މިއަހަރު މި އަދަދު ބޮޑުތަނުން އިތުރުވުމުގެ އެންމެ ބޮޑު ބާރަކަށްވީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބައި ބިލިއަން ރުފިޔާގެ ޑިވޑެންޑް ދެއްކުމެވެ.

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ދެއްކި ޑިވިޑެންޑް ނުވަތަ ފައިދާ % 61.3 އިތުރުވެފައިވާއިރު، މި އަހަރު އެންމެ ބޮޑު އަދަދެއް ދެއްކީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކަމަށް ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ލިބުނު ޑިވިޑެންޑް ނުވަތަ ފައިދާގެ ހިއްސާ %61.3 އިންސައްތަ އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ފިނޭންސް އިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުނިތަކުން ލިބުނީ 654.7 މިލިއަން ރުފިޔާ ކަމަށްވާއިރު، މިއަހަރު މި އަދަދު ބޮޑުތަނުން އިތުރުވުމުގެ އެންމެ ބޮޑު ބާރަކަށްވީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ލިބުނު 572.7 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑް އިތުރުވުމާއެކު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 35.96 ބިލިއަން (36.0 ބިލިއަން) އަށް އަަރާފަ އެވެ.
ފިސްކަލް ރިޕޯޓުގައިވާ ގޮތުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 24.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ %10.3 ކުރިއެރުމަކާއެކު 27.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ ތެރޭގައި ޖީއެސްޓީ %6.2 އިތުރުވެ، 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 22.9 އިންސައްތަ އިތުރުވެ، ލިބުނު 6.1 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ %13.5 އިތުރުވެ 3.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ 29.4 އިންސައްތަ އިތުރުވެ 2.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ %64.9 އިތުރުވެ 528.2 މިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ %1.2 ދަށްވެ 8.1 ބިލިއަން ރުފިޔާއަށް ތިރިވެފަ އެވެ.