ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެންމެ މަތީ ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް

ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނައިދެއްވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވެ އެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހީމްގެ އާއިލާއިން ރައީސް ޑރ. މުއިއްޒުއާއެކު ފޮޓޯއަކަށް ހުއްޓިގެން -- ރައީސް އޮފީސް

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފިއެވެ.

މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. 

މިސްރުގެ ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނައިދެއްވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން 1981 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރައީސް އޮފީހުގެ އެޑްވައިޒަރުކަމުން ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޑރ. ރަޝީދު ވަނީ އެ އޮފީހުގެ ޚާއްޞަ ވަކީލުކަމާއި، 1987 ވަނަ އަހަރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާއެކު އެ މަދަރުސާގެ މުދީރުކަން ކުރައްވައި، އެ ތަނުގެ މުޤައްރަރު ހަރުދަނާކުރައްވައި ފެންވަރު މަތިކުރެއްވުމަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

އެ މަނިކުފާނުގެ ޢިލްމީ ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައްޔާއި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅެވެ. މީގެ އިތުރުން، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވައި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތަކާއި، ރޭޑިއޯ އަދި ޓީވީގެ ދީނީ ޕްރޮގްރާމްތަކުގައި ޢިލްމީ ތަޤްރީރުތައް ކުރައްވާފައިވެއެވެ.ލިޔުންތެރިކަމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ 

ޑރ. ރަޝީދު ވަނީ ގިނަ އަދަދެއްގެ ހުކުރު ހުތުބާ ލިޔުއްވައި، "ދީނުގެ މަގު" ނޫހަށް ކޮންމެ ހަފުތާއަކު ލިޔުއްވާފައެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ ދީނީ ވާހަކަތަކާއި ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް އެކުލެވޭ ސިލްސިލާ ފޮތްތައް ހިމެނޭހެން ގިނަ އަދަދެއްގެ ޢިލްމީ ފޮތްތައް ލިޔުއްވާފައިވެއެވެ.ބައިނަލްއަޤްވާމީ އެކި ކޮންފަރެންސްތަކުގައި ރާއްޖެ ތަމްސީލުކުރައްވައި ބޭރުގެ ބައެއް ޖަމުޢިއްޔާތަކުގައިވެސް ޚިދުމަތް ކުރައްވާފައިވާ ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ދައުލަތުގެ ވަޒީފާގައި އެންމެ ފަހުން އަދާކުރެއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަޤާމެވެ. އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވަނީ 10 ނޮވެންބަރު 2008 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.