އަންނަ އަހަރުގެ 59.7 ބިލިއަންގެ ބަޖެޓަށް 23 އިސްލާހު

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު ތަފްސީލުތަކަށް ބަލާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް، މަޖިލީހުގެ ބައެއް މެންބަރުން 23 އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރައްވައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ސަރުކާރުން ފޮނުވި ގޮތަށް ފާސްކޮށް އެކުލަވާލި ރިޕޯޓު މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅާފައެވެ. އަދި އެ ރިޕޯޓަށް މިހާރު ވަނީ މަޖިލީހުގެ ތަޅުމުގައި ބަހުސް ފަށާފައެވެ.

މިއަދުގެ ޖަލްސާގައި ބަހުސަށް ފުރުސަތު ހުޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވަނީ ބަޖެޓަށް 23 އިސްލާހު ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ. ނަމަވެސް، އެ އިސްލާހުތައް ހުށަހެޅުއްވި މެންބަރުންގެ ތަފްސީލެއް ރިޔާސަތުން ދެއްވާފައެއް ނުވެއެވެ. ބަޖެޓު ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 7 މިނިޓުގެ ވަގުތެއް ދެއްވުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު ތަފްސީލުތަކަށް ބަލާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މިއީ މި އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ ގާތްގަނޑަކަށް 77 ޕަސެންޓް، ނުވަތަ 33.6 ބިލިއަން ރުފިޔާ ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

މީގެ އިތުރުން، އަންނަ އަހަރު ޖުމްލަ 52.6 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދެވެ. އެގޮތުން:

ރިކަރަންޓް ޚަރަދު: 42.7 ބިލިއަން ރުފިޔާ (މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 ޕަސެންޓް)

ކެޕިޓަލް ޚަރަދު: 9.8 ބިލިއަން ރުފިޔާ

މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓަށް އުނިއިތުރެއް ނުގެނެސް ފާސްކޮށްފައިވީ ނަމަވެސް، މެންބަރުން ހުށަހަޅުއްވާފައިވާ 23 އިސްލާހާ މެދު ގޮތެއް ނިންމާނީ ބަޖެޓު ރިޕޯޓުގެ ބަހުސް ނިމުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.