ވީއައިއޭގައި އިންޓަނޭޝަނަލް ފަސިންޖަރުންނަށް އީ-ގޭޓުގެ ޚިދުމަތް ފުޅާކޮށްފި

ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ޤާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އަންނަ ދަތުރުވެރިންނަށް ޚާއްޞަ 20 ގޭޓާއި ފުރާ ދަތުރުވެރިންނަށް ޚާއްޞަ 15 ގޭޓެވެ.

އީގޭޓުގެ ހިދުމަތް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ -- އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓަރމިނަލް 1 ގައި ދެމުންދާ އީ-ގޭޓުގެ ޚިދުމަތް ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް މިއަދު ރަސްމީކޮށް ފުޅާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފެށި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން ކޮންޓްރޯލަރު ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަސީޙާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން ހަމައެކަނި ދިވެހިންނަށް ޚާއްޞަވެފައި އޮތް މި ޚިދުމަތް ފުޅާކުރުމާއެކު، ކަނޑައެޅިފައިވާ 31 އެއަރލައިނަކުން ދަތުރުކުރާ 39 ޤައުމެއްގެ ޝަރުޠުހަމަވާ ފަތުރުވެރިންނަށް މިހާރު އީ-ގޭޓް ބޭނުންކުރެވޭނެއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ފަސިންޖަރަކު ވަނީ އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން މަރުޙަލާ ފުރިހަމަކޮށްފައެވެ.

ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ޤާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އަންނަ ދަތުރުވެރިންނަށް ޚާއްޞަ 20 ގޭޓާއި ފުރާ ދަތުރުވެރިންނަށް ޚާއްޞަ 15 ގޭޓެވެ. މި ބަދަލާއެކު، ޝަރުޠުހަމަވާ އިލެކްޓްރޯނިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އަންނަ އިރާއި ފުރާ އިރުވެސް އޮޓޮމޭޓެޑް ނިޒާމުގެ ތެރެއިން އަވަހަށް އިމިގްރޭޝަން ނިންމާލެވޭނެއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޚިދުމަތްތައް އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.