ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރިފަރެންޑަމެއް ނުނަގައި ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، އެއީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ނަޝީދު އިންޒާރު ދެއްވި އެވެ.

ރަސްމާލޭގައި ތަރައްގީކުރަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" ރެސިޑެންސީ މަޝްރޫއަކީ ކުރިއަށް ގެންދަން ރަނގަޅު މަޝްރޫއެއް ނަމަވެސް، އެ މަސައްކަތް ފެށުމުގެ ކުރިން ރައްޔިތުންގެ ރުހުމާއި އަޣުލަބިއްޔަތު ހޯދަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅުންނުފިލާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އަދި އެމްޑީޕީން މީގެ ކުރިން ފާސްކޮށްފައިވާ "ބޮޑު ބަދަލު" ސިޔާސަތުގައި ވެސް ބޮޑެތި ކަންކަން ނިންމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއަޅާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ކުރެވިދާނެ. ގަބޫލު ކުރެވިދާނެ. އެހެން ނަމަވެސް އެ ތަސައްވަރުތައް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވަނީ ނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ. ކަމެއް ކާމިޔާބު ކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު، ރުހުން އޮންނާންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރިފަރެންޑަމެއް ނުނަގައި ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، އެއީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ނަޝީދު އިންޒާރު ދެއްވި އެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ 12 ބިލިއަން ޑޮލަރުގެ މި މަޝްރޫއަށް ފެށުނީއްސުރެ ތާއީދު ކުރައްވާ ނަޝީދު ވިދާޅުވީ، ދައުލަތުން ސޮއިކޮށްފައިވާ "ސޮވަރިން އެގްރީމަންޓް" ފަދަ އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށް ބުނެ ޒިންމާދާރު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
މިގޮތުން، އެއްބަސްވުމެއް ބާތިލްކޮށްފި ނަމަ ދޭންޖެހޭ މާލީ ބަދަލުތައް އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުން ގޯސްވެ، ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރެސިޑެންޝަލް މަޝްރޫއުތައް ހިންގުމަށް ކޮންމެހެން ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ބޭނުން ނުވާ ކަމަށާއި، އައްޑޫ ހުޅުދޫ ކައުންސިލުން ފާސްކުރި ފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި އެބަހުރި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާ ހިނގުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން އިސްނަގައިގެން އިހުތިޖާޖެއް ބޭއްވުމަށް ނިންމާފައިވާކަން ނަޝީދު އިއުލާން ކުރެއްވި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލިހުން ވެސް އިހުތިޖާޖު ކުރުމަށް ފާސްކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ އެ ހަރަކާތުގެ އެންމެ ކުރީގައި ތިބޭނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައި ވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިއަލް އެސްޓޭޓް ގާނޫނުގެ ބިލުގައި ދިވެހި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ހިމާޔަތްކޮށްފައިވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ބިލު މިހާރު އޮތީ މަޖިލިހުގެ ކޮމިޓީ މަރުހަލާގައި އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.
ރަސްމާލެ މަޝްރޫއަކީ ޣައިރު ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ އެމްޑީޕީން ފާޑުކިޔަމުންދާއިރު، ނަޝީދު ވަނީ އެ މަޝްރޫއާ ދެކޮޅު ހަދާ ބައެއް ފަރާތްތަކުގެ އަމިއްލަ ބިމާއި ގެދޮރު ސްރީ ލަންކާ ފަދަ ގައުމުތަކުގައި ހުރިކަން ފާހަގަކުރައްވައި އެކަމަށް ފާޑުވިދާޅުވެފަ އެވެ.