ކުރީގެ ގަވާއިދުގެ ދަށުން ޓިއާ 1 އާއި ޓިއާ 2 ގެ ނަމުގައި ދެ ބާވަތެއްގެ ލައިސަންސް ދޫކުރަމުން ދިޔަ އެވެ. އާ ގަވާއިދުގައި އެ ޓިއާތައް އުވާލައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމަށް އެންމެ ލައިސަންސެއް ދޫކުރުމަށް ހަމަޖައްސާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން "ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މިއީ ބޭރު ފައިސާއާބެހޭ ގާނޫނޫ ގެ ދަށުން އެކުލަވާލި އާ ގަވާއިދެކެވެ. ކުރިން ފައިސާ މާރުކުރުމުގެ ވިޔަފާރިތަކަށް ލައިސަންސް ދޫކުރަމުން ގޮސްފައިވަނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދަކުންނެވެ.
އެމްއެމްއޭ އިން އެކުލަވާލި އާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާ ނިޒާމަށް ބަދަލު އައިސްފައިވެއެވެ. ކުރީގެ ގަވާއިދުގެ ދަށުން ޓިއާ 1 އާއި ޓިއާ 2 ގެ ނަމުގައި ދެ ބާވަތެއްގެ ލައިސަންސް ދޫކުރަމުން ދިޔަ އެވެ. އާ ގަވާއިދުގައި އެ ޓިއާތައް އުވާލައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމަށް އެންމެ ލައިސަންސެއް ދޫކުރުމަށް ހަމަޖައްސާފައިވެއެވެ.
މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުން، ލައިސަންސް ލިބޭ ފަރާތްތަކުން ވިޔަފާރި ހިންގާނީ ދެ ކެޓަގަރީއެއްގެ ދަށުންނެވެ. ކެޓަގަރީ-އޭގެ ދަށުން އާންމުންނަށާއި ވިޔަފާރިތަކަށާއި އެހެން ފަރާތްތަކަށް ޚިދުމަތް ދެވޭނެއެވެ. ކެޓަގަރީ-ބީ ގެ ދަށުން ޚިދުމަތް ދެވޭނީ ހަމައެކަނި ވިޔަފާރިތަކަށެވެ.
މި ގަވައިދުގަވާ ގޮތުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ވެސް އާ ގަވާއިދުގެ ދަށުން ދެގުނަ ކޮށްފައިވެ އެވެ. ކުރިން 100,000 އެމެރިކާ ޑޮލަރުގެ ގޮތުގައި އޮތް ސެކިއުރިޓީ ޑިޕޮސިޓް 200,000 ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ. އަދި އިތުރު ކޮންމެ ތަނަކަށް ބަހައްޓަންޖެހޭ ޑިޕޮސިޓް 50,000 ޑޮލަރުން 100,000 ޑޮލަރަށް އިތުރުކޮށްފައިވެ އެވެ. ނަމަވެސް މިހާރު ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މިހާރުގެ ލައިސަންސްގެ މުއްދަތު ހަމަވާންދެން ބަހައްޓަންޖެހޭނީ ކުރީގެ ގަވާއިދުގެ ދަށުން ބަހައްޓަންޖެހޭ އަދަދެވެ.
ކެޓަގަރީ-އޭގެ ވިޔަފާރިތަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކާ ނަގުދު ފައިސާއިން ކުރެވޭނީ ގިނަވެގެން 50,000 ރުފިޔާގެ މުއާމަލާތެވެ. މި ލިމިޓަކީ ކުރީގެ ގަވާއިދުގައި ވެސް އޮތް ލިމިޓެކެވެ.
އެމްއެމްއޭ އިން އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 1 އޮކްޓޫބަރު 2024 އިން ފެށިގެން އަމަލުކުރަމުން އައި "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު" (2024/R-92) އާއި، އެ ގަވާއިދަށް 2025 ވަނަ އަހަރު ގެނެވުނު އިސްލާހު އުވިގެން ގޮސްފައިވެއެވެ.