މިދިޔަ މަހު ޖުމްލަ 3,60 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2,56 ބިލިއަން ރުފިޔާއެވެ. މިއާއެކު މިދިޔަ މަހުގެ އޯވަރޯލް ބެލެންސް ނުވަތަ ބަޖެޓް ޑެފިސިޓް ހުރީ އެއް ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ދައުލަތުގެ ޖުމްލަ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓް ދަށްވެއްޖެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ މިދިޔަ މަހު މަހުގެ "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު ދައުލަތުން ޖުމްލަ 3,60 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2,56 ބިލިއަން ރުފިޔާއެވެ. މިއާއެކު މިދިޔަ މަހުގެ އޯވަރޯލް ބެލެންސް ނުވަތަ ބަޖެޓް ޑެފިސިޓް ހުރީ އެއް ބިލިއަން ރުފިޔާގައެވެ.
ރިކަރަންޓް ޚަރަދު - އޮކްޓޯބަރު މަހު ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ ތިން ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު %3.0 ދަށް އަދަދެކެވެ. މީގެ ތެރެއިން މުސާރައާއި އިނާޔަތްތަކަށް 1,39 ބިލިއަން ރުފިޔާ އަދި އިދާރީ އަދި ހިންގުމުގެ ޚަރަދަށް 1,66 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
ކެޕިޓަލް ޚަރަދު - ކެޕިޓަލް ޚަރަދުގެ ގޮތުގައި އޮކްޓޯބަރު މަހު ހޭދަވީ 542.4 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19.9 އިންސައްތަ ދަށް އަދަދެކެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް އޮކްޓޯބަރު މަހު ޚަރަދުކޮށްފައިވަނީ 463.4 މިލިއަން ރުފިޔާއެވެ.
އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %0.2 ދަށްވެފައެވެ.
ޓެކްސް އާމްދަނީ - ޓެކްސްގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ (788.4 މިލިއަން ރުފިޔާ)، ޖީޖީއެސްޓީ (383.5 މިލިއަން ރުފިޔާ) އަދި އިމްޕޯޓް ޑިއުޓީން (293.9 މިލިއަން ރުފިޔާ) އެވެ.
ޓެކްސް ނޫން އާމްދަނީ - ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 513.0 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 12.0 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 35,1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32,8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ނަމަވެސް މި މުއްދަތުގައި ޖުމްލަ ޚަރަދު ވަނީ 39,7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު ޖަނަވަރީން އޮކްޓޯބަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުރީ 4,5 ބިލިއަން ރުފިޔާގައެވެ.