނަރު ކަމަށްވާ ޔޫއޭއީ އިން ސްޓޭޓް އޮފް ހޮރުމޫޒުން މުދާ ގެނައުމަކީ ވަރަށް ރިސްކް ބޮޑުކަމެއް. އެހާމެ އުނދަގޫކަމެއް،" ޖަނާ ވިދާޅުވި އެވެ. " ފުޖޭރާގެ ޕޯޓުން މިހާރު މުދާ ގެނެވުނަސް އޭގެ ކޮންސްޓް އެހާމެ ބޮޑު. ދެން އަނބުރާލަން ޖެހެނީ ޗައިނާ އަށް. ތެލުގެ އަގު ބޮޑުވުމުން ކޮންޓެއިނާ އުފުލާދޭ އަގު އެހާމެ ބޮޑު. މިއަދު ޝިޕިން ވިޔަފާރިއަކީ އެންމެ ބޮޑަށް އެޑްވާންޓޭޖް ނަގާ ވިޔަފާރިއަށް ވަނީ ވެފަ،"

25 އަހަރު މަސައްކަތް ކުރީ މައްސަލަތައް ހައްލުކުރަން

ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާއަށް 25 އަހަރު ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ފޮތް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ނެރުއްވައި ދެއްވަނީ

އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖެއަކީ ކުޑަ ގައުމަކަށްވުމުން ހުރި ގޮންޖެހުންތައް އިންތިހާ އަށް ބޮޑު ކަމަށާ، ރާއްޖޭގައި ބަލްކްކޮށް މުދާ ބެހެއްޓޭނެ ވަސީލަތް ނެތް ކަމަށެވެ.

"ރާއްޖޭގެ ކޮންސްޓްރަކްޝަން ގިނަ ސައިޓުތަކުގެ މަސައްކަތް މިދިޔަ ހަފުތާ ވެސް ބަލައިލިން. މި ގޮންޖެހުންތަކާއެކު ވެސް ކޮންޓްރެކްޓަރުން މަސައްކަތް ކުރަމުން ގެންދިއުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް،" ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވި ގޮތުގައި މަސީގެ މިދިޔަ 25 އަހަރު އެ ޖަމިއްޔާ އިން މަސައްކަތް ކުރީ އެއިރެއްގައި އޮތް ސަރުކާރަކަށް އެއްބާރުލުން ދީގެން ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށެވެ. އަދި މި މަސައްކަތުން އޭރަކު ލީޑާޝިޕްގައި ތިބި ބޭފުޅުންގެ ކަންފަތްޕުޅާ ހަމައަށް ސިނާއަތުގައި ހުރި މައްސަލަތައް ގެންގޮސްފައިވާނެ އެވެ. އަދި މިހާރުގެ ޒައާމަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިންޑަސްޓްރީގައި ހުރި މައްސަލަތައް ކައިރިން ބައްލަވައި، މިހާރުގެ މިނިސްޓަރު އަބްދުﷲ މުއްތަލިބު ދެއްވާ އެއްބާރުލުން ޖަނާ ފާހަގަ ކުރެއްވި އެވެ.

މި ޖަލްސާގައި ޖަނާ ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަކީ ދިވެހިންގެ ހުނަރާއި މަސައްކަތް ފެންނަ ސިނާއަތެއް ކަމަށާ މިއީ އެތައް ހާސް އަހަރެއްގެ ތާރީހެއް އޮތް ސިނާއަތެއް ކަމަށެވެ. މިކަން އެނގެނީ ރާއްޖޭގެ މިސްކިތްތަކުގައި ދިވެހިން ކޮށްފައި ހުރި މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިސޯޓު ތަރައްގީ ކުރުމުގައި ދިވެހިން މަސައްކަތް ކުރާ ފެންވަރުގައި އެހެން ގައުމުތަކުގެ މީހުންނަށް މަސައްކަތް ނުކުރެވޭކަން ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.