ވޭތުވެދިޔަ ތިން އަހަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުމަށް ބޮޑެތި ބަދަލުތަކަކާއި، ރައްޔިތުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިން ތިން އަހަރެވެ.

ވޭތުވެދިޔަ ތިން އަހަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުމަށް ބޮޑެތި ބަދަލުތަކަކާއި، ރައްޔިތުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިން ތިން އަހަރެވެ. ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، އާއިލާތަކުގެ ޖީބަށް ލުއިފަސޭހަކޮށްދިނުމާއި، ބިން ހިއްކުމާއި، މުޖުތަމައުގެ އެންމެން ޝާމިލުވާފަދަ ހިތްފަސޭހަ އަވަށެއް ބިނާކުރަން އެޗްޑީސީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދެމެހެއްޓެނިވި އިގުތިސާދެއް ގާއިމުކުރުމާއި ތިމާވެށި ރައްކާތެރިކުރުމާއި އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން ކަށަވަރުކުރުމާއި ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކުގެ އިތުރުން ގުޑް ގަވަނަންސްގެ އުސޫލުތަކުގެ ތެރެއިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގިނަ ކާމިޔާބީތަކެއް ހޯދުނު ތިން އަހަރެވެ.
ހަމައެކަނި މާލެ ސަރަހައްދުގެ ބަދަލުގައި، އަތޮޅުތެރޭގެ ރަށްރަށުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން މި ކޯޕަރޭޝަނުން ވަނީ ބޮޑެތި މަޝްރޫއުތަކެއް ރާވާފައެވެ. މި ގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3,960 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މި ޕްރޮގްރާމްގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ އަދި މަރަދޫ ހިމެނެއެވެ.
މަތީ ތައުލީމު ހާސިލުކުރުމަށް މާލެ އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން 198 ކޯ-ލިވިންގ ސްޓޫޑެންޓް އެކޮމޮޑޭޝަން ޖާގަ ހިމެނޭ "އެކުވެހި" މިހާރު ވަނީ ބޭނުންކުރަން ފެށުމާ ގާތްވެފައެވެ.
މުޅި ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ވެސް މި ކޯޕަރޭޝަނުން ފާއިތުވި ތިން އަހަރު ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން، ހިޔާ ޓަވަރު 8 ގައި އިސްރަށްވެހިންގެ ޑްރޮޕް-އިން ސެންޓަރެއް ގާއިމުކޮށްފައިވާއިރު، އަލް-އަޞްރު ޖަމިއްޔާއާ ގުޅިގެން ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށާއި "ޔަންގް ޤާރީސް" ޕްރޮގްރާމް ވެސް ވަނީ ހިންގާފައެވެ.
ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށާއި، 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް، އޭގެ ތެރެއިން 41 އައުޓްޑޯ ޖިމް މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، ފޮތް ކިޔުމަށް ޚާއްސަ "ރީޑިންގ ނޫކް"ތަކާއި ޕާކުތައް ތަރައްގީކޮށް، އިޖުތިމާއީ އަދި ތިމާވެށީގެ ހަރަކާތްތަކުގައި އަމިއްލަ ޖަމިއްޔާތަކާ އެކު ވަނީ މަސައްކަތްކޮށްފައެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2028 ގެ ނިޔަލަށް 1 މިލިއަން ގަސް އިންދުމަށް މި ކޯޕަރޭޝަނުން ވެފައިވާ ވައުދުގެ ދަށުން، މިހާތަނަށް 115,377 ގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން ކުޑަގިރިއާއި ހުޅުމާލޭގައި މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ފަރުކޮޅުފުށްޓާއި ލ. ގަމުގައި ގަސް ނާސަރީތައް ވަނީ ގާއިމުކޮށްފައެވެ. އަދި، ޔޫއެންޑީޕީއާއި ޖަޕާނު ސަރުކާރާ ގުޅިގެން "އާބަން ފާމިންގ" މަޝްރޫއު ވަނީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ.

ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށް، އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޗްޑީސީން ވަނީ ތާރީޚީ ލުއިތަކެއް ދީފައެވެ. މިއީ އެތައް ހާސް އާއިލާއެއްގެ ދިރިއުޅުމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މިގޮތުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ތައާރަފުކުރި ޚާއްސަ ލުއިތަކުގެ ދަށުން، ވިނަރެސް ފުލެޓެތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓެއްދީ، މަހު ކުލިން އިތުރު 4,200 ރުފިޔާ އުނިކޮށް، މެނޭޖްމަންޓް ފީ 1,000 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. މީގެ އިތުރުން، ވިނަރެސް ފްލެޓްތަކުގެ އިންޓަރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ވަނީ ކުޑަކޮށްދީފައެވެ.
މިއީ މި 3 އަހަރުގެ ތެރޭގައި ގެނެވުނު މުހިންމު ބަދަލުތަކެވެ. އަދި 2024 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ކޮންމެ ފުލެޓަކުން އެވްރެޖްކޮށް 200,000 ރުފިޔާ އުނިކޮށްދީ، ކުރިން މަހަކު ދައްކަމުން އައި 8,500 ރުފިޔާގެ ކުލި، 7 އަހަރު ދުވަހުގެ މުއްދަތަށް މަހަކު 4,984.21 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. އަދި، 2024 ފެބްރުއަރީ އިން ފެށިގެން ހުޅުމާލެ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.
މީގެ އިތުރުން، ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ގެދޮރުވެރިކަމާއި އިގުތިސާދީ މަސައްކަތްތަކަށް ތަނަވަސް ޖާގަ ހޯދައިދިނުމަށް ވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ކޯޕަރޭޝަނުން ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އެ
ގޮތުން، މި އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ތާރީޚީ ބޮޑު މަޝްރޫއު "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ފަށައި، 2026 ނޮވެންބަރު 10 ގެ ނިޔަލަށް 713.43 ހެކްޓަރުގެ ބިން ހިއްކާފައިވުމެވެ.
މީގެ އިތުރުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 698 ގޯއްޗާއި ކުރިމަގުގެ ތަރައްގީއަށްޓަކައި ހުޅުމާލެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ސިނާއީ، ވިޔަފާރި އަދި ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމަށް ތިލަފުށި ދެވަނަ ފިޔަވަހިން 117 ހެކްޓަރު ވަނީ ހިއްކާފައެވެ. އަދި، މިއާއެކު އިތުރު 102 ހެކްޓަރު ތިލަފުށިން ހިއްކުމުގެ މަޝްރޫއު ވެސް ވަނީ ފަށާފައެވެ.

މި ކޯޕަރޭޝަންގެ އެންމެ މައިގަނޑު އެއް ވިސްނުމަކީ ހުޅުމާލެއަކީ މި ތަނުގައި ދިރިއުޅޭ މީހުންނަށް ވީހާ ވެސް ހިތްފަސޭހަ، ހިތްހަމަޖެހޭ ތަނަކަށް ހެދުމެވެ. އެ ގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ ދުވަހަކު ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. މިގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓުގެ އާ އިމާރާތް ނިންމައި ރަސްމީކޮށް ހަވާލުކޮށްފައިވާއިރު، ނުނިމި 20 އަހަރެއްހާ ދުވަހަށް ދިގުލައިގެން ގޮސްފައިވާ ފަސް ތަރީގެ "މޭންހަޓަން ގްރޭންޑް ހޮޓެލް" ވަނީ ހުޅުވާފައެވެ. އަދި، އެޗްޑީސީގެ 400 އަށްވުރެ ގިނަ މުވައްޒަފުންނަށް ޚާއްޞަކޮށްގެން "ހިޔާ ވެހި" (ރީތިގަސް) މަޝްރޫއު ނިންމައި، މުވައްޒަފުންނަށް ފުލެޓުތައް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއަކީ ވެސް 2017 ވަނަ އަހަރު ފެށުމަށް ފަހު، ނުނިމި ދިގުލައިގެން ގޮސްފައި އޮތް މަސައްކަތެކެވެ.
މި ފަދަ ހުއްޓިފައި ހުރި ގިނަ މަޝްރޫއުތަކެއް އަލުން ފަށައިގަނެ، އެ މަސައްކަތްތަކުގެ ފައިދާ ރައްޔިތުންނަށް ހަމައަށް ފޯރުކޮށްދެވުމަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތެވެ.
މީގެ އިތުރުން، ހިޔާގެ 16 ޓަވަރުގައި ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް، ޖުމުލަ 32 ލިފްޓް، ވަނީ ބަހައްޓާފައެވެ. އަދި، މުސްތަގުބަލުގައި ހުޅުމާލެއަކީ ހުރިހާ ޚިދުމަތެއް ފުރިހަމައަށް ލިބޭ ތަނަކަށް ހެދުމަށްޓަކައި، އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން 10,500 ހައުސިންގ ޔުނިޓް އެޅުމަށް ބިން ވަނީ ކަނޑައަޅާފައެވެ.
ސިއްހީ ދާއިރާއިން ނޭޝަނަލް ހެލްތު ލެބޯޓްރީ، މެންޓަލް ހޮސްޕިޓަލް، ތެލެސީމިއާ ހޮސްޕިޓަލް، މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލް، ޑިސްއެބިލިޓީ މެނޭޖްމަންޓް ސެންޓަރު، އަދި އިސްރަށްވެހިންގެ މަރުކަޒު ބިނާކުރުމަށް ބިން ވަނީ ދޫކޮށްފައެވެ. އަދި، އާންމު ޚިދުމަތްތަކާއި ސަލާމަތީ ކަންކަމަށްޓަކައި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތްދޭ މަރުކަޒެއް،
ފުލުހުންގެ މައި މަރުކަޒާއި ޑޭޓާ ސެންޓަރެއް، ކަސްޓަމްސް ޓްރެއިނިންގ ފެސިލިޓީއެއް، ޕާކިންގ ޒޯންތަކުގެ އިތުރުން ކުނި މެނޭޖްކުރާ ވޭސްޓް ޓްރާންސްފަ ސްޓޭޝަނަކަށް ވެސް ވަނީ ބިން ދީފައިވެއެވެ.
މަސްވެރިކަން ކުރިއެރުވުމަށް ކަނޑުމަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއި ފިޝް ޕްރޮސެސިންގ ޕްލާންޓަކަށް ބިން ހަމަޖައްސާފައިވާއިރު، ތައުލީމާއި ސަގާފަތާއި ދީނީ ކަންކަމަށް ގައުމީ ކުތުބުޚާނާއާއި، އިސްލާމިކް ޔުނިވަރސިޓީއާއި، މީޑިއާ ވިލެޖާއި، މިސްކިތްތަކަށް ވެސް ވަނީ ބިން ދޫކޮށްފައެވެ. ކުޅިވަރާއި މުނިފޫހިފިލުވުމަށްޓަކައި ސްޕޯޓްސް ޑިސްޓްރިކްޓާއި، ފުޓްސަލް އަދި މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ އިތުރުން ބޯލިންގ އަދި ގޯ-ކާޓް އެރީނާތަކަށް ވެސް ބިން ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫއުތައް ފުރިހަމަވުމުން ހުޅުމާލެއަކީ ހިތްފަސޭހަ، އުޅެން ފަސޭހަ ތަނަކަށް ހެދުމުގެ އަމާޒުގެ ބޮޑުބައެއް ހާސިލުވާނެއެވެ.
މީގެ އިތުރުން ހުޅުމާލެއާއި ކުޑަގިރިއަކީ އާއިލާތަކާ އެކު އުފާވެރި ވަގުތު ހޭދަކޮށްލެވޭނެ ރައްކާތެރި ތަންތަނަށް ހެދުމަށް ވެސް މި އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ ރައުންޑްއެބައުޓްތައް ހަދައި، 88 ސްޕީޑް ބަމްޕަރު ހަރުކޮށް، ޓްރެފިކް ފްލޯ ރަނގަޅުކޮށް، އިތުރު ބަސް ހުއްޓިތައް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ހުޅުމާލޭގައި ނުހެދި ހުރި މަގުތައް ހަދައި، ހަލާކުވެފައިވާ މަގުތައް ވަނީ މަރާމާތުކޮށްފައެވެ.
ކުޅިވަރާއި މުނިފޫހިފިލުވުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތައްޔާރުކުރެވުނު އެންވަން ސްޕޯޓްސް ޕާކާއި ކުޅިވަރު އެކުވެނި ވަނީ ނިންމާފައެވެ. އަދި ފިތުރޯނު ޕާކާއި، ސްޓެލްކޯ ޕާކާއި، ވިނަރެސް ޕާކާއި، ޕޮކެޓް ޕާކްތަކުގެ އިތުރުން އައުޓްޑޯ ޖިމްތައް ވަނީ ތަރައްގީކޮށްފައެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވީހާ ވެސް ފަސޭހައިން ކުޅިވަރާއި ކަސްރަތުކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަކީ މި ކޯޕަރޭޝަނުން ބޮޑު އިސްކަމެއްދޭ މަސައްކަތެކެވެ.
މީގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން މަގުތައް ސާފުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އަޅާފައިވެއެވެ. އަދި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ގޮނޑުދޮށަށް ފޭބޭނެ ރޭމްޕް ހަދައި، ހިޔާ ސަރަހައްދުގެ ކޯޓްޔާޑްތަކާއި، ރެސިޑެންޝަލް އެކްސެސް އަދި އާންމު ސަރަހައްދުތައް ރަމަތަކޮށްފައިވެއެވެ. ކުޑަގިރީގައި "ދޫނިއާ ޑައިވް ސައިޓް" ގެ ނަމުގައި ޚާއްސަ ސައިޓެއް ވަނީ ގާއިމުކޮށްފައެވެ.

އެޗްޑީސީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ މި ކޯޕަރޭޝަނުން އަބަދު ވެސް ކުރަމުން އަންނަ މަސައްކަތްތަކެވެ. އެ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީތަކުގެ ނަތީޖާއަކަށްވީ މި އަހަރުގެ ތެރޭގައި ގައުމީ ފެންވަރުގެ ބޮޑެތި ކާމިޔާބީތަކެއް ލިބުމެވެ. މި ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް ރިވެލި އެވޯޑް 2026
ވެސް ވަނީ ލިބިފައެވެ. އަދި، މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ ލިބިފައިވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރްޓީއައި) ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށް މި ކޯޕަރޭޝަންވުމަކީ ވެސް މި އަހަރުގެ ކާމިޔާބެކެވެ. މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ހިޔާ އަދި ވިނަރެސް މަޝްރޫއަށް ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް ފަސް އަހަރަށް ރީސްޓްރަކްޗާކޮށް، ރުފިޔާއާއި ޑޮލަރުގެ ލިކުއިޑިޓީއަށް ބޮޑު ލުޔެއް ހޯދައިދީފައިވެއެވެ. މިއީ ކުންފުނީގެ މާލީ ދުޅަހެޔޮކަން އިތުރަށް ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ހޯދުނު މުހިންމު ކާމިޔާބީއެކެވެ. އަދި، ކަސްޓަމަރުންގެ ކްރެޑިޓް މައުލޫމާތު މަރުކަޒީ ބޭންކުގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ (ސީއާރްއައިބީ) ޑޭޓާބޭސްއަށް ގަވާއިދުން އަޕްޑޭޓްކުރަން ފަށައި، އައިއެސްއޯ 9001:2015 ސެޓްފިކެޓް އާކޮށްފައިވެއެވެ.
މި މުއްދަތުގައި ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަސައްކަތަކީ ސްޓްރެޓީޖިކް ޕްލޭން 2025–2030 އިފުތިތާހުކުރުމެވެ.
ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާން މެދުވެރިވި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަލުން ފަށައިގަނެ، ނިންމާލުމަކީ މި އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބެވެ. އަދި، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫއުތަކާއި، ހުޅުމާލެއަކީ ހިތްފަސޭހަ، އުޅެން ފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގިނަ ކަމިޔާބުތަކެއް ވަނީ ހޯދިފައެވެ.
ފާއިތުވީ 3 އަހަރަކީ އާ އުންމީދުތަކާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަގީގަތަކަށް ހެދުނު ތިން އަހަރެވެ.
އަލަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ އަލީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ކޯޕަރޭޝަންގެ އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް، ދިވެހިން ފަހުރުވެރިވާ ފަދަ ޒަމާނީ، އަދި ހިތްފަސޭހަ ވެށްޓެއް ބިނާކުރުމެވެ. ގައުމު ބިނާކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ފުރިހަމައަށް ބައިވެރިވުމެވެ