ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖުތައް ދިރާސާކޮށް، ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެ، އެ މީހުން ދިރިއުޅޭ ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ.

މާލޭގައި ހުންނަ އޮފީހަކުން 1.2 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ބުދަ ދުވަހު ހުށަހެޅި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ، ފުއްޓަރު، އަހުމަދު ނާޒިމް އާއި ރ. މަޑުއްވަރީ، މުޝްތަރީގެ، ހުސެއިން ސޮބާހު އަދި
ރ. މަޑުއްވަރީ، ސްޓާލައިން، އާއިޝަތު ނަޝާޔާ އެވެ.
މި މައްސަލައިގައި ނާޒިމް ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި ސޮބާހާއި ނަޝާޔާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
ބަންދާ މެދު ނިންމި ގޮތް
ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެކި މުއްދަތުތަކަށް އެ މީހުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
އަހުމަދު ނާޒިމް: ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ހުސެއިން ސޮބާހު: ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.
އާއިޝަތު ނަޝާޔާ: ބަންދަށް 5 ދުވަސް އިތުރުކޮށްދީފައިވެ އެވެ.
ތަހުގީގާއި ފެނުނު ފައިސާގެ ތަފްސީލު
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖުތައް ދިރާސާކޮށް، ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެ، އެ މީހުން ދިރިއުޅޭ ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ.
އެ ތަންތަން ބަލައި ފާސްކުރިއިރު، އެއް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 8،845 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 136،000 ރުފިޔާ) ވަނީ ފެނިފަ އެވެ. ނަމަވެސް، ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އޮފީހުން ޖުމްލަ 1.2 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 11،470 އެމެރިކާ ޑޮލަރު (170،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ވަގަށް ނަގާފައިވެ އެވެ.