މި ކެމްޕޭނަކީ ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް ކުރާ އިހުލާސްތެރި މަސައްކަތެއްތޯ ނުވަތަ އެތެރޭގެ އިންތިހާބުތަކާއި ސިޔާސީ ގޮތުން ޕޮއިންޓު ހޯދަން ޕޮޕިއުލިސްޓް ސިޔާސަތަކަށް ދީލާލުންތޯ، ތާރީހަށް ބަލައިލުމުން ފެންނާނެ އެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބު ބޯމަތިވެ، މަގުމަތީގެ އިހުތިޖާޖުތަކަށް އެ ޕާޓީން ތައްޔާރުވަމުންދާއިރު، ރަސްމާލޭގައި ހިންގަން ނިންމާފައިވާ 12 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ މެދު އުފެދިފައިވާ ބަހުސްގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ބަހާއި އަމަލާ ދިމާނުވާ މިންވަރު ވަނީ ހާމަވެފަ އެވެ.
އަދި ދުރުރާސްތާގެ އިގްތިސާދީ ފައިދާއަށް ވުރެ ބޮޑަށް، ވަގުތީ ސިޔާސީ މަންފާއަށް އިސްކަންދޭ މިންވަރާ މެދު ވެސް ވަނީ ސުވާލުތައް އުފެދިފަ އެވެ.
ބަދަލުވަމުންދާ މި ސިޔާސީ މަސްރަހުގެ އެންމެ މެދުގައި ހުންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުން ފެނިގެން ދިޔައީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ތާއީދުކުރުމުގެ ޒަމާންވީ ސިޔާސަތާއި، ޕާޓީގެ އެތެރެއިން އުފެދިފައިވާ ޕޮޕިއުލިސްޓް ޕްރެޝަރުތަކާ ދެމެދު ބެލެންސް ހިފެހެއްޓުމަށް އެ މަނިކުފާނު ކުރައްވާ މަސައްކަތެވެ.
ޔޫއޭއީގެ ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީކުރަން ސަރުކާރުން އިއުލާންކުރުމާއެކު، އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރެއިން އެ ކަމަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި އެއް ބޭފުޅަކީ ނަޝީދެވެ. ޒަމާނީ ވޯޓާފްރަންޓަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ހެޔޮ ބަދަލު ގަބޫލުފުޅު ކުރައްވައި، އެ މަނިކުފާނު އޭރު އެ ވިސްނުމަށް ފާޅުގައި ތާއީދު ކުރެއްވި އެވެ.
ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބު ކައިރިވެ، ޕާޓީގެ ހަރުކަށި ފިކުރުގެ މެންބަރުން މި މަޝްރޫއާ ދެކޮޅަށް ތެދުވުމާއެކު، ނަޝީދުގެ ރާގު ވަނީ ދިމާ އިދިކޮޅަށް ބަދަލުވެފަ އެވެ.
މި މަޝްރޫއު ގޯސްކަމަށް ސީދާ ވިދާޅުނުވި ނަމަވެސް، އެމްޑީޕީގެ ޗެއާޕާސަން މިހާރު ވަކާލާތު ކުރައްވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ.

"ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ކުރެވިދާނެ. ގަބޫލު ކުރެވިދާނެ. އެހެން ނަމަވެސް އެ ތަސައްވަރުތައް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވަނީ ނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ،" ނަޝީދު ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުމާ ނުލައި މިކަން ކޮށްފި ނަމަ، ގައުމަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ނަޝީދުގެ މި ބަދަލަކީ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކުރިން އާންމު މެންބަރުންގެ ރުހުން ހޯދުމަށް އެޅުއްވި ފިޔަވަޅެކެވެ.
އީގަލް ހިލްސްގެ އެއްބަސްވުމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން އިސްނަގައިގެން އިހުތިޖާޖު ކުރާނެކަން އިއުލާން ކުރެއްވިއިރު ވެސް، ދައުލަތުން ސޮއިކޮށްފައިވާ "ސޮވަރިން އެގްރީމަންޓް" ފަދަ އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށް ބުނެ ވާހަކަ ނުދެއްކުމަށް ޕާޓީގެ މެންބަރުންނަށް ނަޝީދު ނަސޭހަތްތެރިވެވަޑައިގަތެވެ.
އެފަދަ ވާހަކަތަކުގެ ސަބަބުން ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ގޯސްވެ، ދައުލަތުން ބޮޑެތި މާލީ ބަދަލުތަކެއް ދޭންޖެހިދާނެ ކަމަށް އެ މަނިކުފާނު އިންޒާރު ދެއްވި އެވެ.
އިދިކޮޅު ފަރާތްތަކުގެ މި ކެމްޕޭނަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރާ މަސައްކަތަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އާންމުކޮށް ފެންނަ މަންޒަރެކެވެ. އެއީ މަޝްރޫއަކުން ގައުމަށް ލިބޭނެ އިގްތިސާދީ ފައިދާއަށް ބެލުމެއް ނެތި، އާންމުންގެ ޖަޒުބާތާ ކުޅެގެން ސިޔާސީ ތާއީދު ހޯދުމުގެ އުކުޅެކެވެ.
ސަރުކާރާއި އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، 12 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓަކީ ރާއްޖޭގެ އިގްތިސާދަށް މިހާތަނަށް ވަންނާނެ އެންމެ ބޮޑު ރައުސްމާލެވެ. މި މަޝްރޫއުގެ ސަބަބުން:
ނަމަވެސް، އިދިކޮޅު ގިނަ ސިޔާސީ ފަރާތްތަކުން މި ހަގީގަތްތައް އޮޅުވާލައި، ދައްކަމުންދަނީ ޖަޒުބާތީ ވާހަކަތަކެކެވެ. އެމްޑީޕީން މި މަޝްރޫއު ސިފަކުރަމުންދަނީ ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ދާއިމީކޮށް ވަޒަންވެރިކުރުވައި، ގައުމުގެ ދީނާއި ސަގާފަތް ނައްތާލަން ހިންގާ ޖަރީމާއެއްގެ ގޮތުގަ އެވެ.
ރިފަރެންޑަމަކަށް ގޮވާލެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ މި ދެފުށްކެހެރި ސިޔާސަތަށް ނަޝީދު ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން، ރަސްމާލެއިން ބޭރު މީހުންނަށް ބިން ދިނުމާ ދެކޮޅަށް އަޑުއުފުލާ ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ އަމިއްލަ ބިމާއި ގެދޮރު ސްރީ ލަންކާ ފަދަ ބޭރު ގައުމުތަކުގައި އެބަހުރިކަން ނަޝީދު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އައްޑޫ ހުޅުދޫ ކައުންސިލުން ފާސްކުރި ފަދަ ރެސިޑެންޝަލް މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި އެބަހުރި ކަމަށް ވިދާޅުވެ، ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓްތަކުގެ ބޭނުމާ މެދު ވެސް އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.
އިދިކޮޅު ފަރާތްތަކުގެ މި ގޮވާލުންތަކަށް ރައްދު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެކަމަށް ވިދާޅުވެފަ އެވެ.
މި މަހުގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ގާނޫނުގެ ބިލުގައި ދިވެހި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ހިމާޔަތްކޮށްފައިވާނެ ކަމަށެވެ.
މަޖިލިހުގެ ކޮމިޓީ މަރުހަލާގައި އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ މި ބިލުގެ ސަބަބުން، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދިން ނަމަވެސް، އަންނަން އޮތް ޖީލުތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުންނަން ތައްޔާރުވަމުންދާއިރު، ރަސްމާލެ ބަހުސުން ފެންނަނީ ރާއްޖޭގެ ޑިމޮކްރަސީގައި އަބަދުވެސް ކުރިމަތިވާ ގޮންޖެހުމެކެވެ.
ބޮޑެތި ބަދަލުތައް ގެންނަންވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ތަރައްގީއަށް ލޯބިކުރާ ފަރާތްތަކުން ދެކެނީ ބިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ވައްދައިފި ނަމަ، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ގައުމުގެ އިގްތިސާދީ ކުރިއެރުން ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ މި ކެމްޕޭނަކީ ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް ކުރާ އިހުލާސްތެރި މަސައްކަތެއްތޯ ނުވަތަ އެތެރޭގެ އިންތިހާބުތަކާއި ސިޔާސީ ގޮތުން ޕޮއިންޓު ހޯދަން ޕޮޕިއުލިސްޓް ސިޔާސަތަކަށް ދީލާލުންތޯ، މިފަދަ މަޝްރޫއުތަކަށް ހުރަސްއެޅުމުގެ ތާރީހަށް ބަލައިލި ކޮންމެ ދިމާއަކުން އޮތީ ސާފުކޮށް ފެންނާށެވެ.