ވޯޓާ ތީމް ޕާކުން 500 ވަޒީފާ | އަހަރަކު އަހަރު ޓޫރިޒަމަށް 120 ދިވެހިން

އެމްޑީ ޒުހައިރު ވިދާޅުވީ މިއީ އެޗްޑީސީގެ ހީވާގި މުވައްޒަފުންނާއި ސަރުކާރުގެ އިސްވެރިން ރެއާއި ދުވާލު ކުރާ މަސައްކަތުގެ ނަތީޖާ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔަޑް، ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު -- ވަގުތު ނޫހުގެ ފޮޓޯއެއް

ހުޅުމާލެ ވޯޓާ ތީމްޕާކް މަޝްރޫއުން 500 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާއިރު، އަހަރަކު 120 ދިވެހިންނަށް ޓޫރިޒަމް ސިނާއަތުން ތަމްރީން ލިބޭނެ ކަމަށް އެޗްޑީސީއިން ބުނެފި އެވެ. 

ނުހެދި ހުންނަތާ ނުވަ އަހަރަށްފަހު އަލުން ވޯޓާ ތީމް ޕާކުގެ މަޝްރޫއު ފަށަން ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔަޑް، ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާނެއެވެ. މީގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހީންނަށް ލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މީގެ ތެރެއިން 45 އިންސައްތަ ވަޒީފާ ހާއްސަ ކުރެވިފައިވަނީ އަންހެނުންނަކަން ކުރިން ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވި ޒުހައިރު ވިދާޅުވި އެވެ. 

"މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ މަސައްކަތް ހުއްޓި ރައްޔިތުންނަށް ހިދުމަތް ނުލިބި ހުރި ތަންތަނުގެ ހިދުމަތް ފެށުން. މިފަދަ ހުރިހާ މަސައްކަތެއް ފެށުން، މިއަދު އިއުލާނު މިކުރަނީ އެޗްޑީސީގެ އެއްވެސް މަސަައްކަތެއް ހުއްޓިފައެއް ނޯންނާނެ. މިއީ ކުޑަ ކާމިޔާބީއެއް ނޫން. ބޮޑު މަސައްކަތެއް،" ޒުހައިރު ވިދާޅުވި އެވެ. 

"މިއީ އެޗްޑީސީގެ ހީވާގި މުވައްޒަފުންނާއި ސަރުކާރުގެ އިސްވެރިން ރެއާއި ދުވާލު ކުރާ މަސައްކަތުގެ ނަތީޖާ." 

އެޗްޑީސީއިން ހުއްޓިފައި ހުއްޓައި ފެށި މަސައްކަތްތައް

  •  20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓާ ހުޅުވުން
  •  2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް ފްލެޓު ނިންމާ މުވައްޒަފުން ވެއްދުން
  •  ހުއްޓިފައި އޮތް ދި ގާޑަން މަސައްކަތް ނިންމަކީ
  •  2018 އިން ފެށިގެން ހުއްޓިފައި އޮތް ވާޓިކަލް ޕާކިން ހިދުމަތަށް ގެންނަން ފެށުން

މި މަޝްރޫއު ކުރިއަށް ގެންދަނީ ވެންޗާ އެންޑް ވެލްނަސް މޯލްޑިވްސް އިންނެވެ. އަދި މިތަނުގެ ހޮޓާ މެނޭޖުކޮށް ހިންގަނީ އީސް އޭޝިއ އެންޑް ޕެސިފިކް އެޓް އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓް ކުންފުނިންނެވެ، 

ވޯޓާ ތީމް ޕާކާއި ހޮޓާ

މި މަޝްރޫއު ކުރިއަށް ގެންދަނީ 41,500 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގަ އެވެ. މި ތަނުގައި ފެނުގެ އެކި ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ސިޓީ ހޮޓަލެއްވެސް ހުންނާނެ އެވެ. މި މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާނެ އެވެ. ވޯޓަ ތީމް ޕާކުގައި މައިގަނޑު 11 ވޯޓަ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތް ހިމެނޭނެ އެވެ. އެގޮތުން އެ ތަނުގައި އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި ޓޯނޭޑޯ ސްލައިޑަކާއި 290 މީޓަރުގެ ދިގު ލޭޒީ ރިވާ، 900 އަކަމީޓަރުގެ ނިއުމެޓިކް ވޭވް ޕޫލަކާއި 1,900 އަކަމީޓަރުގެ ސްޕްލޭޝް ޕެޑް އަދި 'ވޯޓަ ހައުސް ހިމެނެ އެވެ. އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށް ކިޑްސް ބޫމަރޭންގް ސްލައިޑް، ޓޮޑްލާ ޕޫލް، ކިޑްސް ސްލައިޑްސް އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ ސްޕާ ޕޫލެއް ހިމެނެ އެވެ. އަދި މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ އިންފިނިޓީ ބަބްލް ޕޫލަކާއި މޫދު މަތީގައި އޮންނަ އިންފްލޭޓަބަލް ޗެލެންޖް ގޭމްސް، ކޯސްޓަލް ވޯޓަ ސްލައިޑް، އޯވަހޭންގިން ވިއުއިން ޕްލެޓްފޯމް އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެވެ. އަދި މި ތަނުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީކުރަން އާ މާސްޓަ ޕްލޭންގައި ހިމަނާފައިވާއިރު، ފަސް ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ހާއްސަ ތަންތަނުގެ އިތުރަށް މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ވެސް ހިމެނެ އެވެ.

މިތަނުގައި 250 ކޮޓަރި އާއި ސުއިޓް ހިމެނޭ ހޮޓެލެއް ހުންނާނެ އެވެ. އެތަނުގައި 95 ސާވިސްޑް އެޕާޓްމަންޓާއި ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ހޮޓެލް ވިލާ ހިމެނެ އެވެ. މީގެ އިތުރުން 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގަ އާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި 3,550 އަކަމީޓަރުގެ ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް ހުންނާނެ އެވެ. އަދި  މިހާރު އެތަނުގައި ހުރި އިމާރާތް ވެސް މަރާމާތު ކޮށްގެން ބޭނުން ކުރާނެ ކަމަށާއި އެތަނުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.