ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ އިޤްތިސޯދީ މަސައްކަތް ކަމަށެވެ.

ތިލަފުއްޓަށް މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ އިގްތިސޯދީ އެންމެ މުހިންމު މަޝްރޫއުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ އިޤްތިސާދީ އެއް މަސައްކަތް ކަމަށެވެ. މާލޭގެ ތޮއްޖެހިފައިވާ ކުޑަ ޕޯޓުގެ ބަދަލުގައި އެއަށްވުރެ ހަ ގުނަ ބޮޑު ސަރަހައްދަކަށް ޕޯޓު ބަދަލުކުރުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޕޯޓް ބަދަލު ކުރަނީ ހަ ގުނަ ބޮޑު ސަރަހައްދަކަށް ބަދަލުވީމަ ވިޔަފާރި ވަރަށް ބޮޑުތަކަށް ކަމަށާ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ތިލަފުށީ ޕޯޓުގެ މަސައްކަތް ނިމުމުން، ނޯތު ހާބަރުގައި މިހާރު ދިމާވާ ޖާގައިގެ ދަތިތަކަށް ޙައްލު ލިބޭނެކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ވަނީ ފާހަގަކޮށްފައެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އެ ކުންފުނިން ބުނީ، ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމާއެކު 2.3 ކިލޯމީޓަރުގެ ކީވޯލްއެއް އެތަނުގައި އޮންނާނެ ކަމަށާއި އެކަމުން ވިޔަފާރިވެރިންނަށް އެކަށީގެންވާ ލުޔެއް ލިބޭނެ ކަމަށެވެ.