ސަރުކާރު ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރާ މިންވަރު %78 ގައި

ޕީސީބީ ރިޕޯޓުގައިވާ ގޮތުން އެންމެ މަތިން ސްކޯ ހޯދާފައިވަނީ %98 ހޯދި އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އެވެ.އަދި އެންމެ ދަަށް ފެނަކަ ކޯޕަރޭޝަނަށް ލިބިފައިވަނީ %68 އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީތަކުން) ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރާ މިންވަރު %78 އަށް އަރާފައިވާއިރު، ކުންފުނިތަކުގެ ވެބްސައިޓްތަކުން މައުލޫމާތު ހާމަކުރުމާއި ދެފުށް ފެންނަ މިންވަރު (ޓްރާންސްޕޭރެންސީ) %45 ގައި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓަކުން ދައްކައިފި އެވެ.   

ޕީސީބީން އާންމުކުރި 2025 ވަނަ އަހަރުގެ "ކޯޕަރޭޓް ގަވަނަންސް ރިވިއު" ގައި ޖުމްލަ 21 ކުންފުންޏެއް ވަނީ އިވެލުއޭޓްކޮށްފަ އެވެ. މި ރިވިއުއިން ދައްކާ ގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު ކޯޕަރޭޓް ގަވަނަންސް ކޯޑަށް ކުންފުނިތަކުން އަމަލުކުރާ މިންވަރު ވަނީ 11 ޕޮއިންޓަށް ވުރެ މައްޗަށް ގޮސްފަ އެވެ.   

އެންމެ މަތިން އަދި އެންމެ ދަށުން ސްކޯ ހޯދި ކުންފުނިތައް

ރިވިއު ކުރެވުނު 21 ކުންފުނީގެ ތެރެއިން 11 ކުންފުންޏަކުން ވަނީ %75 ނުވަތަ އެއަށް ވުރެ މަތިން ސްކޯ ހޯދާފަ އެވެ. ބޯޑު އެކުލަވާލެވިފައިވާ ގޮތް ނުހިމަނައި މުޅި ސެކްޓަރުގެ އެވްރެޖް ސްކޯ އަކީ %77 އެވެ. 

އެންމެ މަތިން ސްކޯ ހޯދި ކުންފުނިތައް - އެންމެ ކުރީގައި އުޅެނީ %98 ހޯދި އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އެވެ. ދެވަނައިގައި %97 އެކު އެމްޕީއެލް އޮތްއިރު، އާސަންދަ އަށް %93 އަދި މިންޑްކޯ އަށް ވަނީ %90 ލިބިފަ އެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީ (89 ޕަސެންޓް)، ސްޓެލްކޯ (88 ޕަސެންޓް) އަދި މޯލްޑިވްސް ޕޯސްޓް (87 ޕަސެންޓް) ވެސް ހިމެނެނީ އެންމެ ކުރީގަ އެވެ.   

އެންމެ ދަށުން ސްކޯ ހޯދި ކުންފުނިތައް - އެންމެ ދަށް ސްކޯއެއް ލިބިފައިވަނީ 45 ޕަސެންޓް ލިބުނު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށެވެ. އޭގެ އިތުރުން އެމްއެފްއޯއާރުއެމްޕީސީ އަށް 50 ޕަސެންޓް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް 64 ޕަސެންޓް، އަދި ބީސީސީ އާއި އެމްއެފްއެމްސީ އަށް 66 ޕަސެންޓް ވަނީ ލިބިފަ އެވެ. ވެމްކޯ އަށް 67 ޕަސެންޓް ލިބުނުއިރު ފެނަކަ ކޯޕަރޭޝަނަށް ލިބިފައިވަނީ 68 ޕަސެންޓެވެ.   

އޮޑިޓްތަކާއި އަހަރީ އާންމު ޖަލްސާތަކުގެ ހާލަތު

ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު އެހެން ކަންކަމަށް ބަލާއިރު، ކުންފުނިތަކުގެ ތެރެއިން 9 ކުންފުންޏެއްގެ ޖުމްލަ 19 އޮޑިޓެއް ނުނިމި އެބައޮތެވެ. އަދި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައިވަނީ 21 ކުންފުނީގެ ތެރެއިން 12 ކުންފުނިންނެވެ.  

މީގެ އިތުރުން، ކުންފުނި އުފެދުނީއްސުރެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ނުބާއްވާ 2 ކުންފުންޏެއް އޮތްކަމާއި، އަހަރީ ޕްލޭނެއް ނެތް 7 ކުންފުންޏެއް ހިމެނޭކަން ވެސް ޕީސީބީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ކޯޑުގެ އެކި ބައިތަކަށް ބަލާއިރު އެންމެ ދަށްކޮށް އަމަލުކޮށްފައިވަނީ ޓްރާންސްޕޭރެންސީ (45 ޕަސެންޓް) އަދި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ބައިން (47 ޕަސެންޓް) އެވެ. ނަމަވެސް ޑިރެކްޓަރުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި 99 ޕަސެންޓް އަދި ބޯޑާއި ކޮމްޕެނީ ސެކްރެޓަރީގެ ޒިންމާތައް އަދާކުރުމުގައި 92 ޕަސެންޓް ކުންފުނިތަކުން ވަނީ ހޯދާފަ އެވެ.   

ވެބްސައިޓްތަކުން މައުލޫމާތު ހާމަކުރާ މިންވަރު

ޕީސީބީ އިން ބުނީ އިވެލުއޭޓް ކުރެވުނު 21 ކުންފުނީގެ ވެސް އަމިއްލަ ވެބްސައިޓެއް ހުރި ނަމަވެސް، އާންމުކުރަން ޖެހޭ މުހިންމު މައުލޫމާތުތައް ވެބްސައިޓްތަކުގައި ހުންނަ މިންވަރު ވަރަށް ދަށެވެ. އަދި ވެބްސައިޓުގައި މާލީ ބަޔާންތައް ޝާއިއުކޮށްފައިވަނީ އެންމެ 5 ކުންފުނިންނެވެ. އަދި ޑިވިޑެންޑް ޕޮލިސީ އާންމުކޮށްފައިވަނީ 4 ކުންފުނިންނެވެ. އޭޖީއެމް ޔައުމިއްޔާ ފާއިތުވި 5 އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ޝާއިއުކޮށްފައިވަނީ އެންމެ 3 ކުންފުނިންނެވެ. މީގެ އިތުރުން އަހަރީ ރިޕޯޓު ފާއިތުވި 3 އަހަރުގެ އަހަރީ ރިޕޯޓު ވެބްސައިޓުގައި ހުރީ 8 ކުންފުނީގަ އެވެ. އިންފޮމޭޝަން އޮފިސަރު: 17 ކުންފުންޏަކުން އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު ވެބްސައިޓުގައި ހިމަނާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.