ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މި އިސްލާހުތަކުގައި، 2027 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 15.6 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ހޯދަން އެދިފައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް، ދައުލަތުގެ ދަރަންޏާއި، ގެރެންޓީ ދީފައިވާ ދަރަންޏާއި، ސަބްސިޑީ އަދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ތަފްސީލުތައް ބަޖެޓުގައި ހިމެނުމަށް އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވައި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ތާއީދުކުރެއްވި މި އިސްލާހުތަކުގައި، 2027 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 15.6 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ހޯދުމަށް ރާވާފައިވާއިރު، ދަރަނި އަނބުރާ ދެއްކުމަށް ހިމަނާފައިވަނީ 4.4 ބިލިއަން ރުފިޔާކަން ފާހަގަކޮށްފައިވެ އެވެ. އެއީ ދަރަނި ދައްކާ މިންވަރަށްވުރެ 11 ބިލިއަން ރުފިޔާ އިތުރަށް އާ ދަރަނި ނެގުމެވެ.
ދަރަނި އުފުލެމުންދާ މިންވަރު:
2026 ވަނަ އަހަރުގެ ނިޔަލަށް - ދައުލަތުގެ ސީދާ ދަރަނި 140 ބިލިއަން ރުފިޔާގައި އަދި ގެރެންޓީ ހިމަނައިގެން ޖުމްލަ ދަރަނި 157.9 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކުރެވެއެވެ.
2027 ވަނަ އަހަރުގެ ނިޔަލަށް - ދައުލަތުގެ ސީދާ ދަރަނި 151 ބިލިއަން ރުފިޔާއަށް، އަދި ގެރެންޓީ ހިމަނައިގެން ޖުމްލަ ދަރަނި 161 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
ހުށަހެޅި މައިގަނޑު އިސްލާހުތައް
ދަރަނި ނެގުމުގެ ޕްލޭން - ދަރަނި ހޯދުމަށް ތައްޔާރުކުރާ ޕްލޭންތަކާ ޚިލާފަށް ދަރަނި ނަގަމުންދާތީ ހިރާސްތައް އިތުރުވެފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާތީ، ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުގެ ދަށުން ދަރަނި ނެގުމުގެ އަހަރީ ޕްލޭންގެ ތަފްސީލު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭންސްއިން މަޖިލީހަށް ހުށަހަޅައި ބަޖެޓުގައި ހިމެނުން.
ސޮވްރިން ގެރެންޓީ - 2026 ގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަނި 17.6 ބިލިއަން ރުފިޔާގައި ހުރެފައި، 2027 ގެ ނިޔަލަށް 9.7 ބިލިއަން ރުފިޔާއަށް (7.9 ބިލިއަން ރުފިޔާ) ދަށްވާނެކަމަށް ލަފާކޮށްފައިވާ ސަބަބާއި، ގެރެންޓީ ދީފައިވާ ކުންފުނިތަކުގެ ފުރިހަމަ ތަފްސީލު ބަޖެޓުގައި ހިމެނުން.
ސަބްސިޑީ އަދި ކުންފުނިތައް - ސަބްސިޑީތައް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓްކޮށްގެން ދިނުމުގެ ޕްލޭނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ 1.6 ބިލިއަން ރުފިޔާގެ ކެޕިޓަލް އަދި 300 މިލިއަން ރުފިޔާގެ ލޯނުގެ ތަފްސީލު ހާމަކުރުން.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) - 2027 ވަނަ އަހަރު ބޭރުގެ ދަރަނި ދެއްކުމަށާއި ޚިދުމަތުގެ ޚަރަދަށް ޖުމްލަ 8.7 ބިލިއަން ރުފިޔާ ދައްކަންޖެހޭއިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން ލިބޭ ބޭރު ފައިސާގެ އާމްދަނީ އެސް.ޑީ.އެފްގައި ރައްކާކޮށް، ކުރިމަގުގެ ބޮޑެތި ދަރަނިތައް ދެއްކުމަށް ފަންޑުގައި ފައިސާ ބެހެއްޓުމުގެ ތަފްސީލު ބަޖެޓުގައި ހިމެނުން.
އާސަންދަ އަދި އެހެނިހެން ޚަރަދުތައް - އާސަންދަ ނިޒާމުގެ ޚަރަދުތައް 2025 ވަނަ އަހަރުގެ މިންވަރަށް ތިރިކުރާނެ ގޮތުގެ ޕްލޭނާއި، ކޯޕޭމަންޓް ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތަކުގެ ތަފްސީލާއި، ބަޖެޓުގައި ހިމަނާފައިވާ އާމްދަނީ ހޯދުމުގެ އާ ފިޔަވަޅުތަކުން ލަފާކުރާ ވަރަށް އާމްދަނީ ނުލިބިއްޖެނަމަ އަމަލުކުރާނެ ގޮތުގެ ޕްލޭން ހުށަހެޅުން.
މީގެ އިތުރުން، ސަރުކާރުގެ ޓްރެޝަރީ ބިލާއި ބޮންޑަށް ބޭންކުތަކުން ބަރޯސާވެފައިވާ މިންވަރު ބޮޑުވުމަކީ މާލީ ނިޒާމަށް އޮތް ހިރާހެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ފާހަގަކޮށްފައިވާކަން ވެސް މި ހުށަހެޅުމުގައި ވަނީ އަލިއަޅުވާލާފައެވެ