މި އަހަރުގެ ޓޫރިޒަމް ޓާގެޓު ހަމަވާނެ ތަ؟

ޓޫރިޒަމް ވަޒީރު އަމީން ވިދާޅުވެފައިވަނީ މިދިޔަ އަހަރު އައި 2.2 މިލިއަން ޓޫރިސްޓުންގެ ނަމްބަރު މި އަހަރު ހަމަވާނެ ކަމަށެވެ. މިއަދަދު ހަމަވާން އިތުރަށް 267,605 ޓޫރިސްޓުން ގެންނަން ޖެހެ އެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް: ފޮޓޯ: އެމްއޭސީއެލް

މި ސަރުކާރުގެ ޓޫރިޒަމް ވަޒީރު މުހައްމަދު އަމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކައެއް އޮވެ އެވެ. މި އަހަރު ދުނިޔޭގައި ހަނގުރާމަ ހިނގިޔަސް މިދިޔަ އަހަރު އައި އަދަދަށް މި އަހަރުވެސް ޓޫރިސްޓުން އަންނާނެ އެވެ. ނަމަވެސް މިހާތަނަށް ޓޫރިސްޓުން އައި އަދަދުތަކުން ބަލާނަމަ މި ލަނޑުދަނޑި ހާސިލްވުމުގެ ފުރުސަތު އޮތް ތޯ މިއީ ކުރެވޭ ސުވާލެކެވެ. ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ބުނެދެނީ މިދިޔަ އަހަރު އައި އަދަދަށް މި އަހަރު ޓޫރިސްޓުން ގެންނަން ހުރި ގޮންޖެހުންތަކެވެ. ނަމްބަރުތަކުން ދައްކަނީ އެ ވާހަކަ އެވެ. މި އަހަރުގެ ޓޫރިޒަމް ޓާކެޓް ހާސިލްވެދާނެ ހެއްޔެވެ؟ 

މިދިޔަ އަހަރަކީ ޓޫރިޒަމް ރަނގަޅު އަހަރެކެވެ. ދުނިޔޭގައިވެސް ބޮޑެތި ހަނގުރާމަ ތަކެއް ނުހިނގަ އެވެ، އެހެންވެ މިދިޔަ އަހަރު ނިންމާލީ 2.2 މިލިއަންގެ ޓާގެޓަށް ވާސިލްވެގެންނެވެ. ނަމަވެސް މި އަހަރުގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސް ވަރަށް އައިސްފައިވާއިރު މިހާތަނަށް އަދި އައިސްފައިވާ ޓޫރިސްޓުންގެ އަދަދަކީ 1,8 މިލިއަން މީހުންނެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް އަންނަ މީހުންނާއި ކްރޫޒްލައިން މީހުން އެއްކުރުމުން ޖުމްލަ ދަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރަ އެވެ. މި 1.9 މިލިއަން މީހުންނަކީ ރާއްޖެ އައި ޓޫރިސްޓުންގެ ގޮތުގައި ބެލިނަމަވެސް މިދިޔަ އަހަރު އައި އަދަދަށް ޓޫރިސްޓުންގެ ނަމްބަރު ހަމައެއް ނުވެ އެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,932,395 މިލިއަން ޓޫރިސްޓުންނެވެ. މި އަދަދުން ބަލާނަމަ މިދިޔަ އަހަރަށްވުރެ 267,605 މީހުން މަދެވެ. ސުވާލަކީ މިއަހަރުގެ ބާކީ އޮތް އެއް މަހާއި 10 ދުވަހުގެ ތެރޭގައި މި އަދަދު ހަމަވެދާނެ ހެއްޔެވެ؟ 

ޑެއިލީ އެރައިވަލްސް މަތިވާން ޖެހޭ

މި ސުވާލަށް ޖަވާބުދޭން ބަލަން ޖެހެނީ މިހާރު ރާއްޖޭގެ ޓޫރިޒަމް ޑެއިލީ އެރައިވަލްސް ހުރި ގޮތަށެވެ. ޓޫރިޒަމް ޑެއިލީ އެރައިވަލްސް ދައްކާ ގޮތުން މި އަހަރު އަންނަ ކަމަށް ޓޫރިޒަމް ރަސްމީ ހިސާބުތަކުން ދައްކަނީ ދުވާލަކު 5,928 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔައަހަރުގެ މި މުއްދަތުގައި 6,117 ޒިޔާރަތް ކުރިކަމަށް ދައްކަ އެވެ. މި އަހަރު ބާކީ މަދުވާ 267,605 ޓޫރިސްޓުންގެ އަދަދުން ބަލާނަމަ ޑެއިލީ އެރައިވަލްސް 6،000 އަށް މައްޗަށް ގެންދަން ޖެހެ އެވެ. މި އަދަދަށް ޑެއިލީ އެރައިވަލްސް ގެންދެވިދާނެ ހެއްޔެވެ؟ 

ފްލައިޓް ކެޕޭސިޓީ 70 އިން މައްޗަށް ދާން ޖެހޭ

މި ވަރަށް ޑެއިލީ އެރައިވަލްސް ގެންދާނަމަ ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރުކޮށް ފްލައިޓް އަޅާ މިންވަރު ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭ އިތުރު ކުރަން ޖެހެ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރާއި އަންނަ އަހަރު އިތުރު ފަސް ފްލައިޓް އަލަށް ފަށާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ދުނިޔެ އޮތްގޮތުން ތެލުގެ އަގު އުފުލުމާއެކު ޓިކެޓުގެ އަގު ބޮޑުވުމުން މި ފްލައިޓްތަކުގެ ޝީޓް ކެޕޭސިޓީ އެންމެ މަދުވެގެން 70 ޕަސެންޓުގައި ބަހައްޓައިގެން ނޫނީ ދާއިމީ އުދުހުންތަކަށް ނުދާނެ އެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީމި އެވެ. ޓޫރިޒަމް ސީޒަން ފެށެން ގާތްވެފައިވާއިރު، ރާއްޖޭގެ ޓޫރިޒަމްގެ މައި ކަނެކްޝަން ޕޮއިންޓް އޮތީ ފާޑަކަށް ހުއްޓިފަ އެވެ. މީގެ ސަބަބުން ގިނަ މައްސަލަތަކާ ކުރިމަތި ދަނީ ލަމުންނެވެ. އަދި ޓޫރިޒަމް ޕްރޮމޯޝަން އެކަށީގެންވާ ގޮތެއްގައި ވިޒިޓް މޯލްޑިވްސްއަށް ނުގެންދެވުމަކީ ވެސް މައްސަލައެކެވެ. މި ހުރިހާ މައްސަލައަކާއެކު މިދިޔަ އަހަރު ޓޫރިސްޓުން އައި އަދަދަށް މި އަހަރު ޓޫރިސްޓުން ގެނެވިދާނެތޯ މިއީ ކުރެވޭ ސުވާލެކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.