އޭސީސީއަށް ހޭދަކުރި ކޮންމެ ރުފިޔާއަކަށް 2.9 ރުފިޔާ އަނބުރާ ހޯދަން އެދިފައިވާނެ: ޝާމިލް

އެ މުއްދަތުގައި ކޮމިޝަނުން ނިންމި ތަހުގީގުތަކުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ 206 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި

އޭސީސީގެ ރައީސް އާދަމް ޝާމިލް

ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގުމަށް ދައުލަތުން ހޭދަކުރި ކޮންމެ 1 ރުފިޔާއަކަށް 2.9 ރުފިޔާގެ ނިސްބަތުން ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އެ ކޮމިޝަނުން އިދާރާތަކުގައި އެދިފައިވާނެ ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝާމިލް ވިދާޅުވީ، 2022 އިން 2025 އަށް އެ ކޮމިޝަނަށް ޖުމްލަ 70 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާ ކަމަށެވެ. 

އަދި އެ މުއްދަތުގައި ކޮމިޝަނުން ނިންމި ތަހުގީގުތަކުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ 206 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޝަންގެ ގާނޫނީ ޒިންމާތަކަށް އަލިއަޅުއްވާލައްވަމުން ޝާމިލް ވިދާޅުވީ، އޭސީސީގެ ދައުރަކީ މައްސަލަތައް ތަހުގީގުކޮށް، އެ ފައިސާ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް އެންގުން ކަމަށެވެ. އަދި ކޯޓުތަކަށް ގޮސްގެން ސީދާ އެ ފައިސާ ހޯދުމުގެ ގާނޫނީ ބާރު ކޮމިޝަނަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ މި އަދަދުތައް ރިކަވާކޮށްދޭން އެދޭކަށް އަޅުގަނޑުމެންނަކަށް ނެތް ކޯޓަށް ދެވޭކަށް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދި ބާރު ތެރޭގައި ވެސް ހިމެނޭ ކަމެއް ނޫން އެއީ،" ޝާމިލް ވިދާޅުވި އެވެ.

ދައުލަތުން ކުރި ހަރަދާ އަޅާބަލާއިރު، އެއަށްވުރެ މާ ބޮޑު އަދަދެއް ހޯދަން އެދިފައިވުމަކީ ކޮމިޝަނުން ނަތީޖާ ނެރޭ ކަމުގެ ހެއްކެއް ކަމަށް ޝާމިލް ވިދާޅުވި އެވެ. 

މީގެ އިތުރުން، ހިނގަމުންދިޔަ ކޮރަޕްޝަންގެ އެތައް އަމަލެއް ތަހުގީގުކޮށް ހުއްޓުވުމުގެ ސަބަބުން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައްކާތެރިކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތައް ތަހުގީގު ކުރުމުގެ ޒިންމާ އޭސީސީއަށް އޮންނައިރު، ތަހުގީގުތަކުގެ ފެންވަރު މިހާރަށްވުރެ ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށް ޝާމިލް ވިދާޅުވި އެވެ. ނަމަވެސް، ގާބިލު މުވައްޒަފުން ކޮމިޝަނުގައި ހިފެހެއްޓޭނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅުކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

  • ހުށަހެޅި ބަޖެޓު: 53.9 މިލިއަން ރުފިޔާ
  • ފިނޭންސުން ކަނޑައެޅި ބަޖެޓު: 47.5 މިލިއަން ރުފިޔާ
  • އުނިކުރި އަދަދު: 6.4 މިލިއަން ރުފިޔާ (މީގެ 90 ޕަސެންޓް އުނިކޮށްފައިވަނީ މުވައްޒަފުންގެ މުސާރައިން)

އޭސީސީން ބުނި ގޮތުގައި، މުވައްޒަފުންގެ މުސާރައާއި، ކުއްޔާއި، ޔޫޓިލިޓީ އަދި އިދާރީ ހަރަދުތައް ކެނޑުމަށްފަހު، ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބަޖެޓުން ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ އެވެ. އެއީ މުޅި ބަޖެޓުގެ އެންމެ ދެ ޕަސެންޓެވެ.

1.2 މިލިއަން ރުފިޔާ ބެހިފައިވާ ގޮތް:

  • މުވައްޒަފުން ތަމްރީނު ކުރުމަށް: 391,000ރ.
  • ގުޅުން ބަދަހިކުރުމަށް: 371,000ރ.
  • ތަހުގީގު ދަތުރުތަކަށް: 200,000ރ.
  • ހޭލުންތެރިކަން އިތުރުކުރުމަށް: 100,000ރ.
  • ޕްރިވެންޝަން ހަރަކާތްތަކަށް: 100,000ރ.

ޝާމިލް ވިދާޅުވި ގޮތުގައި ކޮމިޝަންގެ ބައެއް މުވައްޒަފުންގެ މުސާރަ މިހާރު ހުރީ 2015 ވަނަ އަހަރު ހުރި މިންވަރަށް ވުރެވެސް ދަށްކޮށެވެ. ބުރަކޮށް، ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ އިދާރާއަކަށް ވާއިރު، މުސާރަ ރަނގަޅުކުރެވިއްޖެ ނަމަ ތަމްރީނު ލިބިފައިވާ ގާބިލު ތަހުގީގުވެރިން ކޮމިޝަނުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރުމަށާއި، ކޮމިޝަންގެ އެކަޑަމީ މެދުވެރިކޮށް އަންނަ އަހަރު ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރުވެސް އޭސީސީ ހިންގަމުންދަނީ އާންމުން ދިރިއުޅޭ އިމާރާތެއްގައި ކަމަށްވާތީ، ތަހުގީގުތަކަށް މީހުން ހާޒިރުކުރުމުގައާއި އިދާރީ ހިންގުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކޮށް، ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ފައިސާ ހަމަޖައްސައިދިނުމަށް ކޮމިޝަނުން ވަނީ މަޖިލީހުގައި އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.