ގެދޮރު އިމާރާތް ކުރަން ނަގާ ފައިނޭންސްއިންގެ ހިލޭ ރަހުނު ދޭނެ އުސޫލު އާއްމުކޮށްފި

މި ސްކީމުގެ ދަށުން އެހީތެރިކަން ދޭނީ އަމިއްލަ ނަމުގައިވާ ގޯތީގައި މައިގަނޑުގޮތެއްގައި އެޕްލިކަންޓް ދިރިއުޅުމުގެ ބޭނުމަށް އަލަށް ގެއެއް ނުވަތަ ހައުސިން ޔުނިޓެއް އިމާރާތްކުރުމަށް، ނުވަތަ އިމާރާތްކުރަން ފަށައި ނުނިމި ހުރިތަނެއް ފަށާނެ އެވެ.

'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމް ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގެ މާލީ 4 އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން. --ފޮޓޯ: ހައުސިން މިނިސްޓްރީ

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ނަގާ ފައިނޭންސިން ފެސިލިޓީތަކަށް ސަރުކާރުން ހިލޭ އެހީ ފޯރުކޮށްދޭ "ރަހުނު" ދޫކުރާނެ އުސޫލު އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢުކޮށްފި އެވެ.  

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުން އެކުލަވާލައި ގެޒެޓުކުރި މި އުސޫލުގެ މައިގަނޑު މަޤްސަދަކީ، އަލަށް ގެދޮރު ބިނާކުރާ ފަރާތްތަކަށް އުފުލަންޖެހޭ މާލީ އިލްތިޒާމްތަކާއި ދަރަނި އަދާކުރުމުގެ ބުރަ ކުޑަކޮށްދީ، އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކޮށްދިނުމެވެ. ޝަރީޢާގެ މިންގަނޑުތަކާ އެއްގޮތަށް ގެދޮރު އިމާރާތްކުރުމަށް ދޭ މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އެ މިނިސްޓްރީން ކަނޑައަޅާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.   

މި އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް ފައިނޭންސިން ފެސިލިޓީ ނެގުމަށް ހިލޭ އެހީގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ.

  •  ގްރޭޓަ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް - 200,000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭނެ
  •  މާލެއަށް (ވިލިނގިއްޔާއި ހުޅުމާލެ ނުހިމެނޭގޮތަށް) - ގޯތީގެ ވެރިފަރާތަށް 200,000 ރުފިޔާއިން ފެށިގެން 1,000,000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރެވޭނެ

މި ސްކީމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ، އަމިއްލަ ނަމުގައިވާ ގޯތީގައި މައިގަނޑުގޮތެއްގައި އެޕްލިކަންޓް ދިރިއުޅުމުގެ ބޭނުމަށް އަލަށް ގެއެއް ނުވަތަ ހައުސިން ޔުނިޓެއް އިމާރާތްކުރުމަށް، ނުވަތަ އިމާރާތްކުރަން ފަށައި ނުނިމި ހުރި ތަނެއް ނިންމުމަށް، ނުވަތަ ބާވެ ރައްކާތެރިނޫން އިމާރާތެއް ތަޅާލައި އަލުން އިމާރާތްކުރުމަށެވެ.

ސްކީމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު

  •  ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 18 އަހަރު ފުރިފައިވުން
  •  އެހީއަށް އެދޭ ގޯތި ހުރި ރަށަކީ އެ ފަރާތުން ދިރިއުޅެމުންދާ ރަށް ކަމުގައިވުން
  •  ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެ ފަރާތުގެ ނަމުގައި ދިރިއުޅެވޭނޭ އެކަށީގެންވާ ގެދޮރެއް ނެތުން
  •  މީގެ ކުރިން ދައުލަތުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ހައުސިން ޔުނިޓެއް ލިބިފައި ނުވުމާއި، ފާއިތުވި 20 އަހަރުގެ ތެރޭގައި ދައުލަތުގެ ބޯހިޔާވަހިކަމުގެ ލޯނެއް ނުވަތަ ފެސިލިޓީއެއް ލިބިފައި ނުވުން
  •  އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އެ ރަށުގައި ދިރިއުޅެވޭނެ އެކަށީގެންވާ ގެދޮރެއް ނުވަތަ ބިމެއް ނެތުން

އުސޫލުގައިވާ ގޮތުން މިނިސްޓްރީން ކޮންޑިޝަނަލް އޮފާ ދޫކުރުމުން މި ޕްރޮގްރާމުގައި ބައިވެރިވާ މާލީ އިދާރާއެއް މެދުވެރިކޮށް ފައިނޭންސިން ފެސިލިޓީ ހަމަޖެއްސުމުން ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ޖަމާކުރާނީ އެ މާލީ އިދާރާގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ. އަދި މި އުސޫލަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.