ކުރިއަށް އޮތް ރިޔާސީ އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީން މިއަދު ރަސްމީކޮށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެ ޕާޓީގެ އިސް ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ، ޕީއެންސީއާ އެކު މަސައްކަތް ކުރުމަށް ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހާއި އަތޮޅުތަކުގައި ތިބި މެންބަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އަދި މި ނިންމުން ނިންމީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އިތުރުން އިގުތިސާދު ކުރިއެރުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ އެކު މަސައްކަތްކުރަން މި ނިންމީ އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާނޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި، ޒަކާތާއި ވަގުފުގެ ނިޒާމު ހަރުދަނާކުރުމާއި، ހާފިޒުންނާއި ޒުވާން ޚަތީބުން އުފެއްދުމުގެ އިތުރުން ވަތަނީ ހިދުމަތާއި ތައުލީމީ ނިޒާމަށް ގެންނަ ހެޔޮ ބަދަލުތަކަކީ އެ ޕާޓީން ބަލައިގަންނަ މުހިންމު ކަންކަމެވެ.
އަދި ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް މިލްކުނުކުރެވޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވާއިރު، ގައުމުގެ މިނިވަންކަމާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގައި ދެ ޕާޓީގެ ވިސްނުން އެއްގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، އިތުރު ޕާޓީއަކާ އެކު މަސައްކަތް ފެށުމަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕީއެންސީން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.
އަދި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަކަށް ރައީސް މުއިއްޒު ހެދުމަކީ ދެ ޕާޓީގެ ވެސް އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަން ކުރަން މި ޖެހެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމަސީގެ ރިވެތި އުސޫލުން ހާރިޖީގުޅުންތައް ގާއިމްކުރައްވައި، ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި ހަމަޖެހުން ގާއިމްކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށާއި، ދިވެހި ރައްޔިތުންގެ މުސްތަގުބަލާއި ތަރައްގީއަށް އޮތް އެންމެ ރަނގަޅު މަގަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާއިރު، އެ ޕާޓީއަކީ މީގެ ކުރިން ވެސް އެކި ސަރުކާރުތަކުގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޕާޓީއެކެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީން ވަނީ ބައިވެރިވެފަ އެވެ.