ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވެސް 500 ހެކްޓަރަށް ވުރެ ބޮޑެއް ނުވާނެ ކަމަށެވެ.

ރަސްމާލޭގައި ވޯޓަފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގިޔަސް މާލެ ސަރަހައްދުގައި ބޭނުން ޖެހިފައިވާ އެންމެނަށް ބޯހިޔާވެހިކަން ފޯރުކޮށްދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅުން 1000 ހެކްޓަރު ހިއްކުމަށެވެ. އޭގެ ތެރެއިން 500 ހެކްޓަރު ރިއަލް އެސްޓޭޓް މަޝްރޫއު ހިންގަން އީގަލްސް ހިލްސް އަށް ދޭތީ އެތަނުން ރައްޔިތުންނަށް ބޯހިޔާވެހިކަން ދޭނެ އިތުރު ޖާގައެއް ނޯންނާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅު ކުރެ އެވެ.
އެކަމަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވެސް 500 ހެކްޓަރަށް ވުރެ ބޮޑެއް ނުވާނެ ކަމަށެވެ.
"އެތަނުން [ރަސްމާލެ އިން0] މާލެ ސަރަހައްދުން ބޯހިޔާވެހިކަން ނުދެވޭ ހުރިހާ ފަރާތްތަކަށް ދެވޭނެ. އެއާއެއްކޮށް އުފެދިގެންދާ އިގްތިސާދަށް ހުރަސް އެޅުމަކީ ރައްޔިތުންނަށް ލިބެން ޖެހޭ ތަނަވަސްކަމަށް ހުރަސް އެޅުން." މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލެ ހިއްކި ނަމަވެސް 2018 ވަނަ އަހަރު ބްރިޖު އެޅުމާ ހަމައަށް އެތަނަކީ މީހުން ނިދަން އަރާ ހާއްޔެއް ކަމަށެވެ.
މިހާރު ވެސް 60،000 މީހުން ވަޒީފާތަކަށް ދިޔުމަށް ދަނީ މާލެ އަށް ކަމަށާއި އޭގެ ސަބަބަކީ ހުޅުމާލޭގައި ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ ފުރުސަތުތައް އެކަށީގެންވާ ގޮތެއްގައި ނެތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބޭނުން ވަނީ ރަސްމާލެ އިން އާމްދަނީ ހޯދަން ލިބި މި ފުރަ މާލެއަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭ ކަހަލަ ގޮތަކަށް ތަނެއް ތަރައްގީ ކުރަން." މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅިފަޅާއި ގިރާވަރުން ގޯތި ދިން ގޮތަށް ރަސްމާލެ އިން ގޯތި ދޭކަށް ބޭނުމެއް ނުވެ އެވެ.
އެ ދެތަނުގައި ވެސް ގޯތި ދީފައި ހުރީ ވިޔަފާރި ކުރާނެ އެއްވެސް ބިމެއް ނުބަހައްޓާ ކަމަށާއި އެގޮތަށް ދީފި ނަމަ 40 އަހަރު ވާ އިރު ވެސް ތަރައްގީ ނުވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"އަޅުގަނޑޫމެން މި ކުރާ ކަމަކީ އިގްތިސާދެއް ގާއިމްކޮށް ވަޒީފާ ލިބޭނެ ގޮތް ހަދައިފަ އެތަނުގައި ދިރިއުޅެވޭނެ މަގެއް ތަނަވަސް ކުރުން." އޭނާ ވިދާޅުވި އެވެ.