ކުދިންނަށް ޖިންސީ ގޯނާކުރި ބަޔަކު ގޭބަންދުގައި ތިބި މައްސަލައެއް މަޖިލީހަށް

މި ސިޓީ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ ސިޓީގައި ގިނަ ކަންތައްތަކެއް ސާފު ކުރަން އެދިފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ، ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު މިވަގުތު ގޭބަންދުގައި ތިބިކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. 

މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީގައި މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި، ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އިން ދައްކާ ގޮތުން މިވަގުތު 20 ކުށްވެރިޔަކު ތިބީ ގޭބަންދުގައެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ އަދި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށްވާތީ، މިކަމުގެ ތަފްޞީލު މަޢުލޫމާތު ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުން އަޅަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އަށް ޙަވާލާދެއްވައި މެންބަރު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ޙުކުމް ތަންފީޛުކުރަމުންދާ މީހުންނަށް ކަފާލާތާއި ޕެރޯލްގެ ފުރުޞަތު ނުލިބޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ޤާނޫނުތަކުގެ މަޤްޞަދަކީ ޙުކުމް ފުރިހަމަވަންދެން އެފަދަ ކުށްވެރިން ޖަލުގައި ބައިތިއްބައިގެން ކުޑަކުދިން ރައްކާތެރިކުރުން ކަމަށްވެސް ސިޓީގައިވެއެވެ.

މި މައްސަލައިގައި ޤާނޫނީ ޒިންމާ އޮތް ފަރާތްތައް ދެނެގަނެ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދި މެންބަރު ވަނީ މައިގަނޑު ފަސް ކަމެއް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ސާފުކުރަން އެދޭ މައުލޫމާތު

  • މި މީހުން ޖަލުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ކޮން ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންތޯއާއި ކޮން އުސޫލަކުންތޯ ބެލުން. ގޭބަންދުގައި ތިބުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކާއި، އެ ޝަރުޠުތަކަށް ޢަމަލުކުރޭތޯ ބަލަހައްޓާ ފަރާތްތައް ދެނެގަތުން.
  • އެ މީހުން ތިބި ގޭގެއާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެ ރަށްރަށުގެ ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ ބެލުން.
  • އެ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅައިގެން ބަލަހައްޓާ ނިޒާމެއް އޮވޭތޯއާއި، އެކަމުގައި ވުޒާރާއިން ގެންގުޅޭ ސިޔާސަތު ސާފުކުރުން.
  • މި މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ވުޒާރާއިން ކުރާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުން

މެންބަރުގެ މި މި ސިޓީއާއެކު، ގޭބަންދުގައި މިވަގުތު ތިބި ކަމަށް ދަފްތަރުން ދައްކާ 20 މީހުންގެ މަޢުލޫމާތާއި ފޮޓޯ ހިމެނޭ ލިސްޓެއްވެސް ވަނީ ހުށަހަޅާފައެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.