ގައުމަށް ފައިދާހުރި "އުނދަގޫ" ނިންމުންތަކުން އަޅުވާ "ލޭބަލް"ތަކަށް ރައީސްގެ ފަރުވާލެއް ނެތް

ރައީސް ވިދާޅުވީ، ގައުމާއި ދިވެހި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އާންމުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް ނެތް ނުވަތަ "އަންޕޮޕިއުލާ" ނިންމެވުންތަކެއް ވެސް ނިންމަވާފައިވާނެ ކަމަށެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ގައުމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނިންމަވާ "އުނދަގޫ" ނިންމުންތަކާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކާއެކު އެކި ފަރާތްތަކުން އަޅުވާ ލޭބަލްތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށާއި، ވެރިކަމުގައި ކުރިއަށް ވަޑައިގަންނަވާނީ "އެންމެ ފުރަތަމަ ގައުމު" މި ޝިއާރުގެ ދަށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމާއި ދިވެހި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އާންމުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް ނެތް ނުވަތަ "އަންޕޮޕިއުލާ" ނިންމެވުންތަކެއް ވެސް ނިންމަވާފައިވާނެ ކަމަށެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކުރަން އުޅުނު ދަނޑިވަޅުގައި އެކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ، ސިޔާސީ ގޮތުން ވޯޓު ގެއްލޭނެ ކަމަށް ބުނެ އެތައް ބަޔަކު އެކަން ނުކުރުމަށް އެދުނެވެ. 

އަދި މިފަދަ ކަންބޮޑުވުންތަކަކީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމެވި އިރުވެސް ކުރިމަތިވެވަޑައިގެންނެވި ކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު އެންމެ ފުރަތަމަ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖޭއަށް އައުން މަނާކުރަން ނިންމިއިރު ވެސް އައި ކަމެއް. އޭރު ވެސް ރިސޯޓު އިންޑަސްޓްރީގެ ބޮޑެތި މީހުން އަޅުގަނޑު ކައިރިގައި ދެންނެވީ ތިކަން ނުކުރާށޭ. ޓޫރިޒަމް އިންޑަސްޓްރީ ހަލާކޭ ވާނީ. މިތަނުގައި ވަރަށް ގިނައޭ އިޒްރޭލުގެ އިންވެސްޓަރުން، އޮޕަރޭޓްކުރާ މީހުން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ވިޔަފާރި އާއި ސިޔާސީ ގެއްލުންތަކަށް ބެއްލެވުމެއް ނެތި ވޭޕް މަނާކުރެއްވުމުގެ ހެޔޮ ނަތީޖާ މިއަދު ގައުމުން ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފިޔަވަޅު ނޭޅުއްވި ނަމަ، ތުއްތު ކުދިންނަށް ނުހަނު ނުރައްކާތެރި މާހައުލަކަށް ހުށަހެޅިގެން ދިޔައީސް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ވަކި އުމުރެއްގެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ތައާރަފުކުރި "ޖެނަރޭޝަން ބޭން" އަކީ ވެސް ޒުވާނުންގެ ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށާއި، ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މިއަދު ދުނިޔޭގެ އެހެން ގައުމުތަކުން އެ ނިންމުން ބަލައިގަނެ މިސާލު ނަގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، ދިވެހިންގެ ކިބައިގައި ގައުމީ ލޯތްބާއި އިހުލާސްތެރިކަން ބޮޑުކަން ފާހަގަކުރައްވައި، ދުވަސްވީ ރަށްވެއްސަކު އެ މަނިކުފާނަށް ދެއްވި ނަސޭހަތެއްގެ މަތިން ރައީސް ހަނދުމަފުޅު އާކުރެއްވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ރަނގަޅު ނިންމުންތަކަށް ފުރަތަމަ ފާޑުކިޔުން އަމާޒުވި ނަމަވެސް، ފަހުން އޭގެ ފައިދާ ފެނުމުން ރައްޔިތުން އެކަން ބަލައިގަނެ ޝުކުރުވެރިވާނެ ކަމަށާއި، އެހެންކަމުން ގައުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ފަސްނުޖެހި ކުރިއަށް ވަޑައިގަތުމަށް އެ އިސް ރަށްވެހިޔާ ނަސޭހަތްތެރިވި އެވެ.

"ދެން އަސްލުގައި އަޅުގަނޑަށް ވަރިހަމަ ކޮންމެ ކަހަލަ ނަމެއް ކިޔަސް. އަޅުގަނޑަކީ ދެން މީސް މީހުން ކިޔާ ލޭބަލަށް މާބޮޑަށް ވިސްނާ މީހެއް ނޫން. އެންމެ ފުރަތަމަ ގައުމު އެ ލޭބަލާ އެކު އަޅުގަނޑަށް ކުރިއަށް ދެވެންޏާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.