ޝަރުއީ ސިޔާސަތުތައް ކަނޑައެޅުމަށް "ޖުޑީޝަލް ކައުންސިލް" އަލުން އުފައްދަނީ

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޖުޑީޝަލް ކައުންސިލް އެކުލެވިގެންވަނީ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތައް ތަމްސީލުވާ ގޮތަށް، ފަނޑިޔާރުންގެ މައްޗަށެވެ.

ސުޕްރީމް ކޯޓު ނަން ބޯޑު --

ކޯޓުތަކުގެ އިދާރީ ހިންގުމާއި ޝަރީއަތް ކުރުމުގެ މައިގަނޑު އުސޫލުތައް ކަނޑައެޅުމުގެ ބާރުދީ، ވަކި "ޖުޑީޝަލް ކައުންސިލެއް" ގާއިމުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ޝަރުއީ ދާއިރާގެ މާލީ އަދި އިދާރީ ކަންކަމުގައި އުއްތަމަ ފަނޑިޔާރަށް ލަފާދިނުމާއި، ދާއިރާގެ ކުރިމަގަށް ބޭނުންވާ މުހިންމު ސިޔާސަތުތައް ނިންމާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޖުޑީޝަލް ކައުންސިލް އެކުލެވިގެންވަނީ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތައް ތަމްސީލުވާ ގޮތަށް، ފަނޑިޔާރުންގެ މައްޗަށެވެ. 

ކައުންސިލް އެކުލެވިގެންވާ ގޮތް

  • އުއްތަމަ ފަނޑިޔާރު: ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން.
  • ސުޕްރީމް ކޯޓު: އުއްތަމަ ފަނޑިޔާރު ފިޔަވައި އެ ކޯޓުން ކަނޑައަޅާ ދެ ފަނޑިޔާރުން (މީގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ބޭފުޅަކު ކައުންސިލްގެ ނައިބު ރައީސަކަށް ހުންނަވާނެ).
  • ހައި ކޯޓު: އިސްފަނޑިޔާރާއި އެ ކޯޓުން ކަނޑައަޅާ އިތުރު ފަނޑިޔާރެއް.
  • ސުޕީރިއާ ކޯޓުތައް: މާލޭގައި ގާއިމުކޮށްފައިވާ ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީން.
  • މެޖިސްޓްރޭޓް ކޯޓުތައް: ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ތިން އިސްމެޖިސްޓްރޭޓުން (މި ބޭފުޅުން ކޮންމެ ދެ އަހަރަކުން ބަދަލުވާނެ).

މި ކައުންސިލްގެ އިދާރީ ކަންކަން ނުވަތަ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. ކައުންސިލްގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދު ހަމަވާނީ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ. އަދި ނިންމުންތައް ފާސްވާނީ ހާޒިރުވެ ތިބޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލުގެ ދަށުން ޖުޑީޝަލް ކައުންސިލަށް ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް ވަނީ މަތިކޮށްފަ އެވެ. 

އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަލުއިކޮށް، ޓެކްނޮލޮޖީ އާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއެކު އާންމުންގެ އިތުބާރު ހޯދުމަށް ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމާއި، މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި، ކޯޓުތައް ހިންގުމުގެ އެންމެހާ މިންގަނޑުތައް އެކުލަވާލައި އިސްލާހުކުރުން ހިމެނެ އެވެ. 

އަދި ސުޕްރީމް ކޯޓާއި ހައި ކޯޓުގައި މައްސަލަތައް ބަލާ ފަނޑިޔާރުންގެ ބެންޗުތައް އެކުލަވާލާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި ޝަރުއީ ދާއިރާގެ އަހަރީ ބަޖެޓާއި މާލީ ކަންކަން ހިނގާ ގޮތް ބަލައި ޑީޖޭއޭ ޖަވާބުދާރީކުރުވުމުގެ އިތުރުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގައި ޖޭއެސްސީއަށް ލަފާދިނުން ވެސް ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ. 

ކޯޓުތަކާބެހޭ ގާނޫނު 2010 ވަނަ އަހަރު ވުޖޫދަށް އައުމާއެކު އެ ގާނޫނުގެ ދަށުން ވެސް ޖުޑީޝަލް ކައުންސިލެއް އުފެއްދި އެވެ. 

ނަމަވެސް 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ގާނޫނުގައި ހުރި އެ ކައުންސިލާ ބެހޭ މާއްދާތައް ބާތިލްކޮށް ކައުންސިލް އުވާލާފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އިސްނެގުމަށް ޖުޑީޝަލް ކައުންސިލެއް އަލުން އުފެއްދި ނަމަވެސް، ފަހުން އެ ކައުންސިލް ވެސް ވަނީ އުވާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.