ރައީސް ވިދާޅުވި ގޮތުގައި، މިހާ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަމުން ވެސް ރައްޔިތުންނަށް ދެމުންދާ އަސާސީ އެއްވެސް ހިދުމަތަކަށް ބުރޫނާރައި ކުރިއަށް ގެންދެވިފައިވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެކި ކުންފުނިތަކަށް ނުދައްކާ ހުރި ބިލުތައް ދެއްކުމަށް 25.1 ބިލިއަން ރުފިޔާ ހޭދަކޮށް، ބޭރުގެ ދަރަނީގެ ގޮތުގައި 1.45 ބިލިއަން އެމެރިކާ ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަފްލާގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދައުރު ނިމުނުއިރު އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލުތަކެއް ހުރި ކަމަށެވެ.
އެގޮތުން 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި އެ ބިލުތައް ދެއްކުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން 1.55 ބިލިއަން ރުފިޔާގެ ބިލުތައް އެކި ކުންފުނިތަކަށް ދައްކައި ނިންމާފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ދަރަނި އަދާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި 10 އަހަރުގެ ތެރޭގައި ދަރަނި ދެއްކުމަށް ހޭދަނުކުރާ މިންވަރަށް މި ސަރުކާރުން ހޭދަކޮށްފައިވާ ކަމަށެވެ.
"ކަރަންސީ ސްވޮޕާއެކު 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި މިހާތަނަށް ދައްކައިފިން. މިއީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދު. މި އަދަދަކީ މީގެ ކުރީގެ 10 އަހަރު ތެރޭގައި ދެއްކި އަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަމުން ވެސް ރައްޔިތުންނަށް ދެމުންދާ އަސާސީ އެއްވެސް ހިދުމަތަކަށް ބުރޫނާރައި ކުރިއަށް ގެންދެވިފައިވެ އެވެ.
އަދި 2023 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު އޮތް މިންވަރަށްވުރެ، 2028 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ކުޑަކުރެވިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިގޮތުން، 2029 ވަނަ އަހަރު އަންނައިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 112.9 ޕަސެންޓަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ކޮވިޑް-19 ގެ ކުރިން އިގްތިސާދު އޮތް މިންވަރަށްވުރެ ވެސް ރަނގަޅު މިންވަރެކެވެ.
އަދި މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ ހަމައަށް ދައުލަތުގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އުފުލި، ރެކޯޑު މިންވަރަކަށް މަތިކުރެވުނު ކަމަށާއި، ދަރަނި ދެއްކުމާއެކު ރިޒާވް ދަށްވި ނަމަވެސް، އަންނަ އަހަރު މިއަށްވުރެ ރިޒާވް އިތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބޭރުގެ ފަރާތްތަކުން ވެސް މި ކުރިއެރުންތައް ބަލައިގަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.