ވޯލްޑް ބޭންކުން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބޮލަކަށް ޖެހޭ އާމްދަނީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެނީ ހަމައެކަނި ރާއްޖޭގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތައް "މުސްކުޅި އާބާދީއަކަށް" ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓޭނެ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށާއި ސަރަހައްދުގެ އެހެން ގައުމުތައް މުސްކުޅިވާނީ މުއްސަނދިވުމުގެ ކުރިން ކަމަށް ވޯލްޑް ބޭންކުގެ އާ ދިރާސާއަކުން ދައްކައިފި އެވެ.
ވޯލްޑް ބޭންކުން ނެރުނު "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ، ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ދެކުނު އޭޝިއާގެ މަސައްކަތްކުރާ އުމުރުގެ އާބާދީ އެންމެ މައްޗަށް ގޮސް، އާބާދީގެ ގޮތުން ލިބެމުންއައި އިގުތިސާދީ ކުރިއެރުން މަޑު ޖެހެން ފަށާނެ އެވެ.
އާމްދަނީގެ ފަރަގު - ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބޮލަކަށް ޖެހޭ އާމްދަނީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެނީ ހަމައެކަނި ދިވެހިރާއްޖޭގަ އެވެ. އެހެން ގައުމުތަކުން މި މަރުހަލާ ފުރިހަމަކުރާއިރު، އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ކުރިއަރަމުން އަންނަ އެހެން ގައުމުތަކުން މުސްކުޅިވާން ފެށިއިރު ހުރި މިންވަރަށް ވުރެ ވެސް ދަށުގައެވެ.
މުސްކުޅިވުމުގެ ދުވެލި - 2034 ވަނަ އަހަރު ދެކުނު އޭޝިއާގެ މަސައްކަތްކުރާ އުމުރުގެ އާބާދީ %69 އަށް އަރައި އެންމެ މައްޗަށް ދާނެއެވެ. އަދި 2049 ވަނަ އަހަރު 65 އަހަރުން މަތީގެ އާބާދީ %14 އަށް އަރައި، މުޅި ސަރަހައްދު މުސްކުޅި އާބާދީއަކަށް ބަދަލުވާނެ އެވެ. ރާއްޖޭގެ މަސައްކަތްކުރާ އުމުރުގެ އާބާދީ 2033 ގައި އެންމެ މައްޗަށް ގޮސް، 2031 އިން 2044 އާ ދެމެދު (13 އަހަރު ތެރޭގައި) މުސްކުޅި އާބާދީއަކަށް ބަދަލުވާނެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އަވަހަށް އާބާދީ މުސްކުޅިވާނެ އެއް ގައުމެވެ.
ރާއްޖޭގެ އިޖުތިމާއީ އަދި ސިއްހީ ހާލަތު - ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ޕެންޝަން ނިޒާމާއި ސިއްހީ ހޭދަ ހުރީ ރަނގަޅު ފެންވަރެއްގަ އެވެ. ސަރަހައްދުގެ ޕެންޝަން ކަވަރޭޖް އެވްރެޖްކޮށް %17 ގައި ހުރިއިރު، ރާއްޖޭގައި މި ނިސްބަތް %30 އަށް ވުރެ މައްޗެވެ. ނަމަވެސް، ޖަޒީރާ ރަށްތަކަކަށް ބެހިފައި އޮތުމުން ސިއްހީ ހިދުމަތް ދިނުމުގެ ހަރަދު ބޮޑުވުމާއި، ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުމުގެ ސަބަބުން ސިއްހީ ހޭދައިގެ ނަތީޖާ ނެރެވޭ މިންވަރު ދަށްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދެކުނު އޭޝިއާގެ މަސައްކަތްކުރާ އުމުރުގެ އާބާދީގެ %88 މީހުން އުޅެނީ އިޖުތިމާއީ ރައްކާތެރިކަން ނެތް ނުރަސްމީ ވަޒީފާތަކުގަ އެވެ. އަދި އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުންނަ ނިސްބަތް އުޅެނީ އެންމެ 35 އިންސައްތައިގަ އެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ޒުވާނުން އަލަށް ވަންނަ ދާއިރާތަކުގެ ވަޒީފާތައް %20 ދަށްވެފައިވާއިރު، އުމުރުން ދުވަސްވީ މީހުންގެ %90 އަށް ރައްކާތެރިކަމެއް ނެތެވެ.