ވޯއެޗްޑީސީން ބުނި ގޮތުގައި މޫދާއި ގުޅިފައިވާ ގޮތަށް ހުޅުމާލޭ ބީޗުގައި ތަރައްގީކުރާ ވޯޓަ ތީމް ޕާކުގައި މައިގަނޑު 11 ވޯޓަ އެޓްރެކްޝަނާއި ހިދުމަތްދޭ

ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލެ ވޯޓަ ތީމް ޕާކުގެ މަސައްކަތް އަލުން މިއަދު ފަށައިފި އެވެ.
ވޯޓަ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި އޮތީ އެ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމާއި އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އުފެދުނު ކޯޓުގައި އެ މައްސަލަ އޮތުމުންނެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެކި ސަބަބުތަކާހުރެ ހުއްޓިފައި އޮތް މި މަޝްރޫއު މި ކޯޕަރޭޝަނުން އަލުން ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓާ ޕްލޭނެއްގެ ދަށުން ކަމަށެވެ.
އެގޮތުން 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން މަޝްރޫއު ހިންގާނެ ކަމަށާއި އެއީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބިޔަ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓަޑާ ހަވާލު ކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް 18 މަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި މޫދާއި ގުޅިފައިވާ ގޮތަށް ހުޅުމާލޭ ބީޗުގައި ތަރައްގީކުރާ ވޯޓަ ތީމް ޕާކުގައި މައިގަނޑު 11 ވޯޓަ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތް ހިމެނޭނެ އެވެ. އެގޮތުން އެ ތަނުގައި އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި ޓޯނޭޑޯ ސްލައިޑަކާއި 290 މީޓަރުގެ ދިގު ލޭޒީ ރިވާ، 900 އަކަމީޓަރުގެ ނިއުމެޓިކް ވޭވް ޕޫލަކާއި 1,900 އަކަމީޓަރުގެ ސްޕްލޭޝް ޕެޑް އަދި 'ވޯޓަ ހައުސް ހިމެނެ ކަމަށް އެޗްޑިސީން ބުންޏެވެ.
އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށް ކިޑްސް ބޫމަރޭންގް ސްލައިޑް، ޓޮޑްލާ ޕޫލް، ކިޑްސް ސްލައިޑްސް އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ ސްޕާ ޕޫލެއް ހިމެނެ އެވެ. އަދި މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ އިންފިނިޓީ ބަބްލް ޕޫލަކާއި މޫދު މަތީގައި އޮންނަ އިންފްލޭޓަބަލް ޗެލެންޖް ގޭމްސް، ކޯސްޓަލް ވޯޓަ ސްލައިޑް، އޯވަހޭންގިން ވިއުއިން ޕްލެޓްފޯމް އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެވެ.
އެ ތަނުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީކުރަން އާ މާސްޓަ ޕްލޭންގައި ހިމަނާފައިވާއިރު، ފަސް ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ހާއްސަ ތަންތަނުގެ އިތުރަށް މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ވެސް ހިމެނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ތީމް ޕާކާ ގުޅިގެން ދެން ތަރައްގީ ކުރަނީ 250 ކޮޓަރިއާއި ސުއިޓް ހިމެނޭ ހޮޓެލެކެވެ. އެތަނުގައި 95 ސާވިސްޑް އެޕާޓްމަންޓާއި ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ހޮޓެލް ވިލާ ހިމެނެ އެވެ.
މީގެ އިތުރުން 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގަ އާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި، 3,550 އަކަމީޓަރުގެ ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްގީކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިހާރު އެތަނުގައި ހުރި އިމާރާތް ވެސް މަރާމާތު ކޮށްގެން ބޭނުން ކުރާނެ ކަމަށާއި އެތަނުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމު ހަމަޖައްސަން ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ވޯޓަ ތީމް ޕާކު މަޝްރޫއު އަލުން ފެށުމަކީ ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ހައްލު ހޯދައިދީ އެ ތަންތަނުގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް މި ކޯޕަރޭޝަނުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.