ހައުސިން މިނިސްޓްރީގެ 2023-2018 ގެ އޮޑިޓުގައިވާ ގޮތުން 25 މަޝްރޫޢުއަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 180.29 މިލިއަން ރުފިޔާގެ ތެރެއިން 136.53 މިލިއަން ރުފިޔާ (%76) އަނބުރާ ހޯދާފައެއް ނުވެ އެވެ.

ހައުސިން މިނިސްޓްރީން އެކި ސަބަބުތަކާހެދި ބާތިލުކޮށްފައިވާ 25 މަޝްރޫޢުއަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 180.29 މިލިއަން ރުފިޔާގެ ތެރެއިން 136.53 މިލިއަން ރުފިޔާ (%76) އަނބުރާ ހޯދިފައިނުވާކަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2019 އިން 2023 ވަނަ އަހަރާ ދެމެދު އެ ވުޒާރާއިން ޖުމުލަ 634 މަޝްރޫޢު ހިންގާފައިވާއިރު، އޭގެ ޖުމުލަ އަގު 23.06 ބިލިއަން ރުފިޔާއަށް އަރައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން އެއްބަސްވުން ބާތިލުކުރި 25 މަޝްރޫޢުއަށް ދޫކުރި އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާފައިނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ބޮޑެތި މަޝްރޫއުތަކުގެ އެޑްވާންސް ފައިސާ: ބާތިލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހދ. ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓް މަޝްރޫޢުއަށް އެޑްވާންސްގެ ގޮތުގައި ދޫކުރި 65.99 މިލިއަން ރުފިޔާގެ ތެރެއިން 59.22 މިލިއަން ރުފިޔާ (%90) އަނބުރާ ލިބިފައެއް ނުވެއެވެ. އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ 14 މަޝްރޫޢުއެއްގެ އެއްބަސްވުން ބާތިލުކުރިއިރު، އެޑްވާންސްގެ ގޮތުގައި ދޫކުރި 63.01 މިލިއަން ރުފިޔާގެ ތެރެއިން 51.84 މިލިއަން ރުފިޔާ އަނބުރާ ލިބިފައިނުވެއެވެ.
މަޝްރޫޢުތައް އަލުން ހަވާލުކުރުމުން 112.33 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވުން - ސާމްޕަލް އުސޫލުން ބެލި 7 މަޝްރޫޢުއެއްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުން އެއްބަސްވުން ބާތިލުކޮށް އެހެން ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން ދައުލަތުން އިތުރަށް 112.33 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވެއެވެ. މީގެ ތެރޭގައި ފެނަކައާ ހަވާލުކުރުމަށްފަހު އަލުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި 6 މަޝްރޫޢުއަކުން އިތުރުވި 106.23 މިލިއަން ރުފިޔާއާއި، ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މިސްކިތުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުން އިތުރުވި 6.10 މިލިއަން ރުފިޔާ ހިމެނެ އެވެ.
މަޝްރޫޢުތައް ދިގުލައިގެން ދިއުމާއި ގެރެންޓީތައް އައު ނުކުރުން - ވުޒާރާއިން ހިންގި މަޝްރޫޢުތަކުގެ ތެރެއިން 161 މަޝްރޫޢުއެއް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށް ނިމިފައިނުވާއިރު، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ނުނިމި 3 އަހަރާއި 4 އަހަރު ވެފައިވެއެވެ. މީގެ އިތުރުން، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ނުނިމިހުރި 48 މަޝްރޫޢުއެއްގެ 70 ގެރެންޓީއެއްގެ މުއްދަތު ހަމަވިއިރުވެސް އައުކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޓޮމެޓިކް ޕާކިންގ ސިސްޓަމް މަޝްރޫޢުގެ ގެއްލުން: މާލެއާއި ހުޅުމާލޭގައި 20 އޮޓޮމެޓިކް ޕާކިން ސިސްޓަމް ބެހެއްޓުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަކާ ނުލައި ފެށި މަޝްރޫޢުއަށް 59.35 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ސަބަބުން ދައުލަތަށް އެއްވެސް މަންފާއެއް ނުލިބި ބޮޑު ގެއްލުމެއް ވެފައިވާކަމަށް އޮޑިޓަރު ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
ހދ. ނޮޅިވަރަންފަރު ހައުސިންގ މަޝްރޫޢުގެ ތަކެތި - އެ ރަށުގައި 60 ހައުސިން ޔުނިޓް އެޅުމަށް އެސްޓީއޯއިން ގަތް 11.09 މިލިއަން ރުފިޔާގެ ތަކެއްޗަށް ވީނުވީއެއް އެނގެން ނެތްކަންވެސް ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.
ރިކަރަންޓް ޚަރަދު ކެޕިޓަލް ޚަރަދުގެ ގޮތުގައި ރިކޯޑުކުރުން - 2019 އިން 2023 އަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގި 77.74 މިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވެއެވެ.
މި އޮޑިޓުގައިވާ ގޮތުން 12 ޑިސެންބަރު 2024 ގައި އެ ވުޒާރާގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ސާވަ އަނދައިގެން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ މާލީ ރިކޯޑުތައް ވަނީ އިޔާދަނުކުރެވޭ މިންވަރަށް ނެތިގޮސްފަ އެވެ. އިމާރާތުން ބޭރުގައި ބެކަޕް ކޮޕީއެއް ބަލަހައްޓާފައި ނެތުމުގެ ސަބަބުން 114.20 މިލިއަން ރުފިޔާގެ ޚަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ލިބިފައިނުވާކަމަށާއި، އަލިފާނުގެ ހާދިސާގައި ހަލާކުވި 110.40 މިލިއަން ރުފިޔާގެ ހަރުމުދަލުގެ މަޢުލޫމާތު ޕަބްލިކް އެކައުންޓިން ސިސްޓަމުން އުނިކޮށް އަދާހަމަކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަތަކާ ގުޅިގެން، ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ހޯދުމަށާއި، މަޝްރޫޢުތައް ލަސްވުމާއި އިހުމާލުވުމުގައި ޒިންމާވާ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.