ހިލަ ލިބުނުހާ އަވަހަށް ވަރަށް ގިނަ މަޝްރޫއުތައް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިލަ ލިބުން ދަތިވެފައިވާތީ ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިތަކާ ހެދި ކަމަށެވެ.
އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގައި މިވަގުތު ހިނގަމުންދާ ހަނގުރާމަތަކާ ހެދި ކުރިމަތިވެފައިވާ ދަތިތައް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"މެންބަރުންގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މި އުޅެނީ،" ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި އެ ދަތިތަކާއެކު ވެސް އެކި ގޮތްގޮތުން ހައްލު ހޯދައިގެން މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ސަރުކާރުން ކުރެ އެވެ.
ރާއްޖެ އަށް ހިލަ ލިބުމުން ވަރަށް ގިނަ މަޝްރޫއުތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.