މި ދާއިރާއިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑް ހަ ކުންފުންޏަކަށް ލިބިފައިވެ އެވެ.

އިޖުރިމާއީ ދާއިރާއިން މަަސައްކަތްކުރާ ފަރާތްތަަކުގެ އަގު ވަޒަންކުރަން އެމް.ވީ ޕްލަސް މީޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި "އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި 18 ވަނަ ދުވަހު ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، ރާއްޖޭގެ މުޖުތަމައަށް ހިދުމަތް ކުރުމުގައްޔާއި ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ މަދަނީ ޖަމިއްޔާތަކަށާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން، އާންމު ސިއްހަތުގެ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ތަޖުރިބާކާރެއްގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.

މި ދާއިރާއިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑް ހަ ކުންފުންޏަކަށް ލިބިފައިވެ އެވެ. މި ކުންފުނިތަކަށް އެވޯޑު ހަވާލުކޮށްދެއްވީ އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދުނާން ޗީމާއެވެ. މި އެވޯޑު ދީފައިވަނީ ރާއްޖޭގެ މުޖުތަމައަށް އެހީތެރިވުމަށާއި އިޖުތިމާއީ ތަރައްގީއަށް އެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް ލިބުނު ހަ ފަރާތް
ދަ ކޮކޫން ފައުންޑޭޝަން
ދިރާގު
ދުސިތު ތާނީ މޯލްޑިވްސް
ޖޯލި މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދަނީ ޖަމިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން އާންމު ފަރުދުން މުޖުތަމައަށް ކޮށްދޭ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ ހަފުލާއެކެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެމް.ވީ ޕްލަސް މީޑިއާގެ ކުރިއަށް އޮތް އެޑިޓޯރިއަލް އަދި ވަކާލާތު ކުރުމުގެ (އެޑްވޮކަސީ) މައިގަނޑު ކެމްޕޭން ކަމަށްވާ "ގްރޯވިންގް އަޕް މޯލްޑިވްސް" ވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. މިއީ އެ މީޑިއާއިން މީގެ ކުރިން ހިންގި ކާމިޔާބު ކެމްޕޭންތަކާ ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައު މަސައްކަތެކެވެ. އެމް.ވީ ޕްލަސް އިން ވަނީ 2023 އިން 2024 އަށް ރަށްވެހިކަމުގެ ހައްގުތަކާ ގުޅޭ ގޮތުންނާއި 2025 އިން 2026 އަށް ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ގޮތުން ގިނަ އަހަރުތަކަކަށް ބަހާލައިގެން ހާއްސަ ކެމްޕޭން ތަކެއް ހިންގާފަ އެވެ.