ރެސްޓޯރަންޓު ހިންގާ ބިމުގެ އެއްބަސްވުން އެޗްޑީސީން ބާތިލް ކުރަން ނިންމީ ކުލި ނުދައްކާތީ

ހުޅުމާލޭގައި ހިންގާ "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" ހިންގާ ބިމުގެ އެއްބަސްވުން ބާތިލުކޮށް އެ ތަން ހުސްކުރަން އެންގި އެންގުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މިއަދު ބާތިލުކޮށްފި އެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރިވެލި ރެސްޓޯރަންޓާއެކު ވެފައި އޮތް ބިމުގެ އެއްބަސްވުން ބާތިލު ކުރަން ނިންމީ އެ ބިމަށް ދައްކަން ޖެހޭ ކުލި ނުދައްކާތީ އެވެ. އެގޮތުން މިހާތަނަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނިން ނުދައްކާ އެބައޮތެވެ.
އެކަމާ ގުޅިގެން މިދިޔަ މަހު ފަހުކޮޅު އެޗްޑީސީން ވަނީ ރިވެލި ރެސްޓޯރަންޓްގެ ބިމާ ގުޅޭގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ސިޓީއަކުން އަންގައިފަ އެވެ.
އެޗްޑީސީން އެ ބިން އަތުލުމުގެ މަސައްކަތް ފެށުމުން ރިވެލި ރެސްޓޯރަންޓުގެ ފަރާތުން ވަނީ އެ މައްސަލަ ކޯޓަށް ހުށަޅައިފަ އެވެ. އަދި ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ވަނީ ރެސްޓޯރަންޓް ހިންގުމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
ނަމަވެސް އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެޗްޑީސީން ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޭރު ނެރުނު އަމުރު ބާތިލް ކުރަން ނިންމައިފަ އެވެ.
- ދައުވާ ލިބޭ އެޗްޑީސީގެ ޣައިރު ހާޒިރުގައި ނެރެފައިވާ މި ވަގުތީ އަމުރު ދެމިއޮތުމުގެ ސަބަބުން، އެ ކޯޕަރޭޝަނަށް ހައްގު ނޫން ބުރައެއް އުފުލަންޖެހުން.
- މައްސަލައިގެ މައުޟޫ އަށް ގޮތެއް ކަނޑައަޅާއިރު އެއްފަރާތަށް ލިބޭ ގެއްލުމަކީ މިވަގުތު މިންނުކުރެވޭ ފަދަ ގެއްލުމަކަށް ވެދާނެތީ އެ އަމުރު ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ޝަރީއަތަށް ފެނުން.
- ދައުވާ ފޯމާއެކު ސޮލާރިސް އިން ފުރަތަމަ އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މީގެ ކުރިން ނިންމާފައިވާކަމާއި، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް މިހާތަނަށް ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަން. އަދި ފުރަތަމަ އަމުރު ނެރެދެވެން ނެތްކަމަށް ނިންމި ފަހުން ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން.
އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، ސޮލާރިސަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ލިބޭނެ ފުރިހަމަ އިންތިޒާމު އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވުން.