މަންޓާގެ އޭޓީއާރު އޮޕަރޭޝަން އެއްކޮށް ހުއްޓާލައި، ކްރޫން ވަޒީފާއިން ވަކިކޮށްފި

އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި، އޭޓީއާރު ފްލީޓްގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ ރަސްމީ ނޯޓިސްގައި ބުނެފައިވަނީ، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޭޓީއާރުގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލާފައިވާ ކަމަށެވެ

މަންޓާ އެއާގެ ބޯޓެއް ދާލު އެއާޕޯޓުގައި

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ މަންޓާ އެއާ އިން އެ ކުންފުނީގެ އޭޓީއާރު މަރުކާގެ މަތިންދާބޯޓުތަކުގެ ދަތުރުތައް އެއްކޮށް ހުއްޓާލައި، އެ ފްލީޓްގައި މަސައްކަތްކުރާ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި، އޭޓީއާރު ފްލީޓްގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ ރަސްމީ ނޯޓިސްގައި ބުނެފައިވަނީ، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޭޓީއާރުގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލާފައިވާ ކަމަށެވެ.

މަންޓާ އެއާ އިން ހާމަކޮށްފައިވާ ގޮތުގައި، އޮޕަރޭޝަންގެ އޮނިގަނޑަށް އެކި ބަދަލުތައް ގެނެސްގެން ނަމަވެސް ވީހާ ވެސް ގިނަ ދުވަހަކު މުވައްޒަފުންގެ ވަޒީފާތައް ދެމެހެއްޓުމަށް ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 

ނަމަވެސް، ވިޔަފާރީގެ ދެމެހެއްޓެނިވިކަން އަލުން ވަޒަންކުރުމަށް ފަހު، އޭޓީއާރު ފްލައިން އޮޕަރޭޝަން އިތުރަށް ކުރިއަށް ގެންދެވޭނެ މާލީ އަދި އޮޕަރޭޝަނަލް ހާލަތެއް މިހާރު ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އޮޕަރޭޝަން ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބުތައް:

  • ޕާކިސްތާނުގެ 'ސައުތު އެއާ' އާއެކު ކުރިއަށް ގެންދިޔަ ވެޓް-ލީޒް އެއްބަސްވުން ނިމުމަކަށް އައުން.
  • * އޭޓީއާރު ފްލީޓްގެ މަތިންދާބޯޓުތަކުގެ އިންޖީނުތަކަށާއި ޓެކްނިކަލް ގޮތުން މެދުވެރިވަމުންދާ ތަފާތު މައްސަލަތައް ގިނަވުން.

މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، ވިޔަފާރީގެ އޮޕަރޭޝަނެއް އެއްކޮށް ހުއްޓާލުމާ ގުޅިގެން މުވައްޒަފުން މަދުކުރުމުގެ އުސޫލުންނެވެ. މުޅި އޮޕަރޭޝަން ހުއްޓާލާތީ، ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުމުގައި ވަކި ހާއްސަ 'ސެލެކްޝަން ކްރައިޓީރިއާ' އެއް ނުހިނގާނެ ކަމަށް ވެސް ނޯޓިސްގައިވެ އެވެ.

ނަމަވެސް، މުވައްޒަފުންނަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ ގޮތުން، މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އަމިއްލައަށް އިސްތިއުފާ ހުށަހެޅުމުގެ އިހުތިޔާރު ކުންފުނިން ވަނީ ދީފަ އެވެ. އެ ފުރުސަތުގެ ދަށުން އިސްތިއުފާ ހުށަހަޅާ މުވައްޒަފުންނަށް، ވަކިކުރުމުގެ ނޯޓިސް މުއްދަތުގައި ލިބެންޖެހޭ މުސާރައާ އެއްވަރުގެ ފައިސާގެ އިނާޔަތެއް ދޭނެ ކަމަށް މަންޓާ އެއާ އިން ބުނެ އެވެ.

މި ނިންމުމަކީ އޭޓީއާރު ކްރޫންގެ ގާބިލުކަމާއި ހުނަރު ނެތިގެން ނިންމި ނިންމުމެއް ނޫންކަން ފާހަގަކޮށް، ދަތި އުނދަގޫ ހާލަތްތަކުގައި ވެސް މުވައްޒަފުން ދެއްވި އެއްބާރުލުމާއި ހިދުމަތަށް މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށް މާފަށް އެދިފަ އެވެ. އަދި އަސަރުކުރާ ކޮންމެ މުވައްޒަފަކާ އެޗްއާރް ޑިޕާޓްމަންޓުން ވަކިވަކިން ބައްދަލުކޮށް، ފަހުގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަންޓާ އެއާ އިން އޭޓީއާރު މަތިންދާބޯޓުގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ. އޭގެ ފަހުން ބ. ދަރަވަންދޫ، ޅ. މަޑިވަރު، ގއ. ކޫއްޑޫ އަދި ރ. އިފުރަށް ވެސް އެ ކުންފުނިން ވަނީ އޭޓީއާރު ދަތުރުތައް ފުޅާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.