އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި އަބޫދާބީގެ ސާހް ގްރޫޕާއެކު ސޮއިކޮށްފި

މިއީ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ހިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި ޔޫ.އޭ.އީގެ އަބޫދާބީއަށް ނިސްބަތްވާ ސާހް ގްރޫޕް ފޮ ޓެކްނިކަލް ސާވިސަސް އެލް.އެލް.ސީ އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސް.ޓީ.އޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީ.އީ.އޯ ޝިމާދު އިބްރާހީމް ސޮއިކުރެއްވި އިރު، ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީ.އީ.އޯ އަޙްމަދު އިބްރާހީމް އަލީ މުހައްމަދު އަލްމުތާވާ އެވެ.

މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ހިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ. 

މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި:

  • ބައިނަލްއަޤްވާމީ ފެންވަރުގެ ކޮމަރޝަލް ބަނދަރެއް ޤާއިމުކުރުން.
  • މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުން.
  • ފަތުރުވެރިކަމާއި އެހެނިހެން ވިޔަފާރި ޚިދުމަތްތައް އެކުލެވޭހެން ސަރަޙައްދު ތަރައްޤީކުރުން.

ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަޙައްދުގެ ފައިދާ އެންމެ ފުރިހަމައަށް ނެގުމަށް އޮތް އެންމެ އެކަށޭނަ ސަރަޙައްދެވެ. 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ސަރޙް ގްރޫޕުން މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަޞީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގަ އެވެ.

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާއި ފުރަތަމަ ރިޔާސީ ބަޔާނުގައި ހިމެނޭ ވަޢުދެކެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ "ވިޝަން 2040" ގެ ދަށުން ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

މި އެއްބަސްވުމުގެ ދަށުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރެވި، އުތުރުގެ އަތޮޅުތަކުގެ އިޤްޠިޞާދީ ޙަރަކާތްތައް އިތުރުވެ، ދެމެހެއްޓެނިވި މަންފާ ލިބޭނެހެން މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.